ޖަލަށްލީތާ 43 އަހަރު ފަހުން ކުށެއްނެތް ކަމަށް ބުނެ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ކުށެއް ނެތް މީހަކަށް ހުކުމްކޮށް 43 އަހަރު ވާދެން އެމެރިކާގައި ޖަލަށް ލައިގެން ގެންގުޅުމަށް ފަހު ކުށެއް ނެތްކަމަށް ބުނެ ދޫކޮށްލައިފިއެވެ. އޭނާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ ކުށެއް ނުކުރާކަމަށެވެ. އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ. އެކަމަކު އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތައް އޭނާ ހޭދަކުރަން ޖެހުނީ ޖަލުގެ ދަގަނޑު ތޭރިތަކުގެ ފަހަތުގައެވެ.

މިހާރު އުމުރުން 62 އަހަރު ވެފައިވާ ކެވިން ސްޓްރިކްލޭންޑް ތިން މީހުން މެރިކަމުގެ ކުށް ސާބިތުވެގެން ޖަލަށްލީ 50 އަހަރަށެވެ.

ޝަރީޢަތް ހިނގަމުން ދިޔަ ދުވަސްވަރު އަދި އޭގެ ފަހަށް ވެސް ކެވިން ބުނަމުން ދިޔައީ އޭނާއަކީ ކުށެއް ނުކުރާ މައުސޫމް މީހެއް ކަމަށެވެ. އެކަމަކު އޭނާއަކީ ކުށެއް ނުކުރާ މީހެއް ކަން އޭނާއަށް އޮތީ ސާބިތުކޮށްނުދެވިފައެވެ. ބަޑިޖަހައި ބަޔަކު މަރާލި ހާދިސާއާ އޭނާއާ ގުޅުމެއް ނެތަސް އޭނާގެ މައްޗަށް ހުކުމް ކުރީ ހާދިސާ ހިނގިތާގައި އޭނާއަށް ހުރެވުމުގެ އިތުރަށް އޭނާއާ ދެކޮޅަށް ހުށަހެޅުނު ހެކިތަކުގެ ސަބަބުންނެވެ. ގިނަ ދުވަސްތަކެއް އޭނާ ޖަލުގައި ހޭދަކުރަން ޖެހުނީ ޕެރޯލްގެ ދަށުންވެސް އޭނާ މިނިވަން ނުކުރުމަށް ހުކުމުގައި ބަޔާންކޮށްފައި އޮތުމުގެ ސަބަބުންނެވެ.

އިންސާފެއް ނެތް އަނިޔާވެރި ހުކުމަކަށްފަހު ކެވިން 43 އަހަރު ފަހުން ޖަލުން ދޫކޮށްލިއިރު އޭނާ އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ވަރަށް ބަސްމަދެވެ.

ކެވިން ވަނީ އޭނާ މިނިވަންކުރަން މެދުކެނޑުމެއްނެތި މަސައްކަތް ކުރި ވަކީލުންގެ ޓީމަށާއި އެކަމުގައި ބައިވެރިވި އެހެން މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ކެވިންއަށް ދެވުނު އަދަބަކީ އެމެރިކާގެ ތާރީޚުގައި ވެސް ކުށެއް ނުކުރާ މީހަކަށް ދެވުނު އެންމެ ބޮޑު އެއް އަދަބެވެ. އަދި އެއީ މިސޫރީގެ ތާރީޚުގައި ކުށެއް ނުކުރާ މީހަކަށް ލިބުނު އެންމެ ބޮޑު އަދަބެވެ.

”އަހަރެންގެ ހަޔާތުގައި މިދުވަސް އަންނާނޭކަމަށް އަހަންނަށް ވިސްނާލެވިފައެއްވެސް ނެތް.“ ޖަލުން ދޫކޮށްލުމުން ކެވިން ބުންޏެވެ. ”އަހަރެން ދޫކޮށްލާ ޚަބަރު އަހަންނަށް އިވުނީ ޓީވީގެ ކުއްލި ޚަބަރަކުން.“

ޕްރޮސިކިއުޓަރގެ ބަޔާނުގައި އެހާ ގިނަދުވަހަށް ފަހުން ވެސް ކުށެއް ނެތް މީހަކަށް އިންސާފު ލިބުނީތީ އުފަލާއި ހަމަޖެހުން ލިބުނުކަމަށް ބުނެފައިވެއެވެ.

ކެވިން ވަނީ އޭނާއަށް ލިބުނު ފަދަ އަނިޔާއެއް އެހެން މީހުންނަށް ނުލިބޭނޭ ފަދަގޮތަކަށް ތަހުގީގާއި ޝަރީޢަތް ހިންގުމަށް ގޮވާލާފައެވެ.

އެއްވެސް ކުށެއް ނެތް މީހަކަށް ކޯޓުން ކުރި އަނިޔާވެރި އަދި އިންސާފެއް ނެތް ހުކުމަކާ ގުޅިގެން 43 އަހަރު ކެވިން ޖަލުގައި ހޭދަކުރަން ޖެހުނަސް ބަދަލުގައި އޭނާއަށް އެންމެ ލޯލާރިއެއް ވެސް ގާނޫނީ ހަމަތަކުގެ ދަށުން ލިބޭކަށް ނެތެވެ. އެހެންވެ ކެވިންއަށް އައު ދިރިއުޅުމެއް ހޯދައި ދިނުމަށް ބޭނުންވާ ފައިސާ ޖަމާ ކުރުމަށް ޚާއްޞަ އެކައުންޓެއް ވަނީ ހުޅުވާފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާ އާއި ވޭނުގެ ހިތިކަން ކިތަންމެ ގިނަ އަދަދެއްގެ ފައިސާއިން ވެސް ފިލުވައެއް ނުލެވޭނެއެވެ.

 

 

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް