އުނގަންނައި ދިނުމާއި އުނގެނުމަކީ ކޮންމެދީނަކާއި މަޒްހަބެއް އަދި އާދަކާދައެއްގައި ވެސް ވަރަށް މަތިވެރި މަގާމައް ދީފައި އޮންނަ ކަމެކެވެ. އެހެންކަމުން އެކަމާ އިދިކޮޅަށް އެއްޗެއް ބުނުމަކީ އެދެވިގެންވާކަމެއް ނޫނޭ ވަރަށް ފަސޭހައިން ބުނެވިދާނެއެވެ. ނަމަވެސް ކޮންމެކަމެއްގައިވެސް ވިސްނާފިކުރުކުރަން ކޮންމެ މަޒުހަބެއްގައިވެސް ބާރުއަޅާާތީ އަޅުގަނޑުގެ ވިސްނުމާއި ފިކުރު ދިވެިރާއްޖޭގެ ގާނޫނުއަސާސީގެ ތަރަހައިގެތެރޭގައި ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ދެކެެވެ. އަަޅުގަނޑު ލިޔަންބޭނުންވަނީ ކައިރި މާޒީއެއްގައި ހޭލުންތެރިކުރުވުމުގެގޮތުން ހިންގުނު ބައެއް ޕްރޮގްރާމްތަކުން ދަސްވި އަދި ދަސްވަމުންދާ ފިލާވަޅުތަކަކާބެހޭގޮތުންނެވެ. ދަސްވެނިވި ފަރާތްތަކަށް ވުރެން ބޮޑަށް ދިވެހި މުޖުތަމާއަށް އެފިލާވަޅުތަކުން ކުރާއަސަރުތަކާބެހޭގޮތުންނޭވެސް ބުނެވިދާނެެވެ. އަޅުގަނޑުގެ އުސްތާޛަކު ވިދާޅުވިގޮތުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އާންމުގޮތެއްގައި ތައްޔާރުކޮށްފައިހުންނަނީ ވަކި މާޙައުލެއްގައި ނުވަތަ ވަކި މުޖުތަމާއެއްގައި ކަމެއް ތަޖްރިބާކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް އެބައެއްގެ ވިސްނުމާ ފިކުރު އަދި އެ މުޖުތަމާކުރި ތަޖްރިބާ އެހެންބައެއްގެ މައްޗަށް ފެތުރުމުގެ އަމާޒަށް ބިނާކޮށްގެންނެވެ. އަދި ބައެއްފަހަރު ވަކި ވިސްނުމަކާ ފިކުރެއް އަށަގެންނެވުމަށްޓަކައިވެސް މިފަދަ ޕްރޮގްރާމްތައް ތައްޔާރު ކޮށްފައި ހުރެއެވެ.
1990 ގެ އަހަރުތަކުގައި ބައިނަލް އަގްވާމީ އޭޖެންސީ ތަކަކުން ހިންގި އެކަހަލަ ހޭލުންތެރިކުރުވުމުގެ ބައެއް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އެއީ އަޅުގަނޑު މަސައްކަތް ކުރި އޮފީހުގެ ފަރާތުން ބައިވެރިކުރި މުއައްޒިފުގެ ޙައިސިްޔަތުންނެވެ. ސަރުކާރުގެ އޮފީސްތަކުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ސިފައިންނާއި ފުލުހުން އަދި ބޭރުގެ ވަރަށްގިނަ ފަރާތްތަކުން ބައިވެރިވިއެވެ. އެ ޕްރޮގްރާމްތައް ހިންގިފަރާތްތަކުން ނަންދީފައި ހުންނަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް މިގޮތަށެވެ. އުނގަންނައި ދިނުމާއި ހޭލުންތެރިކުރުވުމުން މިދެ ބަސް ބޭނުންކުރެވޭގޮތް އަޅުގަނޑުގެ އުސްތާޛު އޮޅުންފިލުވާދެއްވި ގޮތްވެސް ލިއެލާނަމެވެ. އުނގަންނައި ދިނުމަކީ އޮޅުންނުފިލާ ނުވަތަ ނޭނގޭ އެއްޗެއް ކިޔަވައިދީ ދަސްކޮށްދިނުމެވެ. ހޭލުންތެރިކުރުމަކީ އެނގޭ ކަމެއް ނުވަތަ އެނގޭ އެއްޗެއްގެ ބޭނުންކުރާނެގޮތް ރަނގަޅަށް ކިޔާދީ އޮޅުންފިލުވާދިނުމެވެ. އޭގެތެރޭގައި އެކަންކުރާނެ ރަނގަޅުގޮތްތަކާއި ނުރަނގަޅުގޮތްތަކާއި މިކަހަލަ ގިނަ މަޢުލޫމާތުތަކަކާއިއެކު ބޮޑުތަގްރީރެއް ދެވެއެވެ.
އަޅުގަނޑަށް ބައިވެރިވާންޖެހުނު ޕްރޮގްރާމް ތަކުގެތެރޭގައި މަސްތުވެގަތުމަށް ބޭނުންކުރާތަކެތީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްވެސް ހިމެނުނެވެ. މަސްތުވެގަތުމަށް ބޭނުންކުރާ ތަކެތި އުފައްދާ ގޮތާއި، އުފެދޭގޮތާއި އެތަކެތި ތަރައްގީކޮށް މަސްތުވެގަތުމަށް ބޭނުންކުރާ ތަފާތު އެއްޗެއްސަށް ބަދަލު ކުރެވޭގޮތް ވަރަށް ތަފްސީލުކޮށް އޮޅުންފިލުވާދިނެވެ. ހަމައެފަދައިން އެތަކެތީގެ ފުރަތަމަ އަގާއި ތަފާތުގޮތްގޮތަށް އެތަކެތި ބަދަލުކުރުމުން އަގަށާއި ބޭނުންކުރާމީހާއަށް ހިތްހަމަޖެހުމާއި ގެއްލުން ލިބޭގޮތާއި އޭގެ ވިޔަފާރިކުރާ ފަރާތްތަކުން ލިބިގަންނަ ބޮޑު އާމްދަނީގެ ވާހަކަވެސް ވަރަށް ރަނގަޅަށް އޮޅުންފިލުވާދިނެވެ. އެ ފިލާވަޅުތައް ދެއްވި ބޭކަލުންގެ މަޢުލޫމާތާއި ތަޖްރިބާގެ މުއްސަނދިކަމަށްޓަކައި ތަޢުރީފުކުރަން ޖެހެއެވެ.
ކޮންމެއަކަސް ހޭލުންތެރިކުރުވިމަށް ހިންގުނު ޕްރޮގްރާމް ނިމި ބައިވެރިވިކަމުގެ ލިއުން ލިބުނު ދުވަހު އެހެން އޮފީހަކުން ބައިވެރިވެ ވަޑައިގެންނެވި ސިއްރުވެރި ރައްޓެއްސެއް ކައިރީގައި މި ޕްރޮގްރާމު ހިންގުމުގެ ބޭނުމާއި އަދި މި ލިބުނު މަޢުލޫމާތުތަކަކީ އަޅުގަނޑުމެންނަށް ކިހާބޭނުން އެއްޗެއްތޯ ވެސް އަހާލީމެވެ. ސަބަބަކީ އެދުވަސްވަރަކީ މަސްތުވެގަތުމަށް ބޭނުންކުރާ އެއްޗެއްސާއި އޭގެ ބޭނުންކުރާމީހުން ގައުމުގައި މުސީބާތަކަށް ވެފާއޮތް ދުވަސްވަަކަށް ވާތީއެވެ. އެބޭފުޅާގެ ޖަވާބުން ވަރަށް ބޮޑުކަމެއް އޮޅުންފިލިއެވެ. އެބޭފުޅާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ހިންގަނީ އެމީހުންގެ ޚަރަދުގައި ކަމަށްވެފައި އެކަމަށް ޖާގަދިނުމުން އަހަރެމެން ހިންގާތަފާތު ޕްރޮގްރާމްތަކަށްވެސް އެމީހުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. ވަރަށް ރަނގަޅަށް އޮޅުންފިލައިފިއެވެ. އަދި ކުޑަދުވަސްކޮޅަކަށްފަހު ނަތީޖާވެސް ނޫސްތަކުން ފެންނާން ފަށައިފިއެވެ. ބަނގުރާ ކައްކަންތިއްބާ އަތުލާގަނެވޭ މީހުންގެ ވާހަކަތައް ނޫސްތަކުން ފެންނާން ފެށިއެވެ. އަންޒަމާނުއްސުރެން ދިވެހިންނަކީ ރާ ކައްކާއުޅޭ ބައެކެވެ. އެކަމަކު އެއަށް ބަނގުއަޅާނެގޮތް ނޭގެނީތާއެވެ.
އޭގެފަހުން ބައިވެރިވުމަށް ފުރުސަތުލިބުނީ އެއިޑްސް އޭ މިކިޔާ ބައްޔާބެހޭގޮތުން ހޭލުންތެރިކުރުވަން ބައިނަލް އަގްވާމީ ޖަމާޢަތަކުން ހިންގި ޕްރޮގްރާމެއްގައެވެ. އެއިޑް އަކީ ކޮބައިކަމާއި އެ ބަލި ޖެހެނީ ކިހެނެއް ކޮންކަންތައްތަކެއް ކުރީމާ ކަމާއި ބަލި ނުޖެހޭނެގޮތްތަކާއި ބަލިޖެހުމުން އެއްކިބާވެވޭނެގޮތްތައް ވަރަށް ރަނގަޅަށް ކިޔައިދީ އޮޅުންފިލުވާދިނެވެ. މި ފްރޮގްރާމް ހިންގުމުގެ ބޭނުމާއި ލިބުނު މަޢުލޫމާތާބެހޭގޮތުން މިފަހަރު ރައްޓެހިންނާ ސުވާލުކޮށެއް ނުހަދަމެވެ. ސަބަބަކީ މިކަހަލަ ޕްރޮގްރާމްތައް ހިންގަނީ ސަރުކާރުގެ ކަމާގުޅުންހުރި ދާއިރާގެ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ކަމުގައިވިޔަސް މުޅި ޕްރޮގްރާމް ނަތީޖާ މުޅި ދިވެހި މުޖުތަމާއަށް ފެތުރިގެންދާގޮތް ވަރަށްރަނގަޅަށް ހާމަވެގެންދާތަން ފެންނާތީއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިބާވަތުގެ ހޭލުންތެރިކަން އިތުރު ކުރުމުން ނިކުންނަ ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ.
މިހާރަކަށް އައިސް އެންމެ ހޫނުގަދަވެފައިވަނީ މި މުޖުތަމާގައި ހިނގާ ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ވާހަކަތަކެވެ. އެކަމަށް ހޭލުންތެރިކުރުމުގެ ވާހަކަތަކެވެ. ބިރުގަންނަން ޖެހޭވަރަކަށް އެކަންތައް އިތުރުވެއްޖެކަމަށް ގަބޫލުކުރެއެވެ. މިއީ ނޭގުމާއި ހޭލުންތެރިކަންނެތުމުން ދިމާވާ ގޮތެއްބާވައޭ ހިތަށް އަރައެވެ. އަޅުގަނޑު އުޅެބޮޑުވި މެދުރާއްޖެތެރޭގެ އާދަކާދަ އޮންނަގޮތުން 1960ގެ އަހަރުތަކުގެ ތެރޭގައިވެސް އަންހެންކުދިން ބޮޑުވުމުން ލިބާސް ލެއްވުމަކީ އެ ޢާއިލާއެއްގެ ފޯރުންތެރިކަން ހުންނަވަރަކުން ފާހަގަކުރާ ރަސްމެކެވެ. އޭރު އެކުދިން ތިބެނީ މޭމަތީގެ އަންހެންވަންތަކަމުގެ ރީތިކަން ފާޅުވެފައެވެ. މިޙާލަތަށް އޭރު އެކުދިންތިބެނީ ލިބާހަށް އައިބުވެފައޭވެސް ކިޔާއުޅެއެވެ. އެހެންނަމަވެސް އެއްވެސްމީހަކު އެއިންކުއްޖަކާ ބެހުނު ވާހައެއް އަޑެއް ނީވެއެވެ. ދަންވަރު މީހުންގާތަށް ވަނުންފަދަ ބަދުއަަޚްލާގީ ކަންތައްތައް ވަރަށް ޢާންމުކޮށްހިނގާކަމުގައި ބުނެވިދާނެއެވެ. އެކަމަކު ދަރިވައްޓާލެވޭނެގޮތެއް ނެތުމާއެކުވެސް ރަށްމެދަށް ބަލިވެއިން މީހެއްގެ ވާހަކައިވެނީ ކާޅުގައި ހުދުފަތް ހުންނަ ބީދައަކުންނޭވެސް ބުނެވިދާނެއެވެ.
ހުޅަނގުގެ ގައުމުތަކުގައި ނަހަމަގޮތުގައި ޖިންސީގުޅުން ހިންގުމަކީ ސަބަބުތަކަކާހުރެ ގިނަފަހަރަށް ތަޙްގީގަށް ހުށައެޅޭ މައްސަލެއްނޫނެވެ. އަންދާޒާކުރެވިފައިވާގޮތުގައި 60 އިންސައްތަ މައްސަލަ ހުށަނޭޅެއެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތަފްސީލަށް ދާކަށް ބޭނުމެއްނޫނެވެ. އަޅުގަނޑުމެން ދެނެގަނެ އަދި ހޭލުންތެރިވާން މިހާރު މިއުޅޭ މަސްތުވެގަތުމަށް ބޭނުންކުރާ އެއްޗެއްސާއި ނަހަމަގޮތުގައި ޖިންސީގުޅުން ހިންގުމާއި ޖިންސީގޯނާކުރުމާއި ޖިންސީފުރައްސާރަ ކުރުންފަދަ ކަންތައްތަކަކީ ދިވެހިންގެ އާދަކާދައިގާ މިގޮތަށްް ހިނގަމުންދިޔަ ކަމެއްހެން ހިއެއްނުވެއެވެ. އެއީ ހޭލެންތެރިކަމުގެ ތެރޭންލާފާ ބޭރުން އެތެރެކުރެވިފައިވާ އެއްޗެކޭ ބުނުން މާރަނގަޅުވާނެކަމަށް ފެނެއެވެ. ބޭރުން އެތެރެކުރެވޭ ކޮންމެ އެއްޗަކާދޭތެރޭ އަޅުގަނޑުމެން ޚަބަރުދާރުވާން އެބަޖެހެއެވެ. ދިވެހި އާދަކާދައާއި އަބުއި ސަގާފަތަށް އެނބުރިދާން އެބަޖެހެއެވެ. މަސްތުވެގަތުމަށް ބޭނުންކުރާ އެއްޗެއްސާއި ދިވެހިންގެ ދީނާއި ރިވެތި ސަގާފަތާ ނުގުޅޭ ކަންތަކަށް ނޫނެކޭ ބުނާނެ ހިތްވަރު ލިބިގަންނަން އެބަޖެހެއެވެ. ނަހަމަގޮތުގައި ޖިންސީގުޅުންހިންގުމާއި ޖިންސީ ގޯނާކުރުންފަދަ ނުބައި ކަންތައްތައް ހުއްޓުވަން އެބަޖެހެއެވެ. ބޭރުގައުމުތަކުން ކުރި ނުވަތަ ބޭނުންކުރާ ތަޖްރިބާގެ އެމީހުންގެ މިންގަޑުން ބޭނުންކޮށްގެނެއްނޫނެވެ. ދިވެހިންނަށް ދިވެހިންގެ ގޮތުގައި އެފަދަކަންތައް ހުއްޓުވޭނެއެވެ. އެވަރުގެ ހޭލުންތެރިކަން ޔަގީނުންވެސް ހުންނާނެއެވެ.
2 Responses
ހުރިހާ ނުލަފާ ޙަރާމް ކަންތައްތަކަށް މަގުފަހިކޮށްދޭ ފިލާވަޅުތައް އެވެރިންގެ ޚަރަދުގައި މި ގައުމަށް އައިސް ކިޔާއިދޭނެ. ދެން މިތަނުގައި ކޮންމެވެސް އެންޖީއޯ އަކާއި ގުޅިލީމާ އޯކޭ ލިބޭނެ. ލާރިކޮޅެއް ލިބެންޏާ މިހާރު އަހަރެމެން ކޮންމެކަމެއްވެސް ކޮށްލާނެ. އެއީތާ މިދަސްވާކަމަކީ. ބެގް ބޮރޯ ސްޓީލް މިއީ އަހަރެމެންގެ ވެރިންވެސް ބުނެދީފާ ހުންނަ މޮޅުގޮތް. ދެން ކީއްތޯ ކުރާނީ. ބޯހަލާކުނުވެ ތިބެވޭތޯ ބެލުން އޮތީ. ނޫންތޯ؟
ޒުމެއިރު ޝާން އަށް މަރުޙަބާ ދަންނަވަމެވެ. މިކަހަލަ ހާދިސާތައް އަތުޖެހޭހިސާބަށް ތިލަނުކޮށްތިބީމާ އެނޭގޭނީ ކާކަށް ހެއްޔެވެ. ބުނަން އެބަޖެހެއެވެ. ގަދަކަމުންނަމަވެސް ދިވެހިންނަށް މިކަންކަން ވިސްނާދޭން ޖެހޭނެއެވެ. އިސްލާހް ކުރެވޭނީ އުގަންނައި ދީގެންނެވެ. އަދިހޭލުންތެރި ވެސް ކުރުވައިގެންނެވެ. އެހެންސަގާފަތެއްގެބަޔަކު ކުރަމުންގެންދާ ތަޖްރިބާއެއްގެ އަލީގައެއް ނޫނެވެ. ދިވެހިން ދިވެހިންގެ ގޮތުގައި އަބަދުވެސް……