ސަރުކާރަށް ތިން އަހަރު: ވައުދު ކަނޑަންވީ ވައުދުން

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަގާމާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަވާލުވެވަޑައިގެންނެވިތާ ބަރާބަރު ތިން އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެއްބަޔަކު ރައީސް ޞާލިޙުގެ ތިން އަހަރަށް އޭ ޕްލަސް ދީ ތައުރީފާއި ސަނާ ކިޔަމުންދާއިރު އަނެއްބަޔަކު ދަނީ ރައީސް ޞާލިޙުގެ ތިން އަހަރަކީ ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، 17 ނޮވެންބަރު 2018ގައި ޤައުމާ މުޚާޠަބު ކުރައްވައި ވަރަށް މުހިއްމު ތަގުރީރެއް ދެއްވިއެވެ. އެ ތަގުރީރުގައި އެ މަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންތައް ބަޔާންކުރެއވިއެވެ. ތިރީގައި އެ ވަނީ ރައީސް ދެއްކެވި ވާހަކަފުޅުގެ ބައެއް މުހިންމު ތަންތަންކޮޅެވެ.

”މިއަދު އެންމެ ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް މި އަރުވަނީ، ﷲގެ ވާގިފުޅާއެކު އަޅުގަނޑު މި ކުރި ހުވަޔާ އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިހުންނާނެ ކަމުގެ ޔަޤީންކަން.

– ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ދިވެހިރާއްޖޭގެ ވޯޓުލީ އާބާދީގެ 58.4 އިންސައްތަ އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދެއްވި. އަދި އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަށް 41.6 އިންސައްތަ ވޯޓް ދެއްވި. ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ވޯޓު ދެއްވީ، އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެންނަގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިޚްތިޔާރުކުރެއްވި ގޮތަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ.

– ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަންވާނެ.

– ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެށްޓެއް ޤާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެތެރެއިން އެއްވެސް ވަޢުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވަޢުދެއް ނޫން.

– މާތް ﷲގެ ވާގިފުޅާއެކު، މި ފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ، ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެންދާ މަންޒަރު. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެންދާ މަންޒަރު.

– މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވާ ފުރުޞަތަކީ، ޤައުމެއްގެ ޙަޔާތުގައި މަދުން މެނުވީ ލިބޭނޭ ފުރުޞަތެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކުވެސް ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، އެކަންކަން ރައްކާތެރިކޮށް ކުރިއަށް ދިޔުމަށް އެއްބަސްވެގެން. ޤައުމު މި އޮތް ޙާލަތުން އެހެން ޙާލަތަކަށް ގެންދެވޭނީ އަޅުގަނޑުމެން އެންމެންނަށް އެކުގައި ކުރެވޭ މަސައްކަތަކުން. އިރާދަކުރެއްވިއްޔާ އަލަށް މި އުފެދިގެންދާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި، ތަފާތެއް ނުކުރެވޭނެ. އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެ.

– އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމާ ޙަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ، ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރެވިގެންދާ ތަން ފެނުން ކަމުގައި. ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހީން ކުރި ތަޖުރިބާއިން އެނގުނު ޙަޤީޤަތަކީ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން. ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަން. ޤާނޫނުއަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން، ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން. ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރަން ޖެހިފައިވާކަން. މިއީ، އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ކުރާން ފަށާނޭ އެއް މަސައްކަތް.

– އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މިއަދު ޙަވާލުވާއިރު، ދައުލަތުގެ މާލީ ޙާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫޢުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު. ޚިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި. އެއީ ރައްޔިތުންނަށްޓަކައި ޚަރަދުކުރަންހުރި ރައްޔިތުންގެ ފައިސާ. ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފެއްނުވޭ. ދައުލަތުގެ މާލިއްޔާގެ ޙާލަތު މިގޮތުގައި އޮތް ކަމުގައިވީނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، ކުރަންޖެހިފައިވާ ކަންކަމަށް އުނިކަމެއް ނައިސް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ޢަޒުމް ކަނޑައަޅަން.

– މިއަދު ދިވެހި ޤައުމު ވައްޓާލާފައިމިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިޔުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައިދޭން އެބަޖެހޭ. އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭން އެބަޖެހޭ. ދިވެހި ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދޭންޖެހޭ. ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ.

– އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޘަޤާފަތް ނައްތާލުން. ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ. ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަށަވަރުކޮށްދޭނަން.

– ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑު ހަރުދަނާ ފިޔަޅުތަކެއް އަޅާނަން. ސަރުކާރުގެ އަމާޒަކަށް ވާނީ، ވިޔަފާރިތަކަށް ފަހި ވެށްޓެއް ޤާއިމުކޮށްދިނުން. ހުޅުވާލެވިފައިވާ ވާދަވެރި، ފަސޭހަ ވިޔަފާރީގެ މާޙައުލެއް އުފައްދައިދިނުން.

– ތަރައްޤީގެ ނަމުގައި، ރާއްޖޭގެ މި ޤުދުރަތީ ވެށި ސުންނާފަތި ކުރުމަކީ، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތަކަށް މެނުވީ ނުވާނެ. އަޅުގަނޑު މިއަދު އަމާޒު ހިފަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކަނޑައެޅޭ ރަށްރަށާއި، ފަޅުފަޅާއި، ކަނޑޫފާ ހިމެނޭގޮތުން ތިމާވެށި ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދިޔުމަށް. އިރާދަކުރެއްވިއްޔާ މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަ ތަރައްޤީ ވެގެންދާނީ ތިމާވެށްޓާ އެއްކީލިކޮށް ގެނެވޭ ތަރައްޤީއަކަށް.

– ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެށޭނެ. އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފެށޭނެ.

– މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތަކީ، ދިވެހިރާއްޖެ ވޭތުވެދިޔަ ފަސް އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން. ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބު. ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް. އިންޑިއާއާއި އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން.

– ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލް ރައްކާތެރިކޮށް، ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާޙައުލެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އެންމެ އިސް މަސްއޫލިއްޔަތު. މިކަން ކުރުމަށްޓަކައި، ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަމާއި، ވަސީލަތްތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރުގައި އެ ދެ މުއައްސަސާއަކީ، ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ޤަދަރުވެރި ދެ މުއައްސަސާ ކަމުގައި ވެގެންދާނެ.

– ގުޅިފައިވާ ބަދަހި އިއްތިހާދަކާއެކު، މިއަދު އަޅުގަނޑުމެން މި އުފައްދާ ސަރުކާރު އިރާދަކުރެއްވިއްޔާ، ވެގެންދާނީ، ހުރިހާ ދާއިރާއަކުން މި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް. ރައްޔިތުންނަށް އިންސާފުވެރި ހެޔޮ ވެރިކަމެއް ކޮށްދޭނެ ސަރުކާރަކަށް. ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށެއްނުލާނަން.“

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، 17 ނޮވެމްބަރު 2018ގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ގޯހެކޭ ނުދެންނެވޭނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް ބުދަވުވަހު ތިން އަހަރު ފުރިގެން ދިޔައިރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަދި އޭގެ ކުރީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނު ކުރައްވާފައިވާ ވައުދުތައް ފާއިތުވެދިޔަ ތިން އަހަރު ފުދިފައި ވަނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ އެ މަނިކުފާނުގެ ފުރަތަމަ ތަގުރީރު ދިރާސާކުރުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ.

މިއީ ރައީސް ގައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރާ މެދު ފުންކޮށް ވިސްނައި ވައުދުތައް ހަގީގަތަކަށް ހަދަން އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައިވާ މުހިއްމު ދަނޑިވަޅެވެ.

ފާއިތުވެ ދިޔަ ތިން އަހަރު ދުވަހު، ނުކުރެވި ހުރި ހުރިކާމަކެއް ކުރީގެ ސަރުކާރާއި ކޮވިޑް-19ގެ ބޮލަށް ކަނޑާލައިގެން ތިބުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔައިރު ނަތީޖާ ނެރެން ވައުދު ކަނޑަން ޖެހެނީ ވައުދުންނެވެ.

 

Loading

2 Responses

  1. ދީނައްޓަކައި ގައުމަށްޓަކައި ރައްޔަތުންނަށްޓަކައި؟ ކިހިނެއް މިވީ. ގާތް އެންމެނާއި ޕާޓީގެ ކުދިންކޮޅަށް ހާހުން ހާހުން ވަޒީފާ އުފަށްދައި މަޖިލިސް މެމްބަރުން ގަންނަން ޚަރަދު ބަރަދުކޮށް ދައުލަތް ފުނޑުނީ. އާއެކެވެ. ކޮވިޑްގެ މުސީބާތްވެސް ޖެހުނެވެ. އެއިންވެސް ތިބާމެން ނެގީ ނާޖާއިސު ފައިދާ ނޫންތޯއެވެ. ޢަލީވަހީދު ނާޗަރަންގީ ކުޅެފައި އެ ދިޔައީ. ވެންޓީލޭޓަރުތަށް ވީތަނެއްވެސް އަދިވެސް ރައީސް މީހާއަކަށް ނޭގުނުތާ އެ ބޮޑު ޚިޔާނާތް ވީ މީހުންތައް އެތިބީ ހަމަ ހީލަހީލާ. ތަނަކަށް ގެންގޮސްގެން ސުވާލެއް ކޮށްލުމެއްވެސް ނެތެ. ދެންދޯ؟؟؟
    ޔާމީނު ވައްކަން ކުރާތީ ނުނިދިގެން ވެރިކަމަށް އައިމީހުންގެ ޙާލާމެދު ވަރަށް ދެރަވަމެވެ. ހުރިހާ ގެއްލުމެއް ރައްޔަތުމީހާ އަށެސެވެ. ކިހާ ދެރަތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް