ކޮރަޕްޝަންގެ ކިސަޑު ބުރާފައިވާ ބަޔަކަށް ގައުމު ހަމަ މަގަކަށް ނޭޅުވޭނެ: ޢަބްދުﷲ ކަމާލުއްދީން

Loading

Facebook
Twitter
WhatsApp

 

ކޮރަޕްސަންގެ ކިސަޑު ބުރާފައިވާ ނެތް ބަޔަކަށް މެނުވީ އިންސާފުވެރި އަމާނާތްތެރި ދައުލަތެއް ގާއިމު ނުކުރެވޭނޭ ކަމަށް ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އުފެއްދުމުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ޕާޓި އުފެއްދުމުގެ ހުއްދަ ލިބުމަށްފަހު ބަހުންނާއި އަމަލުން މާ ގިނަ ހަރަކާތް ތަކެއް މީޑިޔާގައި ނުފެނި އޮތުމަށް ފަހު މިފަހަކަށް އައިސް އެޕާޓީން ކޮށްފައިވާ ދެ ޓްވީޓަކުން ދައުލަތާއި ރައްޔިތުންގެ މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާ ފަރާތްތައް ކޮރަޕްޝަންގެ ބަދުނާމުން މުޅިން ސާފުވެގެން މެނުވީ ގައުމު ކޮރަޕްޝަންގެ ނުބައިކަމުން ސަލާމަތް ނުކުރެވޭނެކަން ދޭހަވެއެވެ.

ސެޕްޓެމްބަރު 21ގައި ޢުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި، އޭނާ އިސްކޮށް ހަރަކާތްތެރިވާ ޑީ.އެން.އޭ. ފިޔަވައި ރަޖިސްޓްރީ ކޮށްފައިވާ އަދި ރަޖިސްޓްރީ ކުރުމުގެ މަގުމަތީގައި އޮތް ޕާޓީއެއްވެސް އެމް.އެމް.ޕީ.އާރު.ސީ. ގެ ލައްގަނޑުން ސަލާމާތް ނުވެވޭނެ ކަމަށް ބުނުމުން، ޢުމަރުގެ ޓްވީޓަށް ރައްދުދީ ހަމަ އެދުވަހު ގައުމީ އެއްބައިވަންތަކަމުގެ ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ޕާޓި އުފެއްދުމަގަޔާއި، ސިޔާސަތު ކޮމިޓީގައި، އަދި އައުޓްރީޗް މަސައްކަތުގައި، އެމް.އެމް.ޕީ.އާރު.ސީ. އަދި ދައުލަތުގެ އެއްވެސް ފައިސާއިން އެއްވެސް މިންވަރެއްގެ މުއްސަނދި ކަމެއް ހޯދާފައިވާ ފަރާތެއް ނުހިމެނޭނެ ކަމަށާއި އަދި ނުވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.

ސެޕްޓެމްބަރ 21ގައި މިހެން ބުނުމަށްފަހު، އޮކްޓޯބަރު ހަތަރެއްގައި އޭ.ކޭ.ގެ ޕާޓީން ކުރި ޓްވީޓެއްގައި ކޮރަޕްޝަނުން ސަލާމަތްވެ ތިބި ތަޖްރިބާކާރުންނަށް މެނުވީ އިންސާފުވެރި ދައުލަތެއް ގާއިމު ނުކުރެވޭނޭ ކަމުގައި ބުނަނީ ކީއްވެތޯ، ކޮންބަޔަކަށް ކޮން ޕާޓީއަކަށް ނިސްބަތްކޮށްތޯ ”ސަންދާނު“ގެ ފަރާތުން ސުވާލު ކުރުމުން ޖަވާބުގައި އޭ ކޭ ވިދާޅުވީ، ”ކޮރަޕްޝަންގެ މަޅީގައި ޖެހިފައި ހުރި މީހަކަށް އެހެން މީހުން ކުރާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، މިހާރު ގޮސްފައިވާ ހިސާބުން ގައުމު ސަލާމަތް ކުރެވޭނީ ފަސްބައި ސާފު އަމާނާތް ތެރި އިޚްލާޞްތެރި އަދި ޤާބިލު ބައެއް ނުކުމެ ގެންކަމަށް ވިދާޅުވިއެވެ.

އިތުރަށް ސުވާލެއް ދެންނެވުމުން ވަކި ޕާޓީއަކަށް، ވަކި ބޭފުޅަކަށް އަމާޒުކޮށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫން ކަމުގައި އޭކޭ ވިދާޅުވިއެވެ.

އައު ގާނޫނުއަސާސީއާ އެކު އާ އުއްމީދެއްގައި ދެކެން ބޭނުންވި ދުވަސް ނުހޯދިގެން ގިނަ ރައްޔިތުންތަކެއް މާޔޫސް ވެފައިވާ މިދުވަސްވަރުގައި، އޭކޭގެ މިބަސްކޮޅުން ކޮރަޕްޝަންގެ އިނގިލި އަމާޒުވެފައިވާ ގިނަ ފަރާތްތަކުގެ ހިތްހަމަނުޖެހުން އަމާޒު ނުވާނެތޯ ދެންނެވުމުން ”ތެދުބަހުން ކެރިގެން ވާހަކަ ދެކެވިގެން މެނުވީ މުސްތަގުބަލު އަތު ނުލެވޭނެ“ ކަމަށް ވެސް އޭކޭ ވިދާޅުވިއެވެ.

 

Loading

2 Responses

  1. ތެދުފުޅެކެވެ. ނަމަވެސް ރައްޔަތުންގެ ގިނަބަޔަކު ތިވިދާޅުވާ ވިސްނުމުގައި ނެތިއްޔާ ހެދޭނެގޮތެއް ނެތެއްނޫންތޯއެވެ. 500 ރުފިޔާއަށް 5 އަހަރަށް ވަގުތީ އުފަލައްޓަކައި، ދައުލަތް ވިއްކާލަން ވޯޓްދެންޏާ ދެންފަހެ ކީއްތޯއޭކުރާނީ؟ ކޮންމެ މީހަކުވެސް ބުއްޅަބެޔަސް ދިވެހިދައުލަތް ހިންގިދާނޭ ރައްޔަތުމީހާ ދެކެންޏާ ކީއްތޯއޭކުރެވޭނީ! މަނިކުފާނަށް އަދި ނޯ ޗާންސް. ޕާޓީއެއް ހެއްދެވިއްޖެނަމަ މޮޅުވާކޮޅަކަށް ކޯލިޝަން ހެއްދެވިއްޖެނަމަ މިނިސްޓަރުކަމެއް އެރުވޭނެއެވެ. ނޭރުވޭންވީ އެއްވެސް ސަބަބެއްނެތެވެ. ގާސިމުގެ ޓްރާންސްޕޯޓް މިނިސްޓަރަށްވުރެ ތިބޭފުޅާ 99% ރަނގަޅުވާނެކަމަށް ދެކެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް