ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށްބޭނުންވޭ : އީދު ހުތުބާ

Loading

Facebook
Twitter
WhatsApp

 

އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ގައުމު ބޭނުންވެފައިވާ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މިއަދު ޖަމާއަތުގައި ކުރި 1442 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދަށްފަހު، އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ ”އަޟްހާ އީދުގެ އިހްތިފާލު“ގެ މަށްޗަށެވެ

ހުތުބާގައި ބުނީ މިއަދު ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތާތަން ކަމަށާއި، އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ބޭނުންވެފައިވާކަމަށެވެ.

އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ގުރުބާން ކުރެއްވުމަށް އެންގެވި ހިނދު އެކަލޭގެފާނު އަމަލު ކުރެއްވި ރިވެތި ގޮތުން އިބްރަތް ހާސިލުކުރަން ޖެހޭ ކަމަށާ، ނަމަވެސް މިއަދު ފެންނަމުންދަނީ އެ މަންޒަރު ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިއަދު ފެންނަމުންދަނީ ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތަމުންދާ މަންޒަރު ކަމަށާ ނަބިއްޔާއަށް ފުރައްސާރަކޮށް މުސްލިމުންގެ މުގައްދަސް ތަންތަނަށް ވެރިވެ ފޭރިގަންނަމުންދާ މަންޒަރު ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މިއަދު ފެންނަނީ އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ކަނޑާ މުސްލިމު އިލްމުވެރިންގެ ގަދަރު ވައްޓާލާ އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ މަންޒަރު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލާއިރު މުސްލިމުންގެ ހައްގުތަކަށް އެކި ގޮތްގޮތުން އަރައިގަންނަމުންދާ ކަމަށެވެ.

”މިއަދު މިވަނީ އެ މީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފައެވެ. އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ވަނީ ބޭނުންވެފައެވެ،“ އީދު ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި މިއަދުގެ ހުތުބާގައި ބުނީއީދަކީ މިނިވަންކަމުގެ އަހުދެއްކަމަށާއި، މި އީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަންކޮށްދޭ އީދަކަށްކަމަށެވެ. އަދި ހަސަދަވެރިކަމުންނާއި، ރުޅިވެރިކަމުން ހިތްތައް ތާހިރުކޮށް، ދެބައޮޑުވުމާއި، ނެތިމޮށުމާއި، އާޑަފުރައްސާރަކުރުމުން ދޫތައް ރައްކާތެރިކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

”ޢީދަކީ އަބާއްޖަވެރިކަމެއް ނެތް ބާއްޖަވެރިކަމެއް. އަރާރުމެއްނެތް އެއްބައިވަންތަކަމެއް. ރުޅިވެރިކަމެއްނެތް އެކުވެރިކަމެއް. ލޯތްބާއި، އަޅައިލުން އޮތް އުފާވެރި ދުވަސްތަކެއް. މި ދުވަސްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ފޯރުވާ. އެއްބަޔަކު އެނެއް ބަޔަކަށް މާފުކުރޭ. ސަލާމްކޮށް ހިތްތައް ސާފުކުރޭ. ހެޔޮކަންތައް ކުރުމުގައި އެއްބާރުލާ. ނުބައި ކަންތައްތަކާ ދުރުހެލިވޭ“ އީދު ހުތުބާގައި ބުންޏެވެ.

އީދުގެ މުނާސަބަތުގައި އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތްކުރުމާއި ހަދިޔާ އާއި ތަހުނިޔާ ބަދަލުކުރުމާއި ޔަތީމުންނަށް އަޅައިލުމާއި ރަހިމުގެ ގުޅުން ބަދަހިކުރަން ހުތުބާގައި ގޮވާލި އެވެ. އަދި އެ މީހަކަށް ލިބިފައިވާ ތަނަވަސްކަމުން ފަގީރުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދިނުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.

އީދުގެ ދުވަސްތަކަކީ އުފާކުރަންވީ ދުވަސްތަކެއް ކަމާއި، މާތް ﷲގެ އަމުރުފުޅާ އެއްގޮތަށް އުފާކުރުމަށާއި މުންކަރާތްތަކަށް އަރައިނުގަނެ، ހުއްދަކުރައްވާފައިވާ އިންތަކުގެ ތެރޭގައި ތިބެ އީދު އުފާ ފާޅުކުރުމަކީ މަނާކަމެއް ނޫން ކަމަށް ވެސް ހުތުބާގައިވެ އެވެ.

Loading

One Response

  1. އެމްޑީއެންގެ ދިފާޢުގައި އެ އުޅުއްވާ ނަޝީދާއި އޭނާގެ ބައިވެރީންނަށް ނޫނެކޭ ބުނެގެން ތިގޮތަށް ވާނީ. ވެރިކަމާހެދި އެސޮރު އެހެރަ މަރުދެނީ. ރައީސް ސޯލިޙް އާއިވެސް ޖަދަލު. އެންމެނާވެސް ޖަދަލު. ހަރުކަށި ސިޔާސީ ފިކުރަށް ނޯ އޭ ބުނަމާތޯއެވެ.

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް