ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ޤުރުއާން އަދި އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އެއާއެކު އިއްޔަ ވަނީ އަނެއްކާ އިތުރު ގުރޭޑް ތަކެއްގެ ފޮތް ތަކަކުންވެސް މި ކުށް ފެނިފައެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެކެއް އަދި ދޭއްގެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށެވެ. އަދި ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ކުދިން ބޭނުން ކުރަމުން އަންނަ ގްރޭޑް ދޭއްގެ އިސްލާމް ފޮތުގައިވާ ކުށް ހަމަ އެގޮތަށް މިއަދާ ހަމައަށް އިސްލާހު ނުވެ އޮތީ އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ނާންނާތީ ކަމަށެވެ. ނަމަވެސް ކުދިންނަށް އެ ފޮތުން ކިޔަވައިދީފައި ވަނީ އެ ކުށް ރަނގަޅު ކޮށްގެންކަން ޓީޗަރުންނާ ވާހަކަ ދެއްކެމުން އެނގިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ، ދެ ފޮތެއްގައި ޤުރުއާންގެ އާޔަތްތަކުގައި މައްސަލަ ޖެހިފައިވަނީ ޑރ.ޝަހީމް އިސްލާމިކް މިނިސްޓަރު ކަމަށް ހުންނެވިއިރު ނެރުނު ފޮތްތަކެއްގައި ކަމަށެވެ. އަދި އެ ކުށްތައް ނުފެނި މިއަދާ ހަމައަށްވެސް ޕްރިންޓްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
”ކުށް ޖެހުމަކީ މިއަދު އެކަނި ވާ ކަމެއް ނޫން. ގްރޭޑް 2 ގެ ފޮތުގައި ކުށް ޖެހުނީ 2015 ވަނަ އަހަރު. އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު. އެންއައިއީ ހިންގަވަން އޭރު ހުންނެވީ އާދަމް ޝަރީފް. އޭރުގެ ކުށެއް ތަކުރާރުވަމުން އަޅުގަނޑުމެންނަށްވެސް ނުފެނި ޕްރިންޓްވެފައި މިއޮތީ“ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެ ފިޔަވަޅުތަކާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
One Response
ބުހުތާނު ވާހަކަނުދައްކާ، ތިޔަބުނާ ފޮތްތަކުގެ ފުރަމަޗާޕާއި ދެވަނަޗާޕާއި ފޮތް ފާސްކުރި ކާޑު ނަންބަރަށް ބެލުމުންވެސް ތިޔަ ދައްކަނީ ބުހުތާނުކަން އެނގޭނެ.