ޖީލުތަކަކަށް ގައުމު ދަރާފައި ވަނިކޮށް ގައުމު ތަރައްގީ ކުރަން ލޯނު ނެގުމަކީ މޮޅުކަމެއް ނޫން!

Loading

Facebook
Twitter
WhatsApp

ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ވޯލްޑް ބޭންކަށާއި ޗައިނާއަށާއި އިންޑިއާއަށް ދަރައި، ދަރަނި އަދާނުކުރެވޭ މިންވަރަށް ދަރަނި ބޮޑުވެފައި ވަނިކޮށް ލޯނު ނަގައިގެން ގައުމު ތަރައްގީ ކުރުމަކީ މޮޅުކަމެއް ނޫނެވެ!

ގައުމެއް ތަރައްގީ ކުރަން ވާނީ އެގައުމަކަށް ލިބޭ މިންވަރަކުންނެވެ.

މިރާއްޖެއަކީ ނިސްބަތުން ފުދުންތެރި ގައުމެކެވެ. އެހެންކަމުން ބޭރުގެ ލޯނުތައް ނުނަގައި ގައުމު ތަރައްގީ ކުރެވެން ވާނެއެވެ.

މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވިގެންވާ މިގައުމު ދަރަނިވެރި ވެގެން ތަރައްގީ ކުރުމަކީ ބަޔަކަށް މާ މޮޅުކަމެއް ކަމަށް ގަބޫލު ކުރެވުނަސް އެއީ މޮޅުކަމެއް ނޫނެވެ. ކޮންމެ ރައީސަކު ވެރިކަން ނިންމަވާފައި ވަޑައިގަންނަވަނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ފަށްޓަވައި ރައްޔިތުން ބޯ ހިކެންނެތް މިންވަރަށް ގައުމު ދަރުވާލާފައެވެ.

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ކޮންމެހެންވެސް ކުރަން ލާޒިމު ކަންތައް ތަކެއް ހުންނާނެއެވެ. މިސާލަކަށް ނަރުދަމާ އެޅުން ބަނދަރު ތަރައްގީ ކުރުމާއި ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ތަރައްގީ ކުރަން ވާނެއެވެ. އެންމެ ހައިރާންވާ އަނެއްކަމަކީ ރައްޔިތުން ނުހަނު ދަތި ޙާލުގައި ތިއްބާ އަތްނުފޯރާ ވަރުގެ ބޮޑެތި ޚަރަދުތައް ކޮށްގެން ޕާކުތަކާއި ފުޓްސެލް ދަނޑުތަކާއި މިހެންގޮސް މިވަގުތައް އެހާ ބޭނުންތެރި ނޫން މަޝްރޫޢުތައް ހިންގަމުން ދިއުމެވެ. އަދި ހަމަ އެހެންމެ ކޮންމެ އަތޮޅެއްގައި ތިން ހަތަރު އެއާރޕޯޓް އެޅުމަށް ވުރެ މިވަގުތު ހައިސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅުވާލައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރެވޭނެ މެކޭނިޒަމެއް ގާއިމު ކުރުން މާ މުހިންމު ވާނެއެވެ. އަނެއްކޮޅުން ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ނުހަނު ޢާންމުވެފައިވާ މި ދަނޑިވަޅުގައި ގިނަ މަޝްރޫޢުތައް ހިންގުމަކީ ދައުލަތުގެ މާލީ އިދާރާތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވަމުން ދާނެ ކަމެކެވެ.

އަނެއްކޮޅުން ކޮންމެ ދެމަފިރިއަކަށް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތުމުން އެ ޕާޓީ ތަކުން ވަނީ ވެރިކަމުގެ ކެންޕޭންތައް ފަށްޓާފައެވެ. ބައެއް ސިޔާސީ ޕާޓީތަކަށް ކެމްޕޭންކުރަން ފައިސާ ހޯދައިދިނުމަށް ޓަކައި އެތެރެ އެތެރެއިން މަސައްކަތް ޙަވާލުކުވޭ ބައެއް ޕާޓީތައް ހުރިމަކީ ވެސް ހިނގާނެ ކަންކަމެވެ. ހުރިހާ ގެއްލުމެއް ތަހަންމަލު ކުރަން މި ޖެހެނީ ރައްޔިތުންނަށެވެ. ދައުލަތުގެ ފައިސާ ޚަރަދު ކުރަން ވާނީ ރައްޔިތުންގެ މާލީ ފުދުންތެރިކަމުގެ މިންގަނޑަށްބަލައި ރައްޔިތުމީހާ އިނދަ ނުޖެހޭނެ ގޮތަކަށެވެ.

ރާއްޖޭގެ ރައްޔިތުން މިވަގުތު ތިބީ އިޤްތިޞާދީ އަޑިގަނޑަކަށް ވެއްޓި ބޯވެސް ހިއްލައި ނުލެވޭ ހިސާބުގައެވެ. ކަން މިހެން ހުރިނަމަވެސް ކޯލިޝަން ސަރުކާރުން ހޭނާރައި ބިޔަ ބޮޑު މަޝްރޫޢުތައް ހިންގައިގެން ޖީބުތައް ފުރާލަނީއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންނުވާ ހަގީގީ ސިއްރަކީ ވެސް ބަރުލަމާނީ ނިޒާމުގައި ޖީބު ބޮޑުކުރަން ޗާންސް ކުޑަވީމައެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ވެރިން ފެންފޮދަކާ ވެސް ނުލައި ރޮލަށް ގައުމު އެބަ ދިރުވާލައްވައެވެ. އެ ފައިސާ ހޯދަން ދައުލަތުން އުޅެފިނަމަ އެ އުފުލާ ދައުވާ ވެގެންދަނީ ސިޔާސީ ދަޢުވާ އަކަށެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުން ވައްކަން ކުރައްވައިގެން ވަޑައިގަންވާއިރު، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރު އަމިއްލަ އެކައުންޓް ތަކަށް ކަހާލާފައި ވާއިރު އެފައިސާ ރައްޔިތުންނަށް ލިބޭނެ ގޮތެއް، ހޯދައިދޭނެ މުއައްސަސާއެއް ނުހުރެއެވެ. އެހެންކަމުން ގައުމާއި ރައްޔިތުން އެދަނީ ދަރައި ވިކި ހުސްވަމުންނެވެ. ހަނާ ވަމުންނެވެ. ކަން މިހެން އޮތްއިރު އަދި ޖީލުތަކަކަށް ގައުމު ދަރާފައި ވަނިކޮށް ގައުމު ތަރައްގީ ކުރަން ލޯނު ނެގުމަކީ މޮޅުކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް