ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަދާފައިވާ ކުޑަކުދިންނަށް ހާއްސަ ތަނަކީ އެ ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަނޑައަޅައިފި އެވެ
އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެ ކުދިންނަށް ރައްކާތެރި އަދި ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި ފާހަގަވެފައިވާ ކަމަށެވެ.
އަދި އެ ޖަލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެއްބަސްވެފައިވާ މުއާ ހަދާތަކާއި ކުޑަކުދިންގެ ހައްގުތައް ހޯދައިދިނުމުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް އެކުދިންނަށް ލިބިދޭ ތަނެއް ނޫންކަމަށް ކޮމިޝަނުން ބުނެއެވެ.
އެގޮތުން އދ. ގެ މިންގަނޑަށް ރިއާޔަތްކުރާއިރު އެޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ކޮމިޝަނުން އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރު ކުޑަކުދިން ބައިތިއްބަން އާ ޖަލެއް ބިނާ ކުރަމުން ދިޔަ ކަމަށެވެ. އެ ޖަލުގެ މަސައްކަތްތައް ތިން މަސް ތެރޭގައި ނިމޭނެ ކަމަށް އޭރު ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ މަހުގެ 16 ވަނަ ދުވަހު ކޮމިޝަނުން ޖަލަށް ޒިޔާރަތް ކުރިއިރު ވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައި ނުވާ ކަމަށްވެސް އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެތަނުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށާއި އަދި އެ ތާރީހުން ފެށެގެން އެތަނުގައި އެއްވެސް ކުއްޖަކު ބަންދު ނުކުރަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވެސް އެޗްއާރުސީއުމްން ބުނެއެވެ.
އަދި އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ކަރެކްޝަންސް އިން ކަނޑައަޅާ ޕްލޭން މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް އެދިފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.