ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިން މައްސަލައިގައި ހުކުމްކުރި ކުރިމިނަލް ކޯޓުގެ ގާޒީންގެ އޯޑިއޯތަކެއް ކަމަށް ބެލެވޭ އޯޑިއޯތައް ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދިނުމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ.
ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ މި އޯޑިއޯތަކުގެ ސައްހަކަން ބަލަންޖެހޭ ކަމަށާ އޯޑިއޯތައް ތަހުލީލު ކުރުމަށް އަމިއްލަ ފަރާތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ސުޖާ ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް މިއޯޑިއޯތަކުގެ ސައްހަކަން ބަލައިދިނުމަށް ކޯލިޝަނުން އެދިފައިވާނެ ކަމަށެވެ.
ރައީސް ޔާމިން ގެ މައްސަލަ ކުރިއަށްދަނީ އިންސާފްވެރިކޮށް ނޫންކަމަށް ވިދާޅުވެ ސުޖާ ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯ ތަހްލީލުކުރެވެމުންދާއިރު ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މަޑުޖައްސަން ވެސް ޖެހޭނެ ކަމަށެވެ.
ސުޖާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާއިރު އެކަމުގެ ސަބަބުން އެމަނިކްފާނުގެ ހައްގުތަކެއް ގެއްލެމުން ދިއުމާ ގުޅިގެން ކޯލިޝަނުން ހައިކޯޓަށް ބައްދަލުވުމަކަށް ދިޔަކަމަށާ ނަމަވެސް ހައިކޯޓުން ބައްދަލުނުކުރިކަމަށެވެ. ހައިކޯޓުން ބައްދަލުނުކުރީ ޖޭއެސްސީން އަންގައިގެން ކަމަށް ވެސް ސުޖާވިދާޅުވިއެވެ.
ރައީސް ޔާމީނަށް މަނީ ލޯންޑަރިން މައްސަލައިގައި ހުކުމްކުރި ކުރިމިނަލް ކޯޓުގެ ގާޒީންގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން އެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެހެނިހެން ބައެއް އިދާރާތަކުގެ ވެރިންނަށް ޕީޕީއެމްއިން ވަނީ ސިޓީއެއް ފޮނުވައިފިއެވެ.
އިދާރާތަކަށް ފޮނުވި ބަޔާނުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އެ މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ހަރާމް ހުކުމެއް ކަމުގައި ކުރިން ވެސް ބުނަމުން އައި ވާހަކަތައް ޔަގީންވެފައިވާ ކަމަށް ބުނެފައެވެ.