އަޅުގަނޑުގެ ނަޒަރުގައި ކީރިތި ގުރުއާނަކީ އިސްލާމްދީނުގެ ދަންމަރެވެ. މުޅި ދުނިޔޭގެ އެންމެހާ ކަންކޮޅުތަކަށް ކީރިތިގުރުއާންގެ އަލި ފެތުރެމުންދަނީ ވިސްނާ ފިކުރުކުރަން ގޮވަމުންނެވެ. މަޢުލޫމާތު ހާމަކުރާ ވަސީލަތްތަކުން މެދުކެނޑުމެއްނެތި ހާމަކުރަމުން ގެންދަނީ މީގެ ކުރިން އިސްލާމް ދީނާމެދު އެއްވެސް ވަރަކަށް ވިސްނާފިކުރު ނުކުރާ އެތައް ބަޔަކަށް ކީރިތި ގުރުއާނުގެ ދަންމަރުން އަލިކޮށް ސީދާވެގެންވާމަގަށް މަގުދައްކަމުން ގެންދާލެއް ފުރިހަމަކަމެވެ.
ޤުރުއާނާމެދު އެއްވެސް ވަރަކަށް ޚިޔާލުނުކުރާ ބޮޑެތި ބޮޑެތި އިލްމުވެރިންގެ ކުރިމައްޗަށް ހުށައެޅޭ މައްސަލަތަކަށް ތަޙްލީލުތަކާއި ތަޖްރިބާގެ އެތައް އަހަރުތަކެއްގެ ނަތީޖާއިން އެމީހުން އުފެއްދި ބޮޑެތި ބޮޑެތި ފޮތްތަކުން ލިބިދޭ ޙައްލުތަކަށް ކީރިތި ގުރުއާނުގެ ދަންމަރުގެ މަދު ފޮޅުވަތް ކޮޅަކުން އަލިކޮށްދެނީ އެ އިލްމުވެރިން އަޖައިބުކުރުވަނިވި ފަދައަކުންނެވެ. އެފަދަ އިލްމުވެރިއަކަށް އިސްލާމްދީނުގެ ހިދާޔަތު ލިބެން މެދުވެރިވި ގޮތް އޭނާ ބަޔާން ކޮށްދީފައިވަނީ މިލިޔާ ފަދައަކުންނެވެ.
މިއަދު އަޅުގަނޑުގެ ކުރިމަތީގައިހުންނެވި އެ ޢިލްމުވެރިޔާއަކީ އިސްލާމްދީން މީސްތަކުންނަށް އޮޅުންފިލުވައި ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެވެ. 2012 ވަނައަހަރުން ފެށިގެން އެބޭފުޅާގެ ޢިލްމީ ޚަޒާނާ ހުޅުވާލާފައިވަނީ ގަތަރުގައި އިސްލާމްދީނުގެ އިލްމުތައް ދިރާސާ ކުރުމަށްޓަކައި އަލަށް އުފެއްދި އިދާރާގެ ޕްރޮފެސަރެއްގެ މަގާމުގައެވެ. އުމުރުފުޅުން 91 އަހަރުގައިވެސް ގަދައަޅައި މަސައްކަތް ކުރައްވަމުން އެގެންދަވަނީ އިސްލާމްދީނުގެ ތެދުމަގު ހާމަކުރުމަށެވެ.
އެ އިލްމުވެރިޔާއަކީ ޑޮކްޓަރ ރޮބާރޓް ކްރޭން އެވެ. ޢާންމުގާނޫނުތަކާއި ބައިނަލް އަގްވާމީ ގާނޫނުތަކުން ޑޮކްޓްރޭޓް ޑިގްރީ ޙާސިލުކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ.
އެމެރިކާގެ ކުރީގެ ރައީސް ރިޗަރޑް ނިކްސަން ވެރިކަމުގައި އެމަނިކުފާނުގެ މުޝީރަކަށް ރޮބާރޓް ކްރޭން އައްޔަން ކުރެވުނެވެ. އަދި އޭގެފަހުން ހާވާރޑް ސޮސައިޓީ އޮފް އިންޓަރނޭޝަނަލް ލޯ ގެ ރައީސްކަމުގެ މަގާމު ދެވުނެވެ. އަދި އޭގެ ފަހުން ރައީސް ނިކްސަންގެ ޚާރިޖީ ގުޅުންތަކާބެހޭ މުޝީރުކަމާއި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމަށް އައްޔަން ކުރެވުނެވެ.
އެހެންކަމުން އެބޭފުޅާވެގެންދިޔައީ އެމެރިކާގެ ސިޔާސީ މަސްރަޙުގައި ވަރަށްބޮޑަށް ފާހަގަވެގެންދިޔަ ތަޖްރިބާ ކާރެއްގެ ގޮތުގައެވެ. ޑޮކްޓަރ ރޮބާރޓް ކްރޭނަކީ 6 ބަހަކުން ފުރިހަމައަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެމެރިކާގައި މަޝްހޫރު ސެންޓަރ ފޯރ ސިވިލައިޒޭޝަން އެންޑް މޮޑަނައިޒޭޝަންގެ ފައުންޑަރަކީ ޑޮކްޓަރ ރޮބާރޓް ކްރޭން އެވެ.
އިސްލާމީ އުސޫލުތަކާއި ގަވައިދުތައް ދެނެވަޑައިގަތުމަށް ރައީސް ނިކްސަން ބޭނުންފުޅުވިއެވެ. އެ ހިނދު އެމައުލޫމާތުތަކުގެ މައްޗަށް ރިސާރޗްކޮށް ކަރުދާހެއް ތައްޔާރުކުރުމަށް ސީ. އައި. އޭ. އަށް ރައީސް އެންގެވިއެވެ. ރައީސްގެ އަމުރުފުޅަށް އެ ކަރުދާސް ތައްޔާރު ކުރައްވަން ހަވާލުކުރެވުނީ ޑޮކްޓަރ ރޮބާރޓް ކްރޭން އަށެވެ. އެތައް ރިސާރޗް ތަކަކާއި ތަޙްލީލު ތަކަކަށްފަހު ތައްޔާރުކުރެވުނު ކަރުދާސް ރައީސަށް ހުށައެޅުމުން މާދިގުކަމަށާއި ޚުލާސާގޮތެއްގައި ކަރުދާހެއް ތައްޔާރުކުރަން އެންގެވިއެވެ. އަދި އެފަދައިން ޚުލާސާ ކަރުދާހެއް ތައްޔާކޮށް ރައިސަށް ހުށައެޅުއްވިއެވެ.
ޑޮކްޓަރ ރޮބާރޓް ކްރޭންގެ ޚުލާސާ ރިޕޯރޓަށްފަހު އޭގެ މައްޗަށް އިތުރު ރިސާރޗް ހަދަން އޭނާގެ ޝައުގުވެރިކަން އުފެދުނެވެ. އަދި އެކަމަށްޓަކައި އިސްލާމީ އެތައް ސެމިނާރަކާއި ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަންނަވަން ޖެހުނެވެ. އެ ސެމިނާރތަކާއި ކޮންފަރެންސް ތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތު ތަކުގެ އަލީގައި އިސްލާމްދީނުގެ ތެދުމަގު އެނާގެ ކުރިމަތީގައި ހާމަވެގެން ހިނގައްޖެއެވެ. އިސްލާވެވަޑައިގަތީ 1981 ވަނައަހަރުގައެވެ. އަދި އެއީ މުޅި އެމެރިކާއަށް ފެތުރިގެންދިޔަ ޚަބަރަކަށް ވެގެންދިއައެވެ.
ޑޮކްޓަރ ރޮބާރޓް ކްރޭން އިސްލާމް ވުމާއެކު ކީރިތި ރަސޫލާއަށްފަހު އަދުލު އިންސާފުގެ އިމާމް ކަމުގައި ބެލެވޭ މުސްލިމުންގެ ދެވަނަ ޚަލީފާ ޙަޒްރަތު ޢުމަރުލް ފާރޫގުގެ ނަންފުޅަށް ނިސްބަތްކޮށް ފާރޫގް ޢަބްދުލް ޙައްގު މިނަން ޚިޔާރުކުރެއްވިއެވެ.
އިސްލާމްދީން ގަބޫލުކުރެއްވި ސަބަބު ތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ވަރަށް ޚާއްސަގޮތެއްގައި ފާހަގަ ކުރެއްވި އެއްކަމަކީ ގާނޫނު ކިޔަވަން ޔުނިވަރސިޓީގައި ހޭދަކުރެއްވި 3 އަހަރުގެ ތެރޭގައި ކިޔެވި އެއްވެސް ފޮތަކުން އަދުލު އިންސާފު މި ބަސް ދެކިވަޑައި ނުގަންނަވާ ކަމަށާއި އެކަމަކު އެބަހަކީ އިސްލާމީ އުސޫލުތަކާއި ގަވައިދު ތަކުގައި އެންމެ ޢާންމު އެއްބަސްކަމުގައި ފާހަގަ ކުރެވުނެވެ.
އަދިވެސް އެއްފަހަރަކު ޖުވިޝް ގާނޫނުތަކުގެ މާހިރަކާއެކު ކުރެވުނު ބަހުސެއްގެ ހަނދާން އާކުރައްވަމުން ވިދާޅުވިއެވެ. އޭނާގެ ވާހަކަތައް މާދިގުލާއިގެން ދާންފެށުމުން އޭނާއަށް އެމެރިކާގެ ގާނޫނު އަސާސީގައިހުރި ވާރުތަކުރުމާއި ތަރިކަ ބެހުމުގެ ގާނޫނުތަކުގެ ތަފްސީލު ކިހާވަރަކަށް ދެނެވަޑައި ގަންނަވަމުތޯ ސުވާލު ކުރީމެވެ. ޖުވިޝް ޕްރޮފެސަރ ވިދާޅުވި ކަމަށްވަނީ އެ މައްސަލަތަކާއި ބެހޭގޮތުން ހުރި ގާނޫނުތައް 8 ވޮލިއުމަށް ވުރެންވެސް ގިނަކަން އެނގިވަޑައި ގަންނަވާކަމާއި އެ ގާނޫނުތައްވެސް ފުރިހަމައަށް އެނގިވަޑައި ގަންނަވާކަމަށެވެ. އެއަށް ޖަވާބުދިނުމުގެ ގޮތުން ރޮބާރޓް ކްރޭން ވިދާޅުވިކަމަށްވަނީ އެ ހުރިހާ ގާނޫނެއްގައި އެކުލެވޭ ހުރިހާކަމެއް ހަމައެކަނި އެންމެ ދިހަވަރަކަށް ފޮޅުވަތުން އަހަރެން އޮޅުން ފިލުވާދީފިނަމަ އިސްލާމްދީނަކީ ޙައްގު ތެދުމަގުކަމުގައި ގަބޫލު ކުރާނަންހެއްޔެވެ؟ ޖުވިޝް ޕްރޮފެސަރ ގެ ރައްދު ލިބުނުކަމަށްވަނީ އެއީ މުސްތަޙީލު ކަމެއްކަމުގައި ބާރު އަޅަމުންނެވެ.
އެއަށްފަހު އޭނާއަށް ކީރިތި ގުރުއާނުގައި ހުރި ވާރުތަކުރުމާއި ތަރިކަބެހުމުގެ އާޔަތްތައް ދިނީމެވެ. ދުވަސްކޮޅެއްގެ ފަހުން އެ ޔަހޫދީ ޕްރޮފެސަރ އައިސް އެ އާޔަތްތަކަކީ ހަމަކަށަވަރުންވެސް އިންސާނަކަށް ބަޔާންކުރެވިދާނެ ވަރަށްވުރެން މާ ފުރިހަމަކޮށް ހުރިހާ އެންމެންގެ ޙައްގުތައްވެސް ޙިމާޔަތް ކުރެވިފައިވާ އާޔަތް ތަކެއްކަމަށް ޢިއްތިރާފްވިއެވެ. އަދި ފަހުން އޭނާވެސް އިސްލާމްދީން ގަބޫލުކުރިއެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މާޒީގެ އެއްވެސް ޒަމާނެއްގައި ނެތްހާގިނަ އިލްމުވެރިން އެބަތިއްބެވިއެވެ. އެކަމަކު ދިވެހިން ދީނީ އެއްބައިވަންތަކަން ދުވަހަކުވެސް ގެއްލިގެން ނުދާވަރަށް ގެއްލިގެންދާއިރު އަދި ދީނުގެ އުސޫލުތަކާއި ގަވައިދުތަކަށް ފުރައްސާރަ ކުރަމުންދިއުން ބިރަކަށް ވެފައިވާއިރު އެފަރާތްތައް ހަމަމަގަށް އެޅުވުމަށްޓަކައި ޖަދަލުކުރުން ފިޔަވައި އެހެން ވަސީލަތެއް ބޭނުންކުރެވޭތަން ނުފެނެއޭ ހިތާމައާއި އެކު ބުނަންޖެހެނީ ލޮލުން ކަރުނަ އަޅަމުންނެވެ. އަޅުގަނޑުމެންގެ ގައުމަށް ކީރިތި ގުރުއާނުގެ އަލިގަދަ ދަންމަރުން އިސްލާމްދީނުގެ ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާށިއެވެ. އާމީން
One Response
ވަރަށްވެސް ތެދުފުޅެއް.