ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރާ ބިލު ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން  “ދިވެހި ރާއްޖޭގެ ފޮރިން ސާވިސް”ގެ ނަމުގައި ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ  އޮކްޓޫބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސާވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސާވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ”ދިވެހިރާއްޖޭގެ ފޮރިން ސަރވިސް“ ގެ ނަމުގައި، ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވޭނެއެވެ. އަދި، ފޮރިން ސާވިސް އެކުލެވިގެންވަނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ގނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

ގާނޫނުގައިވާ ގޮތުން ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެއެވެ. އަދި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންކަމުގައި މި ގާނޫނުގައި ވެއެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސަރވިސް އެކުލަވާލަންވާނެކަމަށާއި، ދިވެހިރާއްޖޭގެ ފޮރިން ސާވިސް ބެހިގެންވަނީ އެގްޒެކެޓިވް ސާވިސް ސްޓާފުން؛ އަދި ޖެނެރަލް ސާވިސް ސްޓާފުންގެ މަގާމުތަކުގެ މައްޗަށްކަމުގައި ގާނޫނުގައި ވެއެވެ.

މީގެ އިތުރުން ވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ގާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގްކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް