ސްޕްރީމް ކޯޓުން ޕީޖީގެ ވަކީލުން ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ސްޕްރީމް ކޯޓުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ޖޫެރިމަނާކޮށްފިއެވެ.

 

ކޯޓުން ޕީޖީ އޮފީހުގެ ވަކީލުން ޖޫރިމަނާ ކުރީ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް ގަޑިޖެހިގެން ހާޒިރުވުމުން ންނެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޝަރީއަތް މިއަދު ހެނދުނު 9:00 އަށް ޝަރީއަތް ފެށުމަށް ހަމަޖައްސާފައި އޮތްއިރު  ޕީޖީ އޮފީހުގެ ވަކީލުންނަށް ހާޒިރުވެވުނީ އޭގެ 11 މިނެޓް ފަހުންނެވެ.

މިއަދުގެ އަޑުއެހުން ފެށުމަށްފަހު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ކޯޓުން ފޮނުވާ ޗިޓެއްގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައިވާނަމަ އެއީ ކޯޓު އަމުރެއް ކަމަށް ދެކި އެގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރަންޖެހޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ގަޑިޖެހިފައިވާތީ އެކަން ތަކުރާރުނުކުރަން އިލްތިމާސް ކުރައްވަމުން ފަނޑިޔާރު ސުއޫދު ވަނީ ޕީޖީގެ ވަކީލުން 250 ރުފިޔާ އިން ޖޫރިމަނާކުރައްވާފަ އެވެ.

”“ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް އެނގޭތޯ. އެހެންވީމާ ގަޑިއަށް ސަމާލުކަން ދެއްވުން އެދެން“ ފަނޑިޔާރު ވިދާޅުވި އެެވެ.

ސުޕްރީމް ކޯޓުގެ ގަވައިދުގެ 88 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރި ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ފަނޑިޔާރު ސުއޫދު ވަނީ އަންގަވާފަ އެވެ. އެންގެވި މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ޕީޖީ އޮފީހުގެ ވަކީލުންނަށް ޝަރީއަތްތަކުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް އެންގެވި އެވެ. އެކަމަކު މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވެވި އެވެ.

މީގެ 12 އަހަރު ކުރިން ޑިސެމްބަރު، 2009 ގައި ޝީރީން މަރުގެ މައްސަލާގައި ތުހުމަތުކުރެވިގެން ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނެފައިވަނީ މ. ކުރަހާގޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ޝީރީނާއި ނަޖާހު އުޅުމުގެ ތެރޭގައި ޝީރީނަށް ހަމަލާދީ ނަޖާހު އޭނާ މަރާލާފައިވާ ކަމަށެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ނަޖާހުގެ މައްޗަށް ކުރި ނަމަވެސް ސީދާ އެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ނުނިންމަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ ”ގަސްދުމަރާ ވައްތަރު މަރު“ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ. ހައިކޯޓުގެ ހުކުމް ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

 

Loading

One Response

  1. ހެޔޮކޮށް ތިހެއްދެވީ. ދައުލަތުގެ ނަމުގައި ސަކަރާތްޖެހިޔަ ދެއްވާނެކަމަދއްނެތް. ޕީޖީ އަކީ ސިޔާސީ ބޭފުޅެއް. ދައުލަތުގެ އޭޖީ އޭ ކިޔާތީވެސް ލަދުގަނެއެވެ. ހިސާނާ ރިފަތާ ދެމީހުން ލޯފާމް ހިންގަންތިބިނަމަ މި ސަރުކާރުގެ ޢަދުލު އިންސާފު މިއަށްވުރެ ތާހިރުވީސްކަން ގައިމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް