ސިޓީ: ގައުމު ދަރަނީގެ ކަނޑަކަށް ޣަރަޤުވިޔަ ނުދެއްވާ!

Loading

Facebook
Twitter
WhatsApp

ފިނޭންސް މިނިސްޓަރަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

މަނިކުފާނު، 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ވަރަށް ހިތްވަރާއެކު ރަށްރަށް ދަތުރު ކުރައްވައި ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހި ގައުމުގެ އިގުތިސާދު ފުނޑުފުނޑުވެ މުޅި ރައްޔިތުން ދަރަނި ދަންތުރައެއްގައި ޖައްސަމުން ގެންދާ ވާހަކައެވެ. އަދި ރާއްޖެ ބަނޑަށް ޖެހޭ ވާހަކައާއި ސަރުކާރުގެ ވެރިންނަށް ދައުލަތުގެ ބޮޑު ތިޖޫރީން ފައިސާ ބަހާ ވާހަކައެވެ. މިވާހަކަތައް އިވުމުން ރައްޔިތުން އަތް ވާޅުވަންދެން ދެއަތް ތެޅިއެވެ. މަނިކުފާނުގެ އަޑުފުޅު ކުރެހި ކަރުން ހަން ދިޔައެވެ. ހުވަދު އަތޮޅު ބަހުރަވައިން ވެސް ރައްޔިތުންގެ ހިތްތައް ފަތަހަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.

މަނިކުފާނު އެންމެ ގަދަޔަށް ވެވަޑައިގެންނެވި ވައުދަކީ އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ދިވެހި ޔައްޔިތުން ދަރަނިވެރި ނުކުރާނެ ކަމުގެ ވައުދެވެ. ކޮންކުރީޓް ތަރައްގީ ބޭނުން ނުވާކަމުގެ ވާހަކައެވެ. އަތްނުފޯރާ ވަރުގެ ބޮޑެތި އިންވެސްޓްމަންތަކުން ގައުމަށް ގެއްލުން ވާނެ ވާހަކައެވެ. ފައިސާ އިތުރަށް ޗާޕް ނުކުރައްވާނެކަމުގެ ވާހަކައެވެ. ފަޅުތަކާއި ގިރިތައް ވިއްކައި ހުސްނުކުރައްވާނެ ވާހަކައެވެ. ލޯނު ނަގައިގެން މަޝްރޫޢުތައް ނުހިންގަވާނެ ކަމުގެ ވައުދެވެ.

ބުރިޖަކީ ސަރުކާރުން ނުއަގުގައި އަޅާ ބޭކަރު ތަނެއް ކަމުގައި ވިދާޅުވި ހަނދުމަފުޅު އެބަހުރި ތޯއެވެ؟ ފަންސަވީސް ބުރީ ގެ ހަސްފަތާލަކުން ކުރެވޭނެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ. އެއީ އަގެއް ނެތް ހުސް ތޮށިގަނޑެއް ކަމުގައެވެ. ނަމަވެސް ނޭފަތު ކުރި ފެނުޖެހި އެންމެ ފަހުން އެ ހަސްފަތާލު ރަހުނު ކޮށް ފައިސާ ހޯދީ ނޫންތޯއެވެ.

ވެލާނާ އެއަރޕޯޓް މަޝްރޫޢަކީ ބޭކާރުގޮތުގައި ލޯނުނަގައިގެން ހިންގާ ބޭކާރު މަސައްކަތެއް ކަމުގައި ކިތައް ބައްދަލުވުމުގައި ދެއްކެވީމު ތޯއެވެ؟

އެއް މިލިއަން ޓޫރިސްޓުން އަންނަ ތަނަކަށް ފަސްމިލިއަން މީހުންގެ އެއަރ ޕޯޓެއް ބޭނުން ނުވާނެކަމުގައި މަނިކުފާނު ވިދާޅުވިއެވެ. ބާރު ލިބިވަޑައިގަތުމުން މަޝްރޫޢު ކުޑަކޮށްލައްވަން ކުރެއްވި މަސައްކަތް ދިޔައީ ފެނަށެވެ. މަނިކުފާނުގެ ސަރުކާރު ވެރިކަމާއި ހަވާލުވި އިރުވެސް 400 ކޮންކުރީޓް ބުޑު އަޅާފައި ހުރި ޓާރމިނަލްގެ މަސައްކަތް އެއް އަހަރަށް ހުއްޓުވުމުން ލިބުނު ފައިދާއެއް ނިކަން ވިދާޅުވެ ދެއްވާށެވެ.

ވެލާނާ އިންޓަރނޭޝަންލް އެއާޕޯޓުގެ ރަންވޭ: އައު ޓާމިނަލްއެއް އަޅާނެ

އެނބޫދޫ ފިނޮޅު މަޝްރޫޢަކީ ވެސް ބޭކާރު ކަމެއްގެ ގޮތުގައި ވާހަކަ ދެއްކެވީމެއް ނޫންތޯއެވެ؟ ވިސްނާ ނުލައި ޓޫރިޒަމް ފުޅާ ކުރާ ވާހަކައެވެ. ދައުލަތުގެ ރިޒާވު އިތުރުނުވާ ކަމުގެ ވާހަކައެވެ. ދަރަނި ނުދެއްކި އޭރުއޮތް ސަރުކާރު ބަނގުރޫޓް ވާނެކަމުގައެވެ. މޫޑީސް އާއި ޕިޗުން ރާއްޖޭގެ ރޭޓިން ކަނޑައެޅުމުން ގައުމުގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރާނެކަމުގައެވެ. ބީ ޕްލަސް ރޭޓިންނަކީ ދަށް ރޭޓިންގ އެއްކަމުގެ ވިސްނުން ރައްޔިތުންނަށް ވިސްނާދެއްވިއެވެ.

މަނިކުފާނު އުންމީދު ކުރެއްވި ގޮތަށް ވެރިކަން ލިބިވަޑައިގަތެވެ. ދެން ދައްކަން ފެއްޓެވި ވާހަކައަކީ 2019 އަށް އެކުލަވާލާފައި ވާ ބަޖެޓް ގޯސް ކަމުގެ ވާހަކައެވެ. އޭރު އޮތް ސަރުކާރުން މަނިކުފާނުމެން މޮޑޭނެ ގޮތަކަށް މޮޑެން ބަޖެޓުން ފުރުސަތު ދެއްވިކަން އަޅުގަނޑު ދެނަހުރީމެވެ. މަނިކުފާނުމެންގެ ޓީމް ފިނޭންސް މިނިސްޓްރީ ތެރޭގައި އުޅުނުގޮތް އަޅުގަނޑު ދުށީމެވެ. ތިޔަބޭފުޅުން ބަޖެޓް މޮޑެ ނިމުމުން ބަޖެޓް ފާސްކޮށް ދިނީ ކުރީ ސަރުކާރުގެ މެންބަރުން ވެސް ވޯޓް ދީގެންނެވެ.

ބަޖެޓް ލިބި މަނިކުފާނަށް ވަޒީރުކަމުގެ ގޮނޑީގައި އިށީދެވަޑައިގަތުމާއެކު ހީވީ ޕައްލަންބެއަށް ރަސްކަން ލިބުނު ހެންނެވެ. ގާތް މީހުންނާއި ޕާޓީ ކުދިންނަށް ކޯޓް ތެރެއިން ބަދަލު ދެއްވައި އެއަހަރު މެދަށް ދިޔައިރު ބަޖެޓް ހުސްކޮށްލެއްވިއެވެ. ސަރުކާރުގެ ސިޔާސީ މާގާމުތައް 900 އަށް އަރައިގެން ދިޔައީ އިހަށް ދުވަހު ނޫންތޯއެވެ؟ ބޭރުގައި އެތައް އެމްބަސީތަކާއި ހައިކޮމިޝަންތައް ހުޅުވައި މާލޭގެ ބޮޑެތި އާއިލާ ތަކަށް މަގާމުތައް ބައްސަވާލެއްވި އިރު މަނިކުފާނުގެ ދައުރު ކޮބައިތޯއެވެ؟ އަދި ބޭރުގައި ކިޔަވަން ތިބި ބޮޑުންގެ އާއިލާ ތަކުގެ މެންބަރުންނަށް ވަޒީފާތައް ދިނެވެ. އެއް އަޑުފުޅުން ޚަރަދު ކުޑަކުރާ ވާހަކަ ދައްކަވާއިރު އެހެން ރާގެއްގައި އެނެއް އަޑުފުޅުން ސަރުކާރު ހިންގަން މަގާމު އުފައްދަވަން ދަނީ ސިއްރިޔާތުގައި ވާހަކަ ދައްކަވަމުން ނޫންތޯއެވެ؟ އެއަހަރު ކަނޑައެޅި ދަތުރު ފަތުރުގެ ބަޖެޓް ތަޅާ ބުރުއްސާ ހުސްކޮށްލެއްވީ ދޫލައަކުން ހިރަފުސް ފޮޅާލާ ހެންނެވެ. އެއްކަލަ ކަމުނުދާ އެނބޫދޫ ފިނޮޅުގައި އެޅި ރިސޯޓްގައި ނޫނީ އެންމެ ބައްދަލުވުމެއް ވެސް ބޭއްވޭ ކަމަކަށް އެއަހަރު ނުވިއެވެ.

ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ނިމުނު ރޭ ލިބުނު ކާމިޔާބު ފާހަގަކުރަން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި ހަފުލާގައި މަނިކުފާނު ސްޓޭޖް މަތިން ނުވެއްޓުނީ ވެސް ހަމަ ކިރިޔާއެވެ. އުފަލުން ގޮސް ރަންބުއްދި ފިލީ އެވެ.

ފާއިތުވި 2020ގެ ބަޖެޓަކީ މިރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރުގެ ބޮޑު ބަޖެޓެކެވެ. ބޭރުގެ އެހީ ވެސް އަތް ނުފޯރާ ވަރަށް ބިލިއަނުން ލިބޭނެ ކަމަށް އަންދާޒާ ކުރިއެވެ. ނަމަވެސް ކަންވީ މުޅިން ދިމާ އިދިކޮޅަށެވެ. ލަފާކުރިވަރާ ގާތަށް ވެސް ބޭރުގެ އެހީ ނުލިބެއެވެ. އަހަރުގެ މެދުތެރެއިން ފައިސާ ޗާޕް ކުރަން ޖެހުނީއެވެ. ބޮންޑާއި ސުކޫކުން ފަރުނުޖެހި މުޅި ގައުމު ދަރަމުން ދިޔައީއެވެ.

ބްރިޖުގެ ސަބަބުން އެއްގަމު ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެނެވުނު

ވެންޓިލޭޓަރު ވައްކަމާއި އޮކްސިޖަން ސިލިންޑަރު ވައްކަމާއި ހަކުރު ކިލޯ ވައްކަމެވެ. އަދި މިވަރުން ނިމުނީއެއް ނޫނެވެ. ކޮވިޑްގެ ހާލަތުގައި ތަންތާ ހެދި އިމާރާތް ތަކުން ފޭދުނު ފައިސާ ވެސް މަދެއް ނޫނެވެ. އަދިވެސް އޮޑިޓް ރިޕޯޓްތަކުގައި އެވާހަކަ އެހެރީއެވެ. ކޮވިޑް ވަބާ ފެށުމުގެ ކުރިން ވިނލިގިލީގައި ދަނާލެއް އަޅާދެން އައި މީހުން އެކަން ހުއްޓާލީވެސް އަޅަން ޖެހޭ ބައި ބޮޑުވެގެންނެވެ. ހިލޭ ސާބަހަށް ކަމެއް ކޮށްދޭން ރާއްޖެ އަންނަ މީހުންގެ އަތުން ހަދިޔާ އަތުލާވަރުން ވެސް މުޅި ގައުމުގެ އަގު ދަނީ ވެއްޔާ މޮޑެވެމުންނެވެ.

މޫޑީސް އިންނާއި ޕިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ސީއަށް ލުމުން އެމީހުންގެ ހިސާބު ގޯސް ކަމާއި އެއީ ކަމުދާ ބައެއް ނޫންކަން ރައްޔިތުނަށް ދައްކަން ނޫސް ބަޔާން ނެރުނީ ވެސް ހަމަ މަނިކުފާނެވެ. އަދި އެވަރުން ނުފުދިގެން އެފަހަރު މަނިކުފާނު ބޭއްވި ނޫސް ކޮންފަރެންސް ވެސް ދިގުވެގެން ފޫހިވެގެން އެތައް ބަޔަކު ޓީވީ ނިއްވާލިއެވެ.

މި 2021 ވަނަ އަހަރު އަލުން މޫޑީސް އާއި ޕިޗުން ރާއްޖެ ދަރަޖަ ކުރުމުން ދެން މަނިކުފާނު ކަންތައް ކުރެއްވި ގޮތް ވެސް ފެނެއެވެ. ޖެހިގެން އައި ދުވަހު އަސުރުން ފައިބައިގެން ޓީވީއަށް ބަޔާން ދެއްވަން ވަޑައިގެންނެވި ގޮތަށް އިރުއޮއްސި ނަމާދުން ފޭބި އިރު ވެސް ވާހަކަ ނުހުއްޓަވައެވެ. ނަމާދު ވަގުތަށް ވެސް އިހުތިރާމް ކުރުމެއް ނެތެވެ. އަޅުގަނޑުގެ ރަހުމަތް ތެރިއަކު ބުންޏެވެ. ބޮޑު ގޮހޮޑާ ވާހަކަވެސް އެއަށް ވުރެ ކުރުވާނެއެވެ.

އެދުވަހު ވާހަކައިގައި މަނިކުފާނު ހާދަ ދޮގެއް ހެއްދެވިއެވެ. ފަނަރަ ދުވަހުގެ ތެރޭގައި ހުރިހާ ބިލްތަކަށް ފައިސާ އަދާކުރައްވާ ވާހަކައެވެ.

ފުރަތަމަ ކަމަކީ ކޮވިޑްގެ އެލަވަންސް އެތައް ބަޔަކަށް ނުދީ މަނިކުފާނު ހިފަހައްޓައިގެން އިންނެވުމެވެ. ދެވަނަ ކަމަކީ ރަށްރަށުން ފޮނުވާ ބިލްތަކަށް ފައިސާ ނުދޭ މައްސަލަ އެވެ. މަނިކުފާނުގެ ސަރުކާރުން ރަށު ކައުންސިލްތަކަށް ބަޖެޓް ދިނީ މޮހޮނަށް އޮޑިދިން ގޮތަށެވެ. އަބަދު ބުނަނީ ކުރީ އަހަރުގެ ބަޖެޓުން ފައިސާ ދައްކާށެވެ. ފައިސާ ދެއްކޭނީ އެބާރު ރަށު ކައުންސިލަށް އޮވެގެން ނޫންތޯއެވެ. މިސްކިތްތަކަށް ކުރިން ދެމުން އައި ފައިސާ ވެސް އިސްލާމިކް މިނިސްޓްރީން ދިން އިރު މާރަނގަޅެވެ. މިހާރު ކައުންސިލް ތަކަށް ދެނީ އޭގެ 25 އިންސައްތައެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވަން ޖެހެނީ ކައުންސިލަރުންގެ ޖީބުންނެވެ

އެންމެ ފަހުން ކުރަން އުޅުނު ދޯހަޅަކަމަކީ މިގައުމު މިހިސާބަށް ގެނެސްދިން ރައްޔިތުން ވަޒީފާ އިން މުސްކުޅިވުމުން ލިބޭ ޕެންޝަން ފައިސާ ކޮޅު ކަނޑާލަން އުޅުމެވެ. މަޖިލީހަށް ބިލެއް ވައްދައިގެން ގަންނަން އުޅުނު ގަނޑު އަތަށް ގޮވީއެވެ.

މަނިކުފާނުގެ ޕާރޓީން 2009ގައި ވެސް މި ސަކާރާތެއް ގަންނަން އުޅުނެވެ. އެސަކަރާތް އެފަހަރު ނުޖެހުނީ އެތައް ބަޔެއްގެ މަސައްކަތުންނެވެ. އަދި މަޖިލިސް ހިތަކަށް ނުލިބުނީމައެވެ.

މިގައުމުގެ ދަރަނި ހުރިވަރު މަނިކުފާނު ސިއްރު ކުރެއްވިއަސް އަޅުގަނޑު މެންކަހަލަ މީހުންނަކަށް ނޯޅެއެވެ. މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަންޏަކީ 9.5 ބިލިއަން ރުފިޔާއެވެ. އޭގެ ފަހުން މަނިކުފާނު ނިސްބަތްވާ ޕާރޓީގެ ވެރިކަމުގެ 2008 ފެށިގެން 2013 އާއި ދެމެދު 29.5 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. ދެން އައި ސަރުކާރުންގެ ފަސްއަހަރު ނިމުނު އިރު ޖުމްލަ ދަރަނި ހުރި މިންވަރަކީ 48.2 ބިލިއަން ރުފިޔާއެވެ. ކުރި ކަންތައްތައް އެހެރީ ފެންނާށެވެ. އެޅި އުސް އިމާރާތްތަކުގައި ވިލާތައް އަޅައިގަނެއެވެ. އެމްޑީޕީ ކޯލިޝަނަށް 2018ގައި ވެރިކަން ލިބި ދެ އަހަރާއި ބައި ވީއިރު މަނިކުފާނުގެ ހިންގުންތެރިކަމާއި ގާބިލު ކަމުން ދަރަނި މިވަނީ 86.5 ބިލިއަނަށް ރުފިޔާ އަށްވުރެ މައްޗަށް އަރުވާލާފައެވެ. މިއީ ކުޑަ މިންވަރެއްތޯއެވެ؟ ދެއަހަރާ ބައިގެ ތެރޭގައި 38 ބިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ވެސް މަނިކުފާނު ގާއިމު ކޮށްދެއްވި ރެކޯޑެކެވެ. މި ރެކޯޑް ދައުރު ނިމޭއިރު އޮންނާނެ ހާލަތެއް ނޭނގެއެވެ. މަނިކުފާނަށް ގައުމީ އިނާމާ ޝަރަފުވެރިކަމުގެ އިނާމު ދޭވަރު ވާނެއެވެ.

ދާދިފަހުން ކުރެއްވި އެންމެ މޮޅު ކަމަކީ ތަނެއްގައިހުރި މުސްކުޅި ލޯބޯ ކޮށި އިންޑިޔާ މީހަކަށް އެތައްލައްކަ ރުފިޔާއެއް ލިބޭ ގޮތަށް މަނިކުފާނުގެ އެޑްވައިޒަރަކަށް އައްޔަން ކުރުމެވެ. ދިވެހި ރާއްޖޭގައި އެފެންވަރުގެ މީހަކު ހަމަ ނެތީ ތޯއެވެ؟ ނިމިދިޔަ ސަރުކާރުން ވެސް ފިނޭންސް މިނިސްޓަރގެ އެޑްވައިޒަރުން ގެންގުޅުއްވިއެވެ. ހަމަ ދިވެހިންނެވެ.

މަނިކުފާނުގެ މޮޅު ލަފާގެ މަތިން އިންޑިޔާ އާއި އިނގިރޭސި ވިލާތުގެ މުކޮހުން ސަރުކާރު ކުންފުނިތަކުގެ އިސްމަގާމުތަކަށް އިސްކުރަމުންދަނީ ފަތުއަޑު ކިޔާފައެވެ. މިއޮތް ހުރިހާ ދުވަހު ދިވެހިން ހިންގި އެއަރޕޯރޓްގައި ހުރި ހުރިހާ އިސް މަގާމެއް ދޮން، ކަޅު ފަރަންޖީނަށް ދީފިއެވެ. ބީއެމް އެލްގެ ހާލަތުވެސް އޮތީ އެގޮތުގައެވެ. ހަމަ އެފަދައިން ރައީސް އޮފީހަށް ވެސް އެފަދަ މީހުންނެވެ. އެންމެ ފަހުން ޕެންޝަން އޮފީހަށް ދޮން ފަރަންޖީއެއް ލައިފިއެވެ. މިކަމުން ދިވެހި ރައްޔިތަކަށް ކުރި ފައިދާއެއް ވިދާޅުވެދެއްވާށެވެ! އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ރޯދަ އިނާޔަތް ވެސް ކުޑަކޮށްލައި އަދި އެވަރުން ނުވެގެން އެމީހުންގެ ބޯނަސް ފައިސާ ކޮޅުގައި ވެސް އަތް އަޅުއްވައިގެން ތިޔަ އުޅުއްވަނީ ކާކު ބުނެގެންތޯއެވެ؟ ކުންފުނިތަކުގެ އެމްޑީ އިންނާއި ޑީއެމްޑީންނަށް ލިބޭ މުސާރައާއި އިނާޔަތް ބޮޑުކޮށްލީ ވެސް މަނިކުފާނުމެންނަށް ބޭނުން ގޮތަކަށް ކުންފުނިތަކަށް އަތްބާނަން ނޫންތޯއެވެ؟

ދަރުމަވަންތަ ހޮސްޕިޓަލް: މިނިސްޓަރ ފާޑުވިދާޅުވިޔަސް ވަރަށް މުހިއްމު ތަނެއް ފޮޓޯ: އެޑިޝަން.އެމްވީ

ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރު ނަވާރަ ރުފިޔާ އަށް ގަންނަން ލިބުމީ ލަދުވެތި ކަމެކެވެ. ލިބޭހާ ޑޮލަރު ކޮޅު ބޭރު މީހުން ގެނެސްގެން ބޮޑު މުސާރަދީގެން ބޭރު ކުރަމުން ތިޔަ ދަނީއެވެ. އަޑަށް ބާރުލާފައި ބޭރުމީހުންގެ މައްސަލަ ހައްލުކުރާނަމޭ ވޮދާޅުވެފައި ބަނގްލާދޭޝް މީހުން ގެނައުން މަނާކޮށްފައި އިންޑިޔާ މީހުން ގެނެސް މުޅި ބާޒާރު ފުރާލުން އެއީ މަނިކުފާނުމެން ކުރައްވާ އާދަޔާ ޚިލާފު މޮޅުކަމެއް ދެއްތޯޢެވެ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބެމުން އައި ބޯނަހާ ރޯދަ މަހުގެ އިނާޔަތްވެސް މަނިކުފާނުގެ ޚުދުމުޚުތާރު ކަމުން ކުޑަ ކުރުވިއެވެ. އަދި ބައެއް ތަންތާ ބޯނަސް ދިނުން ހުއްޓުވާލިއެވެ. މިހާ ހުދުމުޚުތާރު ވެގެން ވެސް ސަރުކާރުގެ ބަޖެޓް ދެކޮޅު ޖެއްސޭ ވަރެއް ނުވެއެވެ. ހިންގުނު ބޮޑު މަޝްރޫޢެއް ނެތްތާ ބޭރުގެ ބޮޑު އިންވެސްމަންޓެއް ވެސް ގެނެވުނީކީ ނޫނެވެ. ބޭރުގެ ދަރަނި ފިޔަވައި ދިވެހި އެކި ފަރުދުންނަށް ވެސް މަނިކުފާނު ތިޔަ ވަނީ ދަރާފައެވެ. އެލަވަންސްތައް ނުދީ ހިފެހެއްޓުމެވެ. ކުދި ކުންފުނިތަކާއި ބޮޑެތި ކުންފުނި ތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމެވެ. ކޮވިޑްގެ ބިލްތައް އެވަނީ ތިޔަ މިނިސްޓްރީ ގައި ފުނި ޖެހިފައެވެ. ލައްކައިން މިލިއަނުންނެވެ.

އަޅުގަނޑުގެ ހެޔޮ ދުއާ އަކީ އަވަސް ގޮތަކުން ދަރަނިބޮލުގެ ލަގަބުން މަނިކުފާނު ސަލާމަތްވެވަޑައިގެން މިގައުމު އިތުރަށް ނުދަރުވާ އަވަހަށް އިސްތިއުފާ ދެއްވުމެވެ.

މިނިސްޓަރ މަނިކުފާނުއެވެ! މި ގައުމު ދަރަނީގެ ކަނޑަކަށް ޣަރަޤުވިޔަ ނުދެއްވާށެވެ!

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް