ބައެއް ސީންތަކަށް ދާ ޕޮލިހުން ވަރަށް އަނިޔާވެރިއެވެ.

Loading

Facebook
Twitter
WhatsApp

ކުށުގެ ވެށިން އަތުލައިގަނެވޭ މީހުންނާ މެދު ޕޮލިހުން މުޢާމަލާތް ކުރަނީ ވަރަށް ހުތުރު ބަހުރުވައިންނެވެ. އަދި ޢަމަލު ކުރަނީ ވެސް މުސްލިމް އުންމަތެއްގެ ތެރޭގައި އޮންނަން ޖެހޭ އަޚުލާޤީ މިންގަނޑުތަކާ މުޅިން ޚިލާފަށެވެ. އެހެން ކަމުން ބައެއް ޕޮލިހުންގެ މަށްޗަށް ގިނަ ބަޔަކު ހިތް ނުބައިވެ ބަދަލު ހިފުމުގެ ރޫޙު އުފެދޭ ކަމީ އިންސާނީ ކަރާމާތް ގެއްލިގެން ދާ ކަމެކެވެ. މިވާހަކަ މިދަންނަވަނީ ކުރެވިފައިވާ ތަޖްރިބާގެ އަލީގައެވެ.

ކުށުގެ ވެށިން ހައްޔަރު ކުރެވޭ މީހާ ޕޮލިހުންނަށް އެއްބާރުލުންދީ ނުހަނު ކިޔަމަންތެރި ކަމާއެކު ޕޮލިހުންގެ ސުވާލުތަކަށް އިޙުތިރާމާއެކު ޖަވާބު ދެމުން ގެންދާއިރު ޕޮލިހުން އެ މީހާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބިރުދައްކައި ނުހަނު ދަށު ދަރަޖައިގެ ޢަމަލުތައް ކުރާކަމީ މިފަދަ ޕޮލިހުންގެ މައްޗަށް އެކި ފަރާތްތަކުން ޙަސަދަ ވެރިވެ ބަދަލު ހިފުމުގެ ރޫޙު އިތުރުވެގެން ދާނެ ކަމެކެވެ. އެއްވެސް މީހަކު އެމީހާ އެހުރި މަގާމުގައި ތާއަބަދަކު ނުހުންނާނެއެވެ. މިފަދަ އެތައް ބަޔަކު ނިކަމެތި ވެފައި މަގުމަތީގައި އުޅެމުން ދާތަން އެބަފެނެއެވެ.

އިއްޔެ އާރާއިބާރުގައި ހުރެ ރައްޔިތުންނާ ހުތުރުބަހުން މުޢާމަލާތް ކޮށް ދަށުދަރަޖައިގެ ޢަމަލުތައް ހިންގާފައިވާ މީހާ އާރެއްބާރެއްނެތި ހުއްޓައި ފެނުމުން މަޢާފު ނުކޮށް ބަދަލު ހިފަން ބޭނުންވާ އެތައް ބަޔަކު އުޅޭނެ ކަމީ ގަބޫލު ކުރަން ޖެހޭ ޙަގީގަތެކެވެ. ޕޮލިހުން ރައްޔިތުންނާ މުޚާޠަބު ކުރަން ޖެހޭނީ އިސްލާމް ދީނުގެ މިންގަނޑުތަކާއި ގާނޫނީ ހަމަތަކުގެ މަތީން ކަން އެއްވެސް ފުލުހަކު ހަނދުމަ ނައްތާލައިގެން ނުވާނެއެވެ.

ހަމަޔަގީނުން ވެސް އަޅުގަނޑާމެދު ޕޮލިހުން ޢަމަލު ކުރީ ވަރަށް އިހާނާތްތެރި ގޮތްގޮތަށެވެ. އޭގެތެރެއިން މަދު މީހަކު މެނުވީ މިހާރު ވަނީ ޕޮލިހުންގެ ތެރެއިން ކަނޑާލާފައެވެ. އެހެންކަމާއެކު އަޅުގަނޑު އެފަރާތް ތަކަށް މަޢާފް ކޮށްފީމެވެ.

އަނިޔާވެރިންނަށް މިދުނިޔެ މަތީގައި އޭގެ ބަދަލު ﷲ ހިއްޕަވަތެވެ. ކޮންމެ މީހަކު ވެސް ވިސްނާން ވާނީ ތިމާއަކީ ކޮންމެވެސް ދުވަހަކުން މަރުވާނެ މީހެއްކަމާއި ﷲ ވަނީ އަނިޔާ ޙަރާމް ކުރައްވައި އަޚުންނާއި އުޚުތުންނަށް އިޙުސާންތެރިވެ ޢަދުލު ވެރިވުމަށް ހަތް އުޑުމަތީން އަމުރު ކުރައްވާފައި ކަމެވެ. ﷲ ނިކަމެތި ކުރައްވައިފި އަޅަކު މަތިވެރި ކުރެވޭނެ ފަރާތެއް ނެތެވެ.

ކަން މިހެން ހުރުމާއެކު އަޅުގަނޑު ޕޮލިހުންނަށް މި އިލްތިމާސް ކުރަނީ އެއްވެސް ޕޮލިހަކީ މާ މަތީ މީހެއް ކަމަށް ދެކި ރައްޔިތުންނާ ހަޑިހުތުރު ބަހުރުވައިން މުޢާމަކާތްކޮށް އަނިޔާ ވެރި ނުވުމަށެވެ.

ﷲ އީ ޢުގޫބާތް ގަދަފަދަވެގެން ވާ އިލާހެވެ. އަދި އޯގާވަންތަ ރަސްކަލާނގެއެވެ. މީގެ އިތުރުން ﷲ ގެ ކީރިތި މޫރިތި ކަލާމްފުޅުގައި އަތްލައި ﷲ ގަންދީ ދޮގު ހުވާ ކުރާ އެތައް ބަޔަކު ޕޮލިހުންގެ ތެރޭގައި އެބައުޅެއެވެ.

މިފަދަ މީހުން އެފަދަ ބޮޑެތި ދޮގު ހުވާ އެކުރަނީ ﷲ ގެ ކޯފާއާއި ޢަޒާބަށް ބިރެއްނެތި ޢަމަލު ކުރަމުން ދަނިކޮށް ﷲ ގެ ޢަޒާބަށް އެފަރާތެއް ހުށަހެޅިއްޖެ ނަމަ ކޮންފަރާތަކުން ތިމާމެން ސަލާމަތް ކުރާނެ ކަމަށް ވިސްނައިގެން ބާވައެވެ!

ކަން މިހެން ހުރުމާއެކު ފުލުންގެ ތެރޭގައި އުޅޭ، އިސްވެ ދެންނެވުނު ފަދަ އަނިޔާވެރި، އިންސާނީ ކަރާމާތް ނަގާލާފަދަ މީހުން މަގާމުތަކުން ދުރުކޮށް މުއައްސަސާއަކީ ރައްޔިތުން ލޯބިވާ މުއައްސަސާއަކަށް ނުހައްދަވައިފިނަމަ މުޖުތަމަޢު ފަސާދަ ވެ ރައްޔިތުންގެ މެދުގައި ގަދަރު ކެނޑިގެން ހިނގައިދާނެއެވެ.

ފުލުހުންގެ އަނިޔާވެރިކަން ރައްޔިތުންނަށް ތަޙައްމަލު ކުރަން ދަތިވި، ހިތާމަވެރި އެއްދުވަހަކީ 2012ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހެވެ. އެ ދުވަހު ރައްޔިތުންނަށް އަނިޔާކުރި ފުލުހުންގެ ތެރޭގައި ހިމެނޭ ގިނަ ބަޔަކު އަދިވެސް މަގާމުތަކުގައި ދެމި ތިބިކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މިއިން އެތައް ބައެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައި ވާއިރު އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އެއިން މީހެއްގެ މައްޗަށް އަޅާފައެއްނުވެއެވެ.

މަގުމަތީގެ މިނިވަން ހިނގާލުންތަކުގައި ބައިވެރިވެ ކިޔަމަންތެރިކަމާއެކު މަގުމަތީގައި ހުއްޓާ، ކަރުނަގޭސް ފަދަ ތަކެތި ހިނގާލުންތަކުގެ ބައިވެރިންގެ ލޮލަށާއި މޫނަށް އަމާޒު ކުރީ ކިތައް ފުލުހުން ތޯއެވެ؟ ނުހަނު ކިޔަމަންތެރިކަމާއެކު މަންޒަރުތައް ވީޑިއޯ ކުރަމުން ދިޔަ ބައެއް ކެމަރާމަނުން މަގުމައްޗަށް ވައްޓާލައި ކަންކަށި މަށްޗަށް ކަކުލުން އަރައި އަނިޔާކޮށް ކެމަރާމަން އަތުގައި ބިޑި އެޅުވި ފުލުހުން މިއަދު ކޮބައި ހެއްޔެވެ؟ އެމިހުނަށް މަޢާފު ކުރީ ކިތައް މީހުން ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އަޅުގަނޑާއެކު އެތަކެއް މުސްލިމް ފިރިހިނުން ބަރަހަނާ ޙާލުގައި ހިންގުވާފައި 50 ހަކަށް ފޫޓް ދުރުގައި ހުރި ފާޚާނާއަކަށް ވައްދައި ފިރިހެން ހަށީގައި ހިފައި ހިއްލައި ފުރަގަސް ފަރާތަށް އިނގިލި ކޮށްޕާ ހެދި އެވެ.

ޒަމާން މާޒީވެ ދުނިޔެ ތަހުޒީބުވެ ގާނޫނުތަކުން އަނިޔާ ނުކުރުމަށް ފާސް ކުރެވިފައި ވީ ނަމަވެސް މި އާދަ ނުފިލާ އެތަކެއް ފުލުހުން އަދިވެސް މަގާމު ތަކުގައި އެބަ އުޅެއެވެ.

އެއްރެއްގެ ދަންވަރެވެ. ޖަލުގެ އެންމެން ތިބީ މަރުނިދީގައެވެ. މީހުނަށް ހޭލެވުނީ ޕޮލިސް ފޯސް ޖަލަށް ވަދެ ހަޅޭއްފަޅޭއް ޖަހާ އަޑަށެވެ.

ގޮޅި ހުޅުވުމަށް ފަހު ފަހަރަކު މީހަކު ނެރެ އެއްއަތުގައި ބިޑި އެޅުވުމަށްފަހު އެބީޑީގެ އަނެއް އަތް ދެވަނަ މީހާގެ އަތުގައި އެޅުވިއެވެ. މިގޮތުން 104 މީހުން އެއްފައްޗަކަށް ބިޑިއަޅުވައިގެން ޖަލުތެރޭގައި ދުއްވިއެވެ. މުސްކުޅިންނާއި ބަލި މީހުން އެފަތީގައި ތިބުމުގެ ސަބަބުން ދުއްވައި ގަނެވެނީ ހަތަރު ފަސް ފިޔަވަޅަށެވެ. ކޮންމެވެސް މީހަކު ވެއްޓުމާއެކު އެތައް ބަޔަކު ވެއްޓި ލިބެމުން ދިޔަ އަނިޔާތަކަކީ މަރު ބަލާ އަންނަންދެންވެސް ހަނދާނުން ފޮހެލަން އުނދަގޫ އަނިޔާ ތަކެވެ.

މިއަނިޔާ ކުރި މީހުނަށް ﷲ ވަނީ ޢުގޫބަތް ދެއްވައި މަގާމުތަކުން ދުރުކުރައްވާފައެވެ.

ޖަލުގައި ހުރި ޒުވާނަކަށް އޭނާގެ ގެއިން ފޮނުވި ލޯޝަން ފުޅިއެއްގެ ސްޓިކާ އޭނާ ނިދާ ފިލާގެ ދަށުގައި ހިއްޕި މައްސަލައެއްގައި އޭނާގެ މުޅި ހަށިގަނޑުގައި ވާ ހުރިހާ އިސްތަށި އުފުރަން އަންގައި އެކަން ތަންފީޒު ކުރީވެސް އަޅުގަނޑުގެ ކުރިމަތީގައެވެ. އެ ޒުވާނާ މިހާރު ވަނީ ނިޔާވެފައެވެ. މިދެންނެވީ ފުލުހުންގެ އަނިޔާ ވެރިކަމުގެ ރޫހު ހުރިގޮތުގެ ވާހަކައެވެ. ފަތިސް ނަމާދަށް ގޮވަނީ ވެސް ފެންހޮޅިއެއް ދޫކޮށްގެން ފެންޖައިގެންނެވެ. ސުބުޙާނަ ﷲ އެވެ.

މިދެންނެވި އަނިޔާތަކަށް ކެތްނުވެގެން އެތައް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. ރުއްރުކުގައި ފުރަގަހަށް ބިޑި އަޅުވާފައި ބޮލަށް ކޯކް އަޅައި މެއްސާއި ހިނި ފަދަ ތަކެތި އެމީހާގެ ހަށިގަޑަށް ހަމަލަދީ ހެދި އެތައް ބަޔަކު މިހާރު ވަނީ ދުނިޔެ ދޫކޮށްފައެއެވެ.

ތަހުގީގަތް ވައްދާފައި އެތާގައި ތިބޭ އަންހެން ފުލުހުންނަށް ފިރިހެން ހަށި ދައްކަން އެންގިއެވެ. އެސްލޯން ހޮޅިގަނޑަކުން ފޫކޮޅުގައި އަދި ދޯނގި ދަށުގައި ތެޅިއެވެ. ރޭގަނޑު ނިދިޔަ ނުދީ ގޮނޑިއެއްގައި ފުރަގަހަށް ބިޑިއަޅުވާފައި ބެއިންދިއެވެ.

މިއީ އެ ދުވަހެއް ނޫނެވެ. ވީމާ އެދުވަސް ގެންނަން މަސައްކަތް ނުކުރުމަށް އެންމެހައި ފުލުހުންނަށް ގޮވާލަމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް