މިހާރު ދުނިޔެ ހޫނުވަމުން ދަނީ ސައިންސްވެރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ހަލުއި މިނެއްގައި

Loading

Facebook
Twitter
WhatsApp

މިދިޔަ އޮގަސްޓުމަހު އދ. އިން ނެރުނު ސްޓޭޓް އޮފް ދަ ސައެންސް ރިޕޯޓުގައި ވާގޮތުން މިހާރު ދުނިޔެ ހޫނުވަމުން މި ދަނީ ސައިންސްވެރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ހަލުއި މިނެއްގައެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާތަކާއި، އަލިފާނުގެ ކާރިސާތަކުގެ ސަބަބުން މޫސުމަށް އައަންނާނެކަމަށް ސައިންސްވެރިން ލަފާ ކޮށްފައިވާ ބަދަލުތަކާ ކުރިމަތިލާން ޖެހުނީ ކަމުގައިވެސް ހީވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިދިޔަ އަންގާރަ ދުވަހު ވަނީ ދުނިޔޭގެ އިސް ލީޑަރުންގެ ސަމާލުކަމަށް މިކަން ގެންނަވައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ގޮވާލައްވާފައެވެ. އެހެންކަމުން މިކަމަށް އަދި އުންމީދު އެބަ އޮތެވެ.

”ކޮވިޑް-19″ އެކޭ އެއްގޮތަށް، “ މޫސުން“ ވެފައިވަނީ ނިއު ޔޯކުގައި އޮތް އދ. ގެ ޖެނެރަލް އެސެމްބުލީގައި އެންމެ އިސްކަމެއް ދީގެން ދެކެވުނު އެއް ވާހަކައަށެވެ. ދުނިޔޭގެ އެންމެ ބޮޑު ”އެމިޓާސް“ ކަމަށްވާ ޗައިނާ އާއި އެމެރިކާއިން ވަނީ މޫސުމީ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހު އދ. ގެ މޫސުމާބެހޭ ކޮންފަރެންސެއް ބާއްވަން ވަނީ ނިންމާފައެވެ.

ސީއޯޕީ26 އަކީ ކޮބައި ހެއްޔެވެ؟

ސީއޯޕީ26 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އދ. ގެ ކޮންވެންޝަން ޕާޓީ ތަކުން ކޮންމެ އަހަރަކުވެސް ބާއްވާ ކޮންފްރެންސަކަށް ކުރުކޮށް ކިޔާ ނަމެކެވެ. މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރުގެ ކޮންފަރެންސް ބާއްވާފައެއްނުވެއެވެ. މިއީ ދުނިޔޭގެ އިސްލީޑަރުން ބައިވެރިވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސުގައި މިނިސްޓަރުންނާއި މޫސުމީ މައްސަލަތަކަށް މަސައްކަތްކުރާ އިސް އޮފިޝަންލުންނާ ދެމެދު ތަފާތު މަޝްވަރާތައް ކުރެވިގެން ދާނެއެވެ. ނަމުގައިވާ 26 ރަމްޒުކޮށްދެނީ އެ ގުރޫޕުގެ 26ވަނަ ބައްދަލުވުންކަމެވެ.

މަޝްހޫރު ވިޔަފާރިވެރިންނާއި، ފޮސިލް ފިޔުލް ކޮމްޕެނީ ތަކާއި، މޫސުމާ ބެހޭ އެކްޓިވިސްޓުން އަދި ވެސް މޫސުމަށް އަންނަ ބަދަލުތަކަށް މަސައްކަތްކުރާ ގުރޫޕުތައް ޝައުގުވެރިކުރުވާ މި ކޮންފަރެންސްގައި ކުދިކުދި ބައްދަލުވުންތައް ހިމެނޭ ގޮތުން ތަފާތު ގިނަގުނަ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

އިނގިރޭސިވިލާތުގެ ޕާލިމެންޓް މެމްބަރ އަދި ސީއޯޕީ26ގެ ރައީސް އަލޮކް ޝަރްމާ ވިދާޅުވިގޮތުގައި މިއަހަރުގެ ކޮންފަރެންސުން ބައެއް އަމާޒުތަކާ މެދު އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެއްބަސް ވެވޭ ކަންތައްތައް:

”1.5 އެލައިވް“ ޓާގެޓް ދެމެހެއްޓުން

”އަންއެބޭޓެޑް“ ކޯލް ބޭނުންކުރުން ހުއްޓާލުން

އަހަރީ މޫސުމީ ފައިނޭންސިންގއަށް 100 ބިލިޔަން ޑޮލަރު ފޯރުކޮށްދިނުން

ކުރިއަށް އޮތް 14އަހަރާއި 19 އަހަރުގެ ތެރޭގައި ކާރުތަކުގެ ސޭލްސް ޒީރޯ އެމިޝަންއަށް ހެދުން

މި ގަރުނު ނިމޭއިރު ޑީފޮރެސްޓޭޝަން ވެސް ނިމުމަކަށް ގެނައުން

ނުރައްކާތެރި މީތެއިން ގޭސް ޖައްވަށް ބޭރުވާ މިންވަރު މަދުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުރީ އަހަރު ތަކެކޭ އެއްގޮތައް މި އަހަރުގެ ކޮންފަރެންސަކީ ވެސް ކާމިޔާބު ކޮންފަރެންސަކަށް ވެގެންދިއުމަކީ އަލޮކްގެ އުންމީދެކެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް