​އިސްލާމް ފޮތްތަކުގައި ކުށް ހުރީ ކޮމިޓީން ބަލަންވާ ވަރަށް ނުބެލީމަ: އިސްލާމިކް މިނިސްޓަރު

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ސުކޫލުތަކުގައި ދަރިވަރުން ކިޔަވުމަށް ބޭނުންކުރަމުން އަންނަ އިސްލާމާއި ޤުރުއާން ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރާ އިސްލާމް ފޮތްތަކުގައި ގިނަ އާޔަތް ތަކެއް ނުބައިކޮށް ހުރި މައްސަލަތަކެއް ވަނީ މީސްމީޑިޔާގައި އާންމު ވާން ފަށާފައެވެ. ޢެންމެ ފުރަތަމަ މި މައްސަލަ ފެންމަތި ވީ ގުރޭޑް އެކެއްގެ ޤުރުއާން ބޮޑުފޮތުގައި ސޫރަތުން ނަބާގެ ބައެއް އާޔަތްތަކާއި ސޫރަތުން ނާޒިޢަތުގެ ބައެއް އާޔަތްއަށް އެކުވެ އޮޅިފައިވާ ފޮޓޯ ތަކެއް މީސްމީޑިޔާގައި ދައުރު ވާން ފެށި ހިސާބުންނެވެ.

ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުއް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ. އެހެންކަމުން އެ ސޫރަތުގައި މެދުތެރެއަކުން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް އައިސް އޮޅިފައެވެ.​

​މީގެ އިތުރުން ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ނުބައިކޮށް ކަން ފާހަގަ ކުރައްވައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި އެ ކަންކަން ސަމާލު ކަމަށް ގެނެސްދީފައިވެއެވެ. ގުރޭޑް 12ގެ އިސްލާމް ފޮތުގައި އަލްއަންފާލް ސޫރަތުގެ 74ވަނަ އާޔަތް ނިންމަައިފައިވަނީ ނުބައިކޮށްނެވެ. އެ ތަނަށް ވަނީ އިތުރު ކަލިމައެއް އިތުރު ކުރެވިފައެވެ.

ޙަމަ މިއާއެކު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރޭޑް 10 ގެ ފޮތުގައިވެސް ގުރުއާންގެ އާޔަތެއް

ނުބައިކޮށް ލިޔެވިފައިވާކަމަށެވެ. އަދި ގުރޭޑް 2ގެ ފޮތުގައިވެސް ޤުރުއާން ފޮތް ގްރޭޑް 02، ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު އުނިވެފައިވާކަމަށް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައިގައި އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ގްރޭޑް ދޭއެއްގެ ފޮތާއި ގްރޭޑް 12 އަދި ގުރޭޑް 10 ގެ ފޮތުގައި ހުރި މައްސަލަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް