ދެ ކޮރެއާ ދެމެދު އަނެއްކާ ނުތަނަވަސްކަން އިތުރުވަނީ

Loading

Facebook
Twitter
WhatsApp

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ދެމެދު ނުތަނަވަސްކަން އިތުރުވެ، ދެ ގައުމުންވެސް ވިދިވިދިގެން ކަހަލަގޮތަކަށް މިސައިލް ޓެސްޓްތަކެއް ކޮށްފިއެވެ. މިޓެސްޓްތަކަކީ ދެ ގައުމުގެ ވާދަވެރިކަން ބޮޑުވެ، ޢަސްކަރީ ޤާބިލުކަން އެއްގައުމުން އަނެއް ގައުމަށް ދައްކާލުމަށް ހިންގި ކަމެކެވެ. ދެކުނު ކޮރެއާއިން މިޓެސްޓްތައް ކުރީ އުތުރު ކޮރެއާގެ ޢަސްކަރީ ޕްރޮގުރާމް ހުއްޓުމަށް ކުރަމުން އައި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

ދެކުނު ކޮރެއާގެ ރައީސް އޮފީހުން ހާމަކުރާ ގޮތުގައި އެ ގައުމުން އުފެއްދި އަންޑަވޯޓަރ ބެލެސްޓިކް މިސައިލް ޓެސްޓްކޮށްފައިވަނީ މިދިޔަ ބުދަދުވަހު ހަވީރުއެވެ. މި މިސައިލް ފޮނުވާލީ 3000 ޓަން ކުލާސް ސަބުމެރީން އަކުންނެވެ. މި މިސައިލް ކަނޑައެޅިފައިވާ ދުރުމިނަށް އަދި ޓާގެޓަށް ކާމިޔާބު ކަމާއެކު ވާސިލްވި ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. މިބަޔާނުގައި ވާގޮތުން މިހަތިޔާރު އުފެއްދީ އެ ގައުމަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ގައުމުގެ ރައްކައުތެރިކަން އިތުރު ކުރުމުގެ ގޮތުންނެވެ. މި މިސައިލް ޓެސްޓާއެކު ދެކުނުކޮރެއާ ވަނީ އެންމެ ޒަމާނީ ހަތިޔާރު ގެންގުޅޭ ދުނިޔޭގެ ހަތް ވަނަ ޤައުމުގެ މަގާމަށް އަރާފައެވެ. މި މަގާމަށް ދެކުނުކޮރެއާ އެރުމާއެކު އެކަން ވެގެން ގޮސްފައި ވަނީ އެސަރަހައްދުގައި ހަތިޔާރު އުފެއްދުމާއި ޓެސްޓްކުރުމުގެ ވާދަވެރިކަން އިތުރުވެގެން ދާނެ ކަމަކަށެވެ.

ދެކުނު ކޮރިޔާގެ ރައީސް ވިދާޅުވީ އުތުރު ކޮރެޔާއިން ނިއުކުލިއަ ހަތިޔާރު އުފެއްދުމަކީ ދެކުނު ކޮރެޔާއިން މިފަދަ މިސައިލްތައް އުފެއްދުމަށް މަޖުބޫރު ކުރުވާ ސަބަބެއް ކަމުގައެވެ. ”އަހަރެމެންގެ މިސައިލްތަކުގެ ބާރު ގަދަކުރުމަކީ އަހަރެމެން އުތުރު ކޮރެއާ އާ ކުރިމަތިލާން ކޮންމެހެން ބޭނުންވާ ކަމެއް.“ ދެކުނު ކޮރެޔާގެ ރައީސް މޫން ޖޭ-އިން ވިދާޅުވިއެވެ. މި ވާހަކަފުޅުތަކާ ގުޅިގެން އުތުރުކޮރެއާގެ ރައީސްގެ ދައްތާފުޅު ވަނީ މޫން ދޮގުވާހަކަ ފަތުރައްވާކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދެކުނު ކޮރެޔާގެ ރައީސްގެ މިވާހަކަ ފުޅުތަކަކީ ދެގައުމުގެ ދެމެދު ކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

މި ދެ ގައުމުގެ ދެމެދުގައި ހިނގާ ކަންކަން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިފަދަ ޓެސްތްތައް ދެކުނު ކޮރެއާ ސަރުކާރުން، ކުރަން މި ފެށީ އުތުރު ކޮރެޔާއާ މުއާމަލާތް ކުރުމުގައި ދެކުނުކޮރެއާ މާ މަޑުމައިތިރިކޮށް ޢަމަލުކުރާކަމަށް ބުނެ އަޑު އުފުލަމުން ދާތީއެވެ. މިކަމުން މިސަރަހައްދުގައި ދުނިޔޭން ސަމާލުކަން ދޭންޖެހޭ ހަތިޔާރުގެ ވާދަވެރިކަމެއް އުފެދެމުން ދާކަން ސާފުކޮށް ހާމަވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް