ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއް: ނަމާދު ކުރާ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް މަދު

240

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ނަމާދު ނުކުރާ މީހަކު ހުރެގެން ނުވާއެވެ. އެހެނަސް މިސްކިތްތަކަށް އަރަނީ މަދު ދިވެހިން ކޮޅެކެވެ.

މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީ މުސްލުމުންނެވެ. ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ފަރުޟު ފަސްނަމާދު ގާއިމު ކުރަނީ މަދު ބައެކެވެ. ޚާއްޞަ ކޮށް ފަތިސް ނަމާދު ކުރާ މީހުންގެ ޢަދަދަށް ބަލާއިރު ގިނަ މިސްކިތް ތަކުގެ ކުރީ ދެސަފު ވެސް ނުފުރޭ ކަން ފާހަގަ ކުރެވެއެވެ.

ނަމާދު ނުކުރާ މީހުން ކުރާ ހެޔޮ ޢަމަލުތަށް ﷲ ގަބޫލުނުކުރައްވާ ކަން އެންމެންނަށް އެނގޭއިރު ވެސް ސައްތައިން ސައްތަ މުސްލިމް އުއްމަތެއްގެ ތެރޭގައި

ނަމާދަށް ފަރުވާ ކުޑަ އިންސާނުން ގިނަވެއްޖެ ނަމަ އެ އުއްމަތުގެ ތެރޭގައި މުޞީބާތްތަކާއި އާފާތްތައް ނު ނުއުފެދިއެއް ނުދާނެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްވަރު ރާއްޖޭގައި ނަމާދު ކުރާ ދިވެހިން ވަރަށްބޮޑަށް އިތުރު ވެގެން ދިޔަކަން ފާހަގަ ކުރަމެވެ. އެހެނަސް މިފަހަކަށް އައިސް މިސްކިތް ތަކަށް ގިނައިން އަރަނީ ބިދޭސީ މުސް ލިމުން ކަން މިސްކިތަށް އަރާ މީހުނަށް ފާހަގަ ކުރެވޭނެއެވެ.

ހުކުރު ދުވަހު ވެސް ދިވެހިން މިސްކިތަށް އަރަނީ ޚުޠުބާ ނިމެން ކައިރި ވާފަހުންނެވެ. ދަރިފުޅު ގޮވައިގެން މުސައްލައެއް ހިފައިގެން ގޮސް ދިވެހިން ތިބެނީ ރަތްދަކަ އަވީގައެވެ. އިމާމު ޚުޠުބާ ނިމިގެން ސަފަށް ގޮވާލުމުން މިސްކިތަށް ވަދެ އެތެރެއިން ޖާގަ ހޯދާކަމީ މުސްލިމް އުންމަތެއްގެ ތެރޭގައި ހިނގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައި ދަންނަވަމެވެ.

އަނެއް ކޮޅުން ހުކުރު ދުވަހު އިމާމު މިންބަރަށް އަރައި ޚުޠުބާ ކިޔަމުން ދާއިރު ކޮންމެވެސް ގަހެއްގެ ހިޔަލުގައި ދިވެހިން ތިބެނީ ދުނިޔޭގެ އެކި ވާހަކަތަކަށް މަޝްޢޫލު ވެގެންނެވެ. ޚުޠުބާއަޑު އެހުމެއް ނެތެވެ.

ހުކުރުގެ ބަންގި ގޮވައި ސަފަށް ގޮވަންދެން ދިވެހީން ތިބޭނީ ސިޔާސީ ވާހަކަ ދެއްކުމުގައި އަވަދި ނެތިއެވެ. އެހެނަސް ބިދޭސީ މުސްލިމުން 12 ޖެހުމުގެ ކުރިން މިސްކިތަށް އަރައި މިސްކިތް ފުރާލައެވެ.

ހުކުރު ދުހަކީ މިސްކިތް ކުޑަވާ ދުވަހެކެވެ. މިސްކިތުގެ އެތެރެ ފުރިގެން ބޭރުގައި ސަފު ހަދަން ޖެހޭ ދުވަސް ތަކަކީ ދެޢީދު ދެނަމާދާއި ހުކުރު ދުވަހެވެ. މި ދުވަސް ތަކުގައި މިސްކިތްތައް އޮންނަނީ ކުޑަވެފައެވެ. މުސްލިމުންނަކީ ފަރުޟް ފަސްނަމާދަށް ރައްކާތެރިވާން ޖެހޭ ބަޔަކަށް ވާއިރު މިދެންނެވި ދުވަސްތައް ފިޔަވައި އެހެން ދުވަސް ތަކުގައި ބޮޑެތި މިސްކިތްތަކުގައި ފަސް ހަ ސަފު ނުފުރޭއެވެ. އޭގެ ތެރޭގައިވެސް ގިނައީ ބިދޭސީންނެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ނަމާދު ކުރާ ބައެއް މީހުނަށް އުނދާގޫވެ ނަމާދުގެ ޚުޝޫޢަތް ތެރިކަން ގެއްލޭ ފަދަ ޙަރާކާތްތައް އެ ބައެއްގެ ކިބައިން ފެންނަ ބަޔަކު މިސްކިތްތަކަށް އަރާ ކަން ފާހަގަ ކުރެވެއެވެ. މި ދެންނެވި މީހުން ހިންގާ އިތުރު ޙަރަކާތްތަކަށް ބަލާއިރު ނަމާދު ކުރަން ގިޔާމުގައި ހުންނައިރު ކުރިއަށާއި ފަހަތަށް ލެނބުމާއި ދެ ހަށަންބަނުމާއި ތުނބުޅިއާ ހަށިގަނޑުގެ ތަންތަން ކެހުމާއި އައްތަޙިއްޔާތަށް އިންނަ އިރު ޝަހާދަތް އިނގިލިން މަސްބޭނުމާއި މިހެންގޮސް ﷲ ގެ ޙަޟުރަތުގައި ގުޑިވެސް ނުލައި ބިރުން ހުންނަން ޖެހޭ ހުރުން ހަނދުމަނެތި ދާފަހަރު އަންނަކަމީ މިސްކިތް ތަކުގައި ނަމާދު ކުރާ ގިނަ މީހުންގެ ޝަކުވާއެކެވެ.

ނަމާދަށް ހުންނަނީ ﷲ ގެ ޙަޟުރަތައް ކުއްތަންވެގެންނެވެ. އެއްވެސް އިތުރު ޙަރަކާތެއް ނަމާދަށް ހުރެ އެއްވެސް އަޅަކު ކުރާކަށް ނުޖެހެއެވެ. ވަކިން ޚާއްޞަކޮށް ޝަހާދަތް އިނލިން މަސްބުޅި ޖެހުމަކީ އެމަންޒަރު ފެންނަ މީހާގެ ޚުޝޫޢަތްތެރިކަން ގެއްލިގެން ދާ ސަބަބެކެވެ. އެ ފަދަ ހަރަކާތްތަކުގެ ސަބަބުން ނަމާދަށް ހުންނައިރު ގުޑިލާންވެސް ނުކެރިފައި ބިރުން ތިބޭ މީސްމީހުންގެ ޚުޝޫޢަތް ތެރިކަމަށް ހުރަސް އެޅޭކަން ފާހަގަ ކޮށްލާނަމެވެ.

އަޅުގަނޑުމެން ދިވެހި މުސްލިމުން ފަސްވަގުތު ޖަމާއަތުގައި ނަމާދު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭން އެބަޖެހެއެވެ.

 

1 ހިޔާލު

  1. ގިނަގިނައިން ހަނދާންކޮށްދެއްވުން އެދެމެވެ. ހަނދާންކޮށްދިނުމުން ފައިދާކުރާނެއެވެ. މާއްދިއްޔަތަށް ހެއްލިގެންގޮސްފައިވާ ޒަމާނެއްގައި ދީނާއި މަޒްހަބުގެ މުހިންމުކަން ކުޑަވާނެއެވެ. ވިސްނާފިކުރުކުރުންހުއްޓެވެ. ހުރިހާ މުޖުތަމާއެއްފަދައިން އަޅުގަނޑުމެންވެސް މިދެކެނީ އަޅުގަނޑުމެންނަކީ މިނިވަނުންކަމުގައެވެ. ފައިނަގަނީ އެކަމަށްޓަކައެވެ. އަޅުގަނޑުމެންނަކީ މާތް ﷲ ހެއްދެވި އަޅުންތަކެއްކަން ހަނދާނެއް ނުހުރެއެވެ. އަޅުންނަކަށް އެއްވެސް ބަހުރުވައަކުން މިނިވަނުންނެކޭ ނުކިޔާނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ