ވާހަކައަށް ވުރެ އަމަލުތައް ގިނަކުރުމަށް ރައީސް ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

 

ވާހަކައަށްވުރެ އަމަލުތައް ގިނަ ކުރުމަށް ރައީސް ގޮވާލައްވައިފި އެވެ.

މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި އެކްސްޕޯގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ޖެހޭ ކަމަށެވެ.

އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަކުރުމަށް ރައީސް ސާލިހު ގޮވާލެއްވިއެވެ.

އަދި ދެމެހެއްޓެނިވި،ވިލުންތެރި އަދި ތިމާވެއްޓާ ރައްޓެހި މުސްތަޤްބަލަކަށް ވާސިލުވުމަށްޓަކައި ވަކިން ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ވަސީލަތްތައް ގާއިމުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން މުޅި ދުނިޔެއާ ކުރިމަތިލާން ޖެހުނު ދަތި އުނދަގޫތަކުން އަރައިގަތުމުގެ މަސައްކަތްތައް މުޅި ދުނިޔޭގައި ކުރިޔަށްދާ މިފަދަ ދުވަސްވަރެއްގައި ޔޫއޭއީގައި މިފަދަ ފުރިހަމަ އަދި ބޮޑު އެކްސްޕޯއެއް އިންތިޒާމުކޮށް ބޭއްވެވީތީ ޔޫއޭއީގެ ލީޑަރޝިޕަށް ރައީސް ސާލިހު ވަނީ ތައުރީފް ކުރައްވާފައެވެ.

 

އެގޮތުން ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދުބާއީ އެކްސްޕޯއަށް 192 ގައުމެއް އެއްތަންކުރުމަކީ ޔޫއޭއީގެ ސަރުކާރުގެ ލީޑަޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި، ޔޫއޭއީ އަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

އަދި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކުގައި ދެ ގައުމުންވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރައްވަމުން، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާ ޔޫއޭއީއާ އޮންނަ މި ގުޅުން އެގޮތުގައި ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ އިތުރުން ޖީސީސީއާއި އެމްއީއެންއޭ އާއި ރާއްޖޭގެ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކްސްޕޯގައި ރާއްޖެއަށް ޚާއްޞަކުރި ދުވަހު ބޭނުންކުރި ’ދޯނި“ ކޮންސެޕްޓުގެ ތަފްޞީލުދެއްވަމުން ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދަށްވާއިރު ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ދިވެހިވަންތަކަމާއި ގުޅިފައިވާ އެއްޗެއްކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އެކްޕޯގައި ލިބޭފުރުސަތުތަކާއި ރާއްޖޭގެ ޕެވިލިއަންގެ ބޭނުން ހިފާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކައާއި ސަގާފަތާއި އަދި ކުޑަޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރުމަށްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަމާބެހޭ ގުޅުންހުރި ސްޓޭކްހޯލްޑަރުންކަމުގައިވާ އިންޑަސްޓްރީ ފަންނުވެރިންނާއި ސިޔާސަތު ކަނޑައަޅާފަރާތްތަކާއި ޢިލްމީ ތަޖުރިބާކާރުންނާއި ސިވިލް ސޮސައިޓީ އެކްޓިވިސްޓުންފަދަ ފަރާތްތައް ޝައުގުވެރިކުރުމަށް ދުބާއީ އެކްސްޕޯފަދަ އެކްސްޕޯތައް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި މި ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ހައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތައާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޔޫ.އޭ.އީގެ ކެބިނެޓް މެންބަރ، މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ބައިވެރިވެވަޑައިގެންނެވިއެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް