ޖާބިރަށް ހަމާލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ހަތް ދުވަސް

Loading

Facebook
Twitter
WhatsApp

 

 

ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރަށް ހަމަލާ ދިންކަމަށް ތުހުމަތުކުރާ ދެމީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

 

ފުލުހުން ބުނީ އެ ދެ މީހުންގެ މުއްދަތު ޖަހައްދިނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގައި ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައި ކޯޓު އަމެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި މަހު 20 ވަނަ ދުވަހު  ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އޭނާ އަށް ދެކޮޅަށް އަޑުއުފުލާ ބަޔަކުވަނީ ނުރުހުންފާޅުކޮށްފައެވެ. އޭނާއާ ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރެއިން ބަޔަކު އޭނާއަށް ހަމަލާ ދިންކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފައެވެ. އެހާދިސާ އަށްފަހު  ޖާބިރު އެރަށުގައި އުޅުއްވީ ފުލުހުންގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

މަތިވެރީ ރައްޔިތުން ޖާބިރުއާ ދެކޮޅަށް ނުކުތީ އެރަށުގައި ހުންނަ ޖާބިރުގެ ގެސްޓްހައުސްގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވުމާއި ގެސްޓް ހައުސް ހިންގާ ބިމުގެ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީކަމަށްބުނެއެވެ.

ޖާބިރު މަތިވެރިއަށް އެރުއްވުމުން ހިންގި ހަމަނުޖެހުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށް ތުހުމަތު ކުރައްވާ އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިޔުމަކީ ރަނގަޅެއް ކަމެއް ނޫން ވިދާޅުވެފައެވެ.

ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަފުޅުތައް ކުއްވެރިކޮށް މަތިވެރީ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޖާބިރުގެ ބަހުރުވަ އާއި އިންޒާރު ދިވެހިންނަށް އާ ނޫން ކަމަށާއި، އެ އިންޒާރުތަކުގެ ސަބަބުން އެރަށު ރައްޔިތުންނާއި ކައުންސިލަށް ޖާބިރު ދަރާފައިވާ ދަރަންޏަށް ލުޔެއް ނުދޭނެކަމަށެވެ. ރަށު ކައުންސިލުން ބުނަނީ ޓޫރިސްޓް ވިޔަފާރިއެއް ކުރުމަށްޓަކައި ޖާބިރު ކުއްޔަށް ނަންގަވާފައިވާ އެރަށު ދެކުނު ފަރާތު އަތިރިމަތީގެ ބިމަށް ދައްކަންޖެހޭ 4.7 މިލިއަން ރުފިޔާ ދައްކާފައި ނުވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް