ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ބަލައިގަންނަން ސްޕްރީމް ކޯޓުން ހުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

 

ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ބަލައިގަންނަން ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސްޕްރީމް ކޯޓުން އެ ހުކުމް ކުރީ ޒިނޭ ކުރި ކަމަށް އިއުތިރާފްވި އަންހެނެއްގެ މައްސަލައާ ގުޅިގެން އޭނާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭ ދިމާވާ ފިރިހެނެއްގެ މަށްޗަށް ދައުލަތުން ދައުލަތުން އުފުލި ދައުވާގެ މައްސަލައިގެ ނިމުމުގައެވެ.

ދައުލަތުން ފިރިހެން މީހާގެ މައްޗަށް އުފުލި ޒިނޭކުރުމުގެ ދައުވާ ބިނާކޮށްފައިވަނީ ކުޑަކުއްޖާއަކީ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި އެ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ އެ އަސާސްގެ މައްޗަށެވެ.

ޒިނޭގެ މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ.

މި  މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ވަނީ ޒިނޭކުރިކަމަށް އިންކާރުކޮށްފައެވެ. އެ ކޯޓުން ނިންމީ ޒިނޭކުރުމުގެ ދައުވާ އެ މީހާގެ މަށްޗަށްސާބިތު ނުވާ ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގައި ޒިނޭކުރިކަން ޝަރީއަތަށް ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށްވާތީ ކަމަށް ނިންމުމުގައިވެ އެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދައުލަތުން އިސްތިއުނާފް ކުރި އެވެ. މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ ޝަރުއީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.

އެކަމަކު ހައިކޯޓުން ވެސް މައްސަލަ ނިންމީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައި ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރުމާ ގުޅިގެން ދައުލަތުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައިފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދެވެ.

އެ މައްސަލައިގެ ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ.

އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ވެސް ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެ ކަން އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ޒިނޭ ކުރިކަން ސާބިތުވާ ކަމަށް ވެސް އެ ރައުޔުގައި ވިދާޅުވިއެވެ.

އަދި އެކިއެކި އިޖުރާއީ ސަބަބުތަކާހުރެ ޝުބްހަ އުފެދުމުގެ ސަބަބުން، ހައްދުގެ ކުށާއި ގިސާސްގެ ކުށްކުރާ މީހުންނަށް އެކުށްތަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ހާލަތްތަކުގައި އެމީހުންގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅުން އިސްލާމީ ޝަރީއާގައި ހުއްދަ ވެގެންވާ ކަމަށްވެސް ހުސްނުއްސުއޫގެ ރައުޔުގައިވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވާފައެވެ.

ހަމައެއާއެކު ސުޕްރީމު ކޯޓުން ފާހަގަކުރި އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލު ކުރުމަށް ވެސް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް