ބޯޑުގެ ލަފައާ އެއްގޮތަށް މިނިމަމްވޭޖް ކަނޑަނޭޅުނީ ކޮވިޑްގެ ސަބަބުން: ފައްޔާޒް

Loading

Facebook
Twitter
WhatsApp

 

 

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން އެ މަސައްކަތް ހަވާލުކުރި މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް މިނިމަމް ވޭޖް ކަނޑަނޭޅުނީ ކޮވިޑްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް އިއުލާން ކުރުމަށް ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވި އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނަމަވެސް އެ އަދަދުތައް ކަނޑައެޅެން ނެތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު އޮތް ހާލަތުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ޕްރައިވެޓް ސެކްޓާ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ނަމަ ގާތްގަނޑަކަށް 4500 ރުފިޔާއެވެ.

ނަމަވެސް ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 5،000ރ. ކަނޑައަޅަން ބޯޑުން ލަފާދީފައި ވެއެވެ.

ބޯޑުން ލަފާ ދިން އަދަދުތަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަމުގެ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ލަފާ ދިނީ ގަޑި އިރަކަށް 42.79 ރުފިޔާ ނަމަވެސް މިނިސްޓްރީން ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ.

ޕަބްލިކް ސެކްޓަރަށް ކަނޑައަޅައިފައިވަނީ ބޯޑުން ދިން ލަފަޔާ އެއްގޮތަށް ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު މިނިމަމް ވޭޖު ބޯޑުން މިނިސްޓްރީއަށް ލަފާ ދިނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ކަމަށާ އޭރު އިގްތިސޯދު ބިނާ ވެފައި އޮތް ގޮތުންނަމަ އެންމެންނަށް އެއް އަދަދެއް ކަނޑައަޅައިފިނަމަ ގެއްލުންވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޯޑުން ފޮނުވި އަދަދުތައް މިވަގުތު ތަންފީޒު ކުރެވެން ނެތީ އިގްތިސޯދު އޮތް ހާލަތުގެ ސަބަބުން، ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ވެސް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ކަމަށެވެ.

މިއީ ވަޒީފާ އަދާކުރާ މީހުންނަށް މިހާރަށް ރަނގަޅު އަދަދެއް، ވިޔަފާރިތަކަށް ކުރިއަށް އޮތްތަނުގައި ފައިދާކުރާނެ އަދަދެއް،“ މިނިސްޓަރު ވިދާޅުވި އެވެ.

އަދި  ރާއްޖޭގެ އިގްތިސޯދު 2019 ވަނަ އަހަރު އޮތް ހާލަތަށް ރުޖޫއަވާން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ މީގެ 20 އަހަރު ކުރިން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ދުވަހު އަދަދުތަކެއް ކަނޑައެޅި ނަމަ މިއަދު މިނިމަމް ވޭޖު ކަނޑައެޅުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތި ނުވާނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް