މުޣަލް އެމްޕަޔަރ- 9

Loading

Facebook
Twitter
WhatsApp

http://sandhaanu.today/13480/ އާއި ގުޅޭ…

ޑެކަން ސަރަހައްދު (މިހާރުގެ އަންދްރާޕްރަދޭޝް) ގައި ހިނގަމުންދިޔަ ޙަރަކާތްތައް:

އަކްބަރު ރަސްގެފާނުގެ ރަސްކަމުގެ އެންމެ ފަހު އަހަރުތަކުގައި އެ ރަސްގެފާނު އެންމެ ބޮޑު ވިސްނުންފުޅަކަށްވީ ޑެކަންސަރަހައްދުގެ އަޙުމަދުނަގަރުގައި އޮތް ނިޒާމީ ޝާހުންގެ ވެރިކަމެވެ. ރަސްގެފާނުގެ އެންމެ މުހިންމު މަގްސަދަކީ އެ ސަރަޙައްދުގެ ބެރާރު ރަސްކަމުގެ ބާރުގެ ދަށަށް ގެނައުމެވެ. ބެރާރުގެ ސަރަޙައްދަކީ ދާދިފަހުން ޚާންދޭޝްއާއި ޕަލަޣަޓްގެ ސަރަޙައްދުން އަޙްމަދުނަގަރގެ ދަށަށް ދިޔަތަނެކެވެ. އަޙުމަދުނަގަރަށްވެސް އަދި ގުޖުރާތަށްވެސް ބެރާރް ސިފަކުރެވެނީ ކަރުގައި ތާށިވެފާއޮތް ކައްޓެއްގެ މިސާލުގައެވެ.

އެ ސަރަޙައްދު ބާރުގެދަށަށް ގެނައުން ނޫން އެހެންގޮތެއް އެއްބަޔަކުވެސް ގަބޫލެއް ނުކުރެއެވެ. 1596 ވަނައަހަރު އަހްމަދުނަގަރުން ބެރާރް ފަތަހަކުރިއެވެ. އަދި މުޣަލް ރަސްކަމަކީ އެމީހުންގެވެސް ރަސްކަން ކަމުގައި ތިބީ ގަބޫލުކޮށްގެންނެވެ. ބެރާރް ފަތަހަކުރެވުނުނަމަވެސް އެތަނުގެ އިމުގެ މައްސަލަ އޮތީ ރަނގަޅަށް ހައްލުނުކުރެވިއެވެ.

މި ކޯޅުންގަނޑު މުޣަލް ރަސްކަމުން ދޭތެރެދޭތެރޭން ހިއްލާލައެވެ. ޖަހާންގީރުގެ ރަސްކަމުގައި އަހްމަދުނަގަރުގެ ކިއްލާތަކުގައި ތިބި އާދަޔާޚިލާފަށް ކުޅަދާން ހަނގުރާމަ ވެރިން ކަމުގައިވާ މަލިކުންނާއި އަމްބާރުންނާއި އަދި ހަބްޝީންނާއެކު އަދި ބިޖާޕޫރުގެ ޢާދިލްޝާހުގެ ބައިއަތުވެސް ހިފުމާއެކު ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރެވުނެވެ. އަދި މުޣަލްގެ ލަޝްކަށްޖެހުނީ އެ ސަރަހައްދު ދޫކޮށްލާފައި ދާށެވެ.

މިދުވަސްވަރު މަރާތާނުންނަކީވެސް ޑެކަންސަރަހައްދުގައި ބަސްކިޔޭވަރުގެ ލަޝްކަރަށް ވެއްޖެއެވެ. ޖަހާންގީރު މިފުރުސަތުބޭނުންކޮށްގެން 1615 ވަނައަހަރުގައި އެ ލަޝްކަރު އޭނާފަރާތަށް ލަންބުވަން މަސައްކަތް ފަށާގަތެވެ. ނަމަވެސް 1615 ވަނައަހަރު މުޣަލް ރަސްކަމުގެ ލަޝްކަރުތަކުން ޑެކަން ލަޝްކަރުތައް ބަލިކޮށް އަދި 1620 ވަނައަހަރު ހަބްޝީންގެ ކުޅަދާނަ ހަނގުރާމަވެރިން ހިމެނޭ ޑެކަންގެ ލަޝްކަރުވެސް ބަލިކުރިއެވެ.

އެހެންނަމަވެސް ރަސްގެފާނު އެންމެ ލޯބިވާ ރާނީ ނޫރުޖަހާންއާއި އެކަމަނާގެ ގާތްތިމާގެމީހުންގެ ނުފޫޒު ރަސްކަމުގެތެރެއަށް ގަދަވެގަތުމުގެ ސަބަބުން ޑެކަންގެ މައްސަލަގަނޑުވެސް މުޅިން ނުނިމި ދިގުލައިގެން ދާގޮތްވީއެވެ. ބަލި އެނދުގައިއޮތް ރަސްގެފާނުގެ ވަލީއަޙުދަކަށް ނޫރުޖަހާން ބޭނުންވާ ޕްރިންސަކު ޚިޔާރުކުރަން ބާރުއަޅަމުންގެންދިއުމުގެ ސަބަބުން 1622 ވަނައަހަރު ޕްރިންސް ޚުއްރާމްގެ ދެކޮޅުވެރިކަން ބޮޑުވެގެންދިޔައެވެ. އަދި ޕްރިންސް ޚުއްރާމް މައިތިރިކުރުމުގެ މަސައްކަތް ނޫރުޖަހާންގެ ޚާއްސުންތެރޭގައި ހިމެނޭ މުޙައްބަތު ޚާނަށް އެކަމަނާ ހަވާލުކުރިއެވެ.

ޕްރިންސް ޚުއްރާމް (ޝާހުޖަހާންގެ) ދެކޮޅުވެރިކަން:

1623 ވަނަ އަހަރު މުޙައްބަތު ޚާނުގެ ދަށުގައި އޮތް ރަސްކަމުގެ ލަޝްކަރުގެ ކިބައިން ފާތިޙްޕޫރް ސިކްރީ ފަތަޙަ ނުކުރެވުމުގެ ސަބަބުން ޕްރިންސް ޚުއްރާމް އަނެއްކާވެސް ޑެކަން އަށް އެބުރި ވަޑައިގަތީއެވެ. އަދި މުޙައްބަތު ޚާނުގެ ލަޝްކަރުގެ އުދަނގުލާހުރެ އެތަނުން ބަންގާޅަށް އަދި އެތަނުގައިވެސް ނުހުރެވިގެން އަނެއްކާ ޑެކަންއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ބިހާރު އާއި އައްލާޙް އާބާދު އާއި އަޔޯދްޔާ އަދި އާގްރާ ފަތަހަކުރުމަށް ކުރި އުންމީދުތައް ފެނަށްވެގެންދިޔައީއެވެ.

އެންމެފަހުން އެހެންގޮތެއް ނެތިގެން 1626 ވަނައަހަރު އެއްވެސް ޝަރުތަކާނުލައި ބައްޕާފުޅު ޖަހާންގީރު އަރިހުގައި މަޢާފަށް އެދި އަލުން އެއްބައިވީއެވެ. ރަސްގެފާނު އޭނާއަށް މަޢާފްކޮށް ބަލަގަޓްގެ ގަވަރނަރ ކަމަށް އިސްކުރީއެވެ. އެހެންނަމަވެސް ތިން އަހަރު ދުވަސްވަންދެން އޭނާ ކުރި އިދިކޮޅު ބަޣާވަތުގެ ސަބަބުން އެތައްބަޔަކު މަރުވެ ބައިވަރު ފައިސާތަކެއް އޮތީ ބޭކާރުވެގެން ގޮސްފައެވެ.

މުޙައްބަތުޚާނުގެ ބަޣާވަތް:

ޚުއްރާމާއެކު ސުލްހަވެވުމާގުޅިގެން ރާނީ ނޫރުޖަހާން ބޭނުންވީ ޖަހާންގީރު ރަސްގެފާނު ނޫން އެހެން މީހެއްގެ ފަރާތުން އަމުރު ލިބިގަތުމަށް މުޙައްބަތު ޚާން އިންކާރު ކުރުމުގެ ސަބަބުން އޭނާގެ ކިބައިން ބަދަލު ހިފާށެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ބަންގާޅަށް ފޮނުވާލިއެވެ. ނަމަވެސް ބަންގާޅަށް ދިއުމުގެ ބަދަލުގައި އޭނާދިޔައީ އޭރު ޖަހާންގީރު ރަސްގެފާނު މަޑުކޮށްގެންހުންނެވި ޕަންޖާބަށެވެ. އެކަމަކު ރަސްގެފާނު އޭނާއާއި ބައްދަލުކުރާކަށް ބޭނުންފުޅެއްނުވިއެވެ.

އެހެންކަމުން އޭނާގެންދިޔައީ ރަސްގެފާނާއި ރާނީގެ ޙަރަކާތްތަކަށް ފާރަލަމުންނެވެ. ކޮންމެއަކަސް މި ކަންތައްގަނޑުގެތެރޭގައި ރަސްގެފާނުގެ ސިއްޙީ ޙާލުކޮޅު އިހުނަށްވުރެންވެސް ގޯސްވެ 1627 ވަނައަހަރު ނޮވެމްބަރ މަހުގެ ތެރޭގައި އަވަހާރަވެއްޖެއެވެ.

ޝާހްޖަހާންގެ ރަސްކަން:

ބައްޕާފުޅު އަވަހާރަވުމާގުޅިގެން ޕްރިން ޚުއްރާމަށް ތަޚްތު ލިބިއްޖެއެވެ. އޭރު ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ހަގު ކޮއްކޮ ޝަހުރުޔާރު ރަސްކަމުގެތަޚުތަށް ވެރިވުމަށް ބޭނުންވިއެވެ. އެހެންނަމަވެސް ޝާހުޖަހާންގެ އަމުރަށް އޭނާގެ ދެލޯ ކަނުކޮށްލުމަށްފަހު ޖަލުގައި ބަންދުކުރީއެވެ. އަދި އޭނާގެ ބަފާބެ އާސިފް ޚާނު ލައްވާ ރަސްކަމުގެ ތަޚުތަށް ޝައުގުވެރިކަން ފާޅުކޮށްފާނެހެންހީވާ ހުރިހާ ޕްރިންސުން ގަތުލުކޮށް ނިންމާލިއެވެ. އަދި 1628 އިން 1658 އަށް ޝާހް ޖަހާންގެ ނަމުގައި ރަސްކަން ކުރެއްވިއެވެ. އަދި އާސިފް ޚާނަކީ ބޮޑުވަޒީރު ކަމުގައި ހަމަޖައްސަވައި މަންމާފުޅު ނޫރުޖަހާނަށް ތަނަވަސްކަމާއެކު ދިރިއުޅުއްވެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވިއެވެ.

ޝާހުޖަހާންގެ ރަސްކަމުގައިވެސް އެކިއެކި ސަރަހައްދުތަކުން އިދިކޮޅު ޙރަކާތްތައް ފެށިގެން ދިޔައެވެ. އެންމެފުރަތަމަ އަޙުމަދުނަގަރުގެ ބަލަގަޓް ސަރަޙައްދު ފަތަހަނުކުރެވުމުގެ ސަބަބުން ޑެކަންގައި ހުރި ގަވަރނަރ ޚާން ޖަހާން ލޯދީ ރަސްކަމުގެ ދަރުބާރަށް ޙާޒިރުވުމަށް އެންގުނެވެ. އެހެނަނަމަވެސް އެ އަމުރަށް ކިޔަމަންނުވެ އޭނާ ފިލީއެވެ. ޝާހުޖަހާން އޭނާ ހޯދަން މަސައްކަތްކުރިއެވެ. އަދި 1631 ވަނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި ޝިހޮންޑާއެވެ ކިއުނު އުތުރުގެ ސަރަހައްދެއްގައި އޭނާ މަރާލީއެވެ.

ދެވަނައަށް އިދިކޮޅު ޙަރާކާތެއް ފެނުނީ ބަންޑެލްޚަންދުގެ އޯރޗާގެ ވެރިއަކަށްހުރި ޖުޖާރސިންގް ގެފަރާތުންނެވެ. އެއީ ޑެކަންއަށް ދިއުމަށްޓަކައި ހުރަސްކުރަންޖެހޭ ވަރަށް މުހިންމު ސަރަހައްދެކެވެ. ޖުޖާރސިންގްގެ ގާތްތިމާގެ މީހަކު މުޣަލް ރަސްކަމަށް ބައިއަތު ހިފުމުގެ ސަބަބުން އޭނާއަށް މަޖުބޫރުވީ އަމާންދިނުމަށެވެ. ނަމަވެސް އޭނާއަށް ހުށައެޅުނު ޝަރުތުތަކަށް އެއްބަސްނުވުމުން އުފެދުނު ހަމަނުޖެހުންތަކުގައި 1634 ވަނައަހަރު އޭނާ މަރާލީއެވެ. ނަމަވެސް އުފެދުނު ދެކޮޅުވެރިކަން ދެމިގެންދިޔައެވެ.

އެހެންކަމުން ޑެކަންގެ އިދިކޮޅު ހަމަނުޖެހުންތަކަށް ދާއިމީ ޙައްލެއް ގެންނަން ޝާހްޖަހާނަށް މަޖުބޫރުވެއްޖެއެވެ. މިކަމަށްޓަކައި އެންމެފުރަތަމަ އަޙުމަދުނަގަރ ބައިބައިކޮށްލުމުގެ ނިޔަތުގައި ބިޖާޕޫރާއެކު މިލިޓަރީ އެއްބަސްވުމެއް ގާއިމްކުރިއެވެ. ނަތީޖާއެއްގެ ގޮތުން 1636 ވަނައަހަރުގެ މި އެއްބަސްވުމުގެ ދަށުން މުޅި އެ ސަރަޙައްދު ބައިބައިކޮށްލެވުނެވެ. އޭގެތެރޭން ތިންބައިކުޅަ އެއްބައި ބިޖާޕޫރަށް ލިބުނުއިރު ދެންއޮތް ސަރަހައްދު އެއްކޮށް މުޣަލް ރަސްކަމުގެ ބާރުގެ ދަށަށް ދިއައީއެވެ. އަދި އެތާނގައި މުޣަލްގެ ބާރުގެދަށުގައި ހަމަހިމޭން ސަރަހައްދެއްގެ ގޮތުގައި އޮތް ގޯލްކޮންޑާއަށް ބިޖާޕޫރުން އެއްވެސް ކަހަލަ އުނދަގުލެއް ނުކުރުންވެސް ޝަރުތު ކުރެވިގެންދިޔައެވެ. އަދި ދެކުނުގައިއޮތް ހިންދޫންނަށް ނިސްބަތްކުރެވޭ އަވަށްތައް ހިފުމުގެ އިޚްތިޔާރު ބިޖާޕޫރުންނާއި އަދި ގޯލްކޮންޑާއިންނަށް ލިބިގެންދިޔައެވެ.

ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ދިހަވަރަކަށް އަހަރުގެތެރޭގައި ބިޖާޕޫރް އަދި ގޯލްކޮންޑާގެ ސިފައިން ކްރިޝްނާކޯރުގެ ދުނުން ތަންޖާވޫރާއި ކަރްނާޓަކާއާއި ހަމަޔަށް ފެތުރިގެތެވެ. އަނެއްކޮޅުން މުޣަލްގެ ލަޝްކަރުތައް ކަންދަހާރު ހިފުމަށްޓަކައި 1638 ވަނައަހަރު ބަންގާޅާއި އާސާމުގެ ބޯރޑަރތަކަށް ދެމިގަތެވެ. އެހެންނަމަވެސް އެތާނގައި ޕޯޗްގީޒުން އަތުލައިގެންފައިވާ މުޣަލްގެ އަޅުންތަކެއްގެ މައްސަލަ ޝާހުޖަހާނަށް ކުރިމަތިލާން ޖެހިއްޖެއެވެ. 1648 ގައި އުތުރުގެ ކަންކޮޅުތަކުގައި ވަރިކަން ގަދަޔަށް ސާބިތުކުރުމުގެ ބޭނުމުގައި ޝާހުޖަހާންގެ ރަސްކަމުގެ މައިދަރުބާރު އާގްރާއިން ދިއްލީއަށް ބަދަލުކުރިއެވެ.

 

Loading

One Response

  1. އެންމެންވެސް އަނެކާ މަރާފަވެސް ވެރިކަން. އަބަދުވެސް މިއީ ދޯ ރަސްކަމާެއި ގައުމުތަކުގެ ވެރީންގެ ހާލަކީ. އިބޫ އާއި އަންނިވެސް ހަމަ އިންސާނުން. ބާރާއި ޖާހަތު ބޭނުންވާނެ. މައުމޫނާއި ޔާމީނަށްވެސް ހަމަ ވެގެންދިޔަގޮތް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް