މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޖީ 20 ގެ ގައުމުތަކަށް

Loading

Facebook
Twitter
WhatsApp

ޖީ 20 ގެ ގައުމުތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އިގުތިސާދީ ގޮތުން އެންމެ ބާރުގަދަ 20 ގައުމަށް ދެވިފައިވާ ނަމެކެވެ. މިއަހަރު ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޯޕް 26 ) ގައި ގިނަ ގައުމުތަކުން ފާހަގަކޮށްފައިވާ ގޮތުގައި މޫސުން ބަދަލުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުން އެކަމުގެ އަސަރު ކުރާނީ ދިވެހި ރާއްޖެއާއި ޓުވަލޫ ފަދަ ކުދި ގައުމުތަކަށް އެކަންޏެއް ނޫނެވެ. ޓޯކިޔޯ، ބްރަސެލްސް އަދި ނިއުޔޯކް ފަދަ ދުނިޔޭގެ އިގުތިސާދުގެ ބޮޑު ބަޔެއް ކޮންޓްރޯލް ކުރަމުންދާ މުއްސަނދި ގައުމުތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.

ޖީ 20 ގެ ހުރިހާ ގައުމެއްގެ ވެސް އެއްގޮތް އެއްސިފައެއް ފާހަގަކުރެވެއެވެ. އެއީ އެއިން ކޮންމެ ގައުމެއްގެވެސް ގޮނޑުދޮށް ކައިރީގައި ގިނަ ބަޔަކު ދިރިއުޅެމުންދާ ކަމެވެ. އެއިން ކޮންމެ ގައުމެއްގެ ގޮނޑުދޮށްތައްވަނީ މީހުންނާއި އިމާރާތްކަތުން ފުރި ތޮއްޖެހިފައެވެ. ސާރވޭތަކުން ހާމަވެފައިވާ ގޮތުގައި ޖައްވަށް ދޫވަމުންދާ ވިހަ ގޭސްތަކުގެ 80 އިންސައްތަ ދޫކުރަމުން ދަނީ ޖީ 20 ގެ ގައުމުތަކުންނެވެ. ނަތީޖާއެއްގެ ގޮތުން ހޫނުގަދަވުމާއި، ބިންގަނޑު ހިކި ހަނަފަސްވުމާއި، އަލިފާނުގެ ހާދިސާތަކުގެ އިތުރުން ފެންބޮޑުވުން ފަދަ ގުދުރަތީ ކާރިސާތައް މިހާރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މޫސުން ބަދަލުވުމުގެ ސަބަބުން ދިމާވަމުންމިދާ ކަންކަމުން އެއިން އެއްވެސް ގައުމަކަށް ބަރީއަވެވެން ނެތް އިރު މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ހިންގުމަށް އެ ގައުމުތަކުގެ ވެރިން ފުރުސަތު ދެމުން ދާކަމީ ވަރަށްވެސް ހިތާމަހުރި މައްސަލައެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި އޮސްޓްރޭލިޔާގައި ފެންބޮޑުވުމާއި، ތޫފާންތައް އިތުރުވުމާއި، އަލިފާނުގެ ހާދިސާތައް މިހާރު މިދާ ބާރުމިނުގައި އިތުރުވަމުންދާނަމަ އެ ގައުމުގެ މުޅި އިގުތިސާދު އަނދަވަޅަކަށް ވެއްޓި ގައުމުގެ ހާލަތު ދަށަށް ދިޔުން އެކަށީގެންވެއެވެ. މީގެ އިތުރުން ޖީ 20 ގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ ގައުމު ކަމަށްވާ އިންޑިޔާ އަށްވެސް މޫސުން ބަދަލުވުމުގެ ސަބަބަން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެން ދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރައްވައެވެ. އެ ގައުމުގައި ދިރިއުޅެމުންދާ އެތައް ހާސް ދަނޑުވެރިންނަށް އެމީހުންގެ ވަޒީފާ އަދާ ނުކުރެވި ގައުމު ބަނޑަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފެންބޮޑުވުމުގެ ކާރިސާތަކުގައި 18 މިލިއަން މީހުންގެ ފުރާނަ ގެއްލޭނެކަމަށް ކަމުގެ މާހިރުން ވަނީ ލަފާކުރައްވާފައެވެ. އަދި ހޫނު މޫސުން ދިގުވެ ހޫނުމިން 25 ގުނަ އިތުރުވެގެން ދާނެކަމަށްވެސް އެބޭފުޅުން ދަނީ އިންޒާރު ދެއްވަމުންނެވެ. އެހެންކަމުން ޖީ 20 ގެ ގައުމުތަކުން މި ކަންކަމާމެދު އިތުރަށް ސަމާލުނުވެ މުސްތަގުބަލު އުޖާލާ ނުވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ސައިންސްވެރިން މިހާރުވެސް ދަނީ 2050 ވަނަ އަހަރާއި ހަމަޔަށް ދާއިރު ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބުނެ އިންޒާރު ދެމުންނެވެ. މޫސުން ބަދަލުވުމުގެ މުސީބާތް ހުއްޓުމަކަށް ނާންނަ ނަމަ ކޮވިޑް-19 ގެ ސަބަބުން ދިމާވި އިގުތިސާދީ ހީނަރުކަމަށް ވުރެ އެތައް ހާސް ގުނަ ބޮޑު މުސީބާތަކާ މުޅި ދުނިޔެ ކުރިމަތިލާން ޖެހޭނެކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް