http://sandhaanu.today/1132/ އައި ގުޅޭ….
މި ލިޔުމުގެ ފުރަތަމަ ބައިގައި، އިސްލާމް ދީނުގައި، ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ފަހުމުކުރުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮ ކަންތައްތައް ކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގަތަކީ ކޮބައިކަން ކަނޑައަޅާލުމާއި، ތަފްސީލީ ސިފައެއްގައި، އެ ގޮތް ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާން ކުރެވުނެވެ.
މިބައިގައި ބަލާލަން ގަސްދުކުރަނީ ޝަރީއަތުގެ ހުކުމްތަކުގެ ބައިތަކާ އެހުކުމްތައް ގުޅޭ ސިޔާގަކީ (ކޮންޓެކެސްޓަކީ) ކޮބައިކަމާ މެދުގައެވެ. އަދި މީގެ އިތުރުން، މި ދެބައިން ކުރެ ކޮންމެ ބައެއް ވެސް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވާ ފަރާތަކީ ކޮބައިކަމާ މެދު ވެސް ބަލައިލެވޭނެއެވެ. މި ދެބައި މަސްހުނިކޮށް، މި ދެބައި ހިންގާލުމުގެ ބާރު އޮންނަނީ ކޮންފަރާތެއްގެ އަތްމަތީކަން ސާފުނުވެ އޮތުމަކީ، ދީނީ ފިކުރު ހަރުކަށިވުމަށް މަގުފަހިކޮށްދޭ ކަމަކަށް ވެދާނެތީއެވެ.
ޝަރީއަތުގެ ހުކުމްތަކުގެ ބައިތައް
ޝަރީއަތުގެ ހުކުމްތަކުގެ ބައިތަކާއި އެ ހުކުމްތަކުގެ ސިޔާގު ދެނެގަތުމަށްޓަކައި އިންސާނީ ދުނިޔަވީ ހަޔާތުގެ ވުޖޫދާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ. ދުނިޔޭގައި އިންސާނާއަށް ދެ ބާވަތެއްގެ ވުޖޫދެއް ލިބިގެން ވެއެވެ. އެންމެ ފުރަތަމަ ފަރުދީ ވުޖޫދެކެވެ. ކޮންމެ އިންސާނަކީ ވެސް ވަކި މީހެކެވެ. ފަރުދީ ހަޔާތެއް ދުނިޔޭގައި ވޭތުކޮށްލަން ޖެހިފައިވާ މީހެކެވެ. އުސޫލެއްގެ ގޮތުން، އޭނާ ބޭނުންވާ ގޮތެއްގެ މަތިން، އޭނާގެ ފަރުދީ ހަޔާތް ވޭތުކޮށްލުމުގެ މިނިވަންކަން، އިންސާނާއަށް ލިބިގެންވެއެވެ. ފަރުދީ ވުޖޫދެއްގެ އިތުރުން، މުޖުތަމައީ ވުޖޫދެއް ވެސް، އިންސާނާއަށް ލިބިގެން ވެއެވެ. އިންސާނާއަކީ ކޮންމެވެސް މުޖުތަމައެއްގައި ހިމެނޭ މީހެކެވެ. އޭނާގެ ހަޔާތް ވޭތުކުރަން ޖެހެނީ އޭނާ ހިމެނޭ މުޖުތަމައުގެ މެންބަރެއްގެ ގޮތުގައެވެ. އެހެންވެ، އޭނާ ހިމެނޭ މުޖުތަމައުގެ އެހެން މެންބަރުންނާ މުއާމަލާތްކުރަން ޖެހެއެވެ. ޝަރީއަތުގެ ހުކުމްތައް، އިންސާނާގެ ހަޔާތުގެ މިނަންގަތް ދެބަޔާ ގުޅެއެވެ. އިންސާނާގެ ފަރުދީ ހަޔާތާއި އަދި އޭނާގެ މުޖުތަމައީ ހަޔާތާއެވެ.
ޝަރީއަތުގެ ފަރުދީ ހުކުމްތަކުގެ ސިޔާގު
ޝަރުއީ ހުކުމްތަކުގެ ތެރެއިން އިންސާނީ ފަރުދީ ހަޔާތާ ބެހޭ ހުކުމްތައް ގުޅެނީ އިންސާނީ ތަބީއަތާއެވެ. އިންސާނާގެ މި ތަބީއަތް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. ކީރިތި ގުރުއާނުގެ ބަޤަރާ ސޫރަތުގެ ތިރީސް ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ގޮތުން އިންސާނާއަކީ ދުނިޔޭގައި ލެއްވިފައިވާ މާތްކަލާނގެ ’ޚަލީފާ’އެކެވެ. އާދެ، އޭނާއަކީ މިނިވަން އިޚުތިޔާރަކާއެކު ބިމުގައި ލެއްވިފައިވާ ކާއިނެކެވެ. ބަޤަރާ ސޫރަތުގެ ދެން އޮތް އެއްތިރީސް ވަނަ އާޔާތުގައި އިޝާރަތްކުރެވިފައިވާ ފަދައިން، މިނިވަން އިޚުތިޔާރެއް އިންސާނާއަށް ލިބިފައި އޮތުމުން، ހެޔޮކަންތައް ކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަން ވެސް އޭނާއަށް ލިބިގެން ވެއެވެ. މިކަމުގެ އިތުރު ތަފްސީލު އައްޝަމްސު ސޫރަތުގެ މިނަންގަންނަ އާޔަތްތަކުގައި ގެނެސްދެވިފައިވެއެވެ. ونفس وما سواها، فألهمها فجورها وتقواها، قد أفلح من زكاها، وقد خاب من دساها، މިއާޔަތްކޮޅުގައެވެ. ”އަދި އިންސާނާގެ ނަފްސާއި އެ ނަފްސު ވަކިގޮތަކަށް ހައްދަވައި ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަ(އި ވަހީކުރައްވަ)މުއެވެ. ގެއްލުން ހުރި ހަޑިހުތުރު ނުބައި ކަންތައްތަކީ ކޮބައިކަމާއި އަދި ފައިދާހުރި ހެޔޮ ރަނގަޅު ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމުގެ އެކަށޭނަކަން އެ ނަފްސުގައި އެކަލާނގެ ލައްވަވާފައިވެއެވެ. ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަންމަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ ތެރޭގައި) އެ ނަފްސު ވަޅުލައިފި މީހާ ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ.“ (10-7: 91) މިއާޔަތްކޮޅުގެ މާނައިގެ މައްޗަށް އިތުރަށް ވިސްނާލަމާތޯއެވެ. ޝަރުއީ ހުކުމްތަކުގެ ތެރެއިން އިންސާނީ ފަރުދީ ހަޔާތާއި ގުޅޭބައި ރަނގަޅަށް އެނގި ފަހުމުކޮށްގަތުމަށްޓަކައެވެ.
މިނަންގަތް ހަތަރު އާޔަތުގެ ތެރެއިން ފުރަތަމަ ދެ އާޔަތް އިޝާރަތްކުރަނީ އިންސާނާ އުފެދިފައިވާ ގޮތުގެ މައްޗަށެވެ. އާދެ، އިންސާނާގެ ނަފްސު، އެ ބައިތަކުގެ މައްޗަށް އުފެދިގެންވާ ބައިތަކަށެވެ. އޭނާގެ ކިބައިގައި ޖިސްމާނީ ބޭނުންތަކާއި އެދުންތައް، ޖަޒުބާތުތަކާއި އަދި ޒިހުނީ (އިންޓަލެކްޓުއަލް) ބާރު ވެސް ލެއްވިފައިވެއެވެ. އަދި، އަޚުލާގީ ގޮތުން އިންސާނީ ނަފްސު ފޭލިވެދަނީ ކިހިނެއްކަމާއި އަދި ހަމަ އެގޮތުން އޭނާ ކުރިއަރައިދަނީ ކިހިނެއްކަން ވެސް ފަހު ދެ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. قد أفلح من زكاها، وقد خاب من دساها، ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ އަނދިރިކަމުގެ ތެރޭގައި) އެ ނަފްސު ވަޅުލައިފި މީހާ، ހަމަކަށަވަރުން ވެސް ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ، މި ދެއާޔަތުގައެވެ.
މަތީގައި ބަޔާންކުރެވުނު، އައްޝަމްސު ސޫރަތުގެ ހަތަރު އާޔަތުގެ މާނައިގެ މައްޗަށް ވިސްނާލުމުން، އިންސާނާ އުފެދުމުގައި، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ވަކިކޮށް ދެނެގަތުމުގެ ބާރު، އޭނާގެ ކިބައިގައި ލެއްވިފައިވާކަން ދޭހަވެއެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި، ޚިޔާނަތްތެރިވުމަކީ ނުބައި ކަންކަން ބުނެދީ ދަސްކޮށް ނުދިނަސް، މިކަންކަމީ ނުބައި ނުރަނގަޅު ކަންކަން އޭނާއަށް އެނގެއެވެ. މިފަދަ ކަންތައްތައް އޭނާ ކުރިކަމުގައި ވިޔަސް ވެހެވެ. ހަމަ އެހެންމެ، ތެދު ބުނުމާއި އަމާނަތްތެރިވުމާއި އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމަކީ ރަނގަޅު ގޮތްކަން، އެވާހަކަ އޭނާއަށް ކިޔައިދީ ބުނެނުދިނަސް، އޭނާއަށް އެނގެއެވެ. އޭނާގެ ޒަމީރު، (ކޮންޝަންސް،) އޭނާގެ ކިބައިގައި ލެއްވިފައިވާ މިކަންކަން ދެނެގަތުމުގެ ބާރު، މެދުވެރިކޮށެވެ.
އާދެ، އިންސާނާގެ ކިބައިގައި ލެއްވިފައިވާ މި ނަންގަތް ހެޔޮކަންތައްކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަމަށް އިޝާރަތްކޮށް އިންސާނީ ހާލަތޭ (’ހިޔުމަން ކޮންޑިޝަން’އޭ) ކިޔެއެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް، އިންސާނާގެ މި ހާލަތަކަށް ބަދަލެއް ނާދެއެވެ. ޝަރީއަތުގެ ފަރުދީ ހުކުމްތައް ގުޅެނީ މި ހާލަތާއެވެ. އާދެ، ފަރުދީ ހުކުމްތަކުގެ ސިޔާގަކީ (ކޮންޓެކްސްޓްއަކީ) އިންސާނީ މި ހާލަތެވެ.
ޝަރީއަތުގެ މިބަޔާ ބެހޭ ހުކުމްތައް ގުޅެނީ، ފިގުހުގައި، އަޅުކަމުގެ ނަމުން ނަންދެވިފައިވާ ބައެއް ކަންތައްތަކާއި އަދި މީގެ އިތުރުން ހަރާމް ހަލާލުގެ ކަންތައްތަކާއެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ހައްޖުވުން ފަދަ އަޅުކަންކަމެވެ. އަދި ކީރިތި ގުރުއާނުގައި ނުވަތަ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ސައްހަ ހަދީސްގައި ސާފު ސަރީހަ އިބާރާތުން ހަރާންކުރެވިފައިވާ ކަންތައްތަކެވެ. ’ސާފު ސަރީހަ‘ އިބާރާތުންނޭ މި ނަންގަތީ އެފަދަ އިބާރާތްތައް، އިތުރަށް މާނަކޮށް ބުނެދޭން ނުޖެހޭފަދަ އިބާރާތަކުން އޮތުމަށެވެ. މިސާލަކަށް ’ހަރާން ކުރެވިގެން ވެއެވެ‘ ނޫނީ ’ނަހީ ކުރެވިގެން ވެއެވެ‘ މިފަދަ އިބާރާތަކުންނެވެ. މިކަން ފާހަގަކޮށްލަން ބޭނުންވަނީ ހަރާންކަންތަކުގެ ދާއިރާ ވަކިގޮތަކަށް ކަނޑައެޅިފައި އޮތްއިރު، މި ދާއިރާ ފުޅާކުރުން ވެސް ދީނީ ފިކުރު ހަރުކަށިވުމާ ގުޅޭތީއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ.
ޝަރީއަތުގެ ފަރުދީ ހުކުމްތަކުގެ މަގުސަދު
ޝަރީއަތުގެ ފަރުދީ ހުކުމްތައް، އާދެ، އަޅުކަމުގެ މަގުސަދާއި ހަރާންކުރެވިފައިވާ ކަންތައްތައް ހަރާންކުރެވިފައިވަނީ ކީއްވެގެންކަމުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ.
ޝަރީއަތުގެ ފަރުދީ ބައިގައި ހިމެނޭ އަޅުކަމުގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. މަތީގައި ނަންގަނެވުނު އައްޝަމްސު ސޫރަތުގެ އިބާރާތް ބޭނުންކުރާ ނަމަ، ’ނަފްސު ތާހިރު’ކުރުމެވެ. (قد أفلح من زكاها ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ.) މިސާލަކަށް ނަމާދުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ ނަމާދަކީ ހަރަކާތްތަކަކާއި ކިޔުންތަކެއްގެ މައްޗަށް އެކުލެވޭ އަޅުކަމެކެވެ. ނަމާދުގެ ’ސޫރަ‘ ނުވަތަ ’ސިފަ’އަކީ މިއެވެ. ނަމާދުގެ މަގުސަދަކީ މުއުމިނާ މާތްކަލާނގެއާ ގުޅުވާލުމެވެ. މުއުމިނާއަކީ މާތްކަލާނގެއަށް އީމާންވާ މީހެއްކަން އޭނާއަށް ހަނދާންކޮށްދީ، މިކަމުން އޭނާގެ ނަފްސު، އަބަދުމެ، ހޭލައްވާފައި ބެހެއްޓުމެވެ. އަދި، މި ގުޅުމާއި ހޭލުންތެރިކަމުގެ އަލީގައި ހެޔޮގޮތުގައި އޭނާގެ އަމަލުތައް ބެހެއްޓުމަށް މަސައްކަތްކުރުމެވެ. މި ވާހަކަ އަލްއަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ. ”… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر….“، ”…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް ކަންކަމުންނާއި، (އިންސާނާގެ ސަލާމަތް ބުއްދިވެސް، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް، މާތް)ﷲ މަތީން ހަނދުމަކުރުން އެއީ އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ….“ (އަލްއަންކަބޫތު 45.) ނަމާދު ކުރުން ފަދަ އަޅުކަން، އެކަން ކުރަން އޮންނަ ސޫރައިގައި ކުރުމުގެ އިތުރުން، ދެންމެ މިނަންގަތް، ނަމާދުގެ މަގުސަދު ހާސިލު ކުރުމަށް ވެސް މަސައްކަތްކުރަން ޖެހެއެވެ. އަޅުކަމުގެ ސަބަބުން ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން ލިބި، އަޅުކަން ފުރިހަމަވެ ދިޔުމަށްޓަކައެވެ.
ޝަރީއަތުގެ މިބައިގައި ހިމެނޭ ހަރާންކަންތައް ހަރާންކުރެވިފައިވުން ގުޅެނީ ފަރުދީ ގެއްލުމާއެވެ. މިސާލަކަށް މަސްތުވާތަކެތި ހަރާންކުރެވިފައިވަނީ ކީއްވެގެންތޯ ބައްލަވާލައްވާށެވެ. މިކަމުގެ މައްޗަށް އަލިއަޅުވާލައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވަނީ ރަލުގައި ގެއްލުމާއި ފައިދާ ވެސް ހުރިކަމެވެ. ނަމަވެސް، އެކަމުގެ ގެއްލުން މާބޮޑު ކަމެވެ. (އަލްބަގަރާގެ 219 ވަނަ އާޔަތް ބައްލަވާލައްވާ.) މިއާޔަތުގައި، ރާ (ޚަމްރު) ބޭނުންކުރެވިފައިވަނީ ބުއްދި ފިލުވާލައިދާ ކޮންމެއްޗެއްގެ މާނައިގައިކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެއީ ދިޔާ ނުވަތަ ހިކި އެއްޗެއް ކަމުގައި ވިޔަސް ވެހެވެ. މަސްތުވާތަކެތީގައި ހުރި ގެއްލުމުގެ ހަގީގަތް ދެނެގަންނަން ބޭނުން ނަމަ، ރާއްޖޭގައި މަސްތުވާތަކެތީގެ ސަބަބުން ހަލާކުވެފައިވާ ޒުވާން ޖީލުގެ މަތިން ހަނދާންކޮށްލައްވާށެވެ. ޖަލުގައްޔާއި އަދި މިކަމަށް ފަރުވާދޭ މަރުކަޒުތަކުގައްޔާއި އަދި، ޚުދް، މަގުމަތިން ފެންނަ، މި ވަބާގެ އަސަރުގައި ޖެހިފައި ތިބި މީހުންނަށް ބައްލަވާލައްވާށެވެ. މީގެ އިތުރުން، މި ކަމާ ގުޅިފައިވާ ވައްކަމާއި ފޭރުމާއި މީހުން މެރުމުގެ ހާދިސާތައް މަތިން ވެސް ހަނދާންކޮށްލައްވާށެވެ. ހަމަ ގައިމު ވެސް، މިވަބާގައި ޖެހިފައި ތިބި ގިނަ ބަޔަކު މިކަމުން ސަލާމަތްވުން އެދޭނެއެވެ. ނަމަވެސް، މިކަން ވަނީ ވަރަށް ވެސް އުނދަގޫ ދަތި ކަމަކަށެވެ. މިއިން، މަސްތުވާތަކެތީގެ ހުރި ގެއްލުމުގެ ބޮޑުކަން ކޮންމެވެސް ވަރަކަށް ނަމަވެސް އެނގި ސާފުވެއެވެ.
މިތަނުގައި، އިތުރަށް ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. ރަނގަޅާއި ނުރަނގަޅު ވަކިކުރުމުގެ ބާރު އިންސާނާއަށް ލިބިގެން ވިޔަސް، މުއުމިނާއަށް ވެސް ކުށް ކުރެވިދާނޭކަން ކީރިތި ގުރުއާން ގަބޫލުކުރާ ވާހަކައެވެ. އައްނިސާ ސޫރަތުގެ 28 ވަނަ އާޔަތުގައި އިޝާރާތްކުރެވިފައިވާ ފަދައިންނެވެ. وخلق الإنسان ضعيفا ’އަދި އިންސާނާ އުފެދިފައިވަނީ، (އޭނާގެ ކުރިމައްޗަށް އޭނާ އެދުންތައް ހުށަހެޅޭ ހިނދު،) ބަލިކަށި މީހެއްގެ ގޮތުގައެވެ‘. މިހެން ކަންތައް އޮތުމުން، މުއުމިނާއަށް ކުށްފާފަކުރެވިއްޖެ ނަމަ، މާތްﷲގެ ކިބަފުޅަށް އަލުން ރުޖޫއަވެ، އެނބުރިއައުމުގެ މަގުހުޅުވިފައި އޮތުމަށްޓަކައި އިސްތިޣުފާރުކުރުމާއި ތައުބާވުން ޝަރުއުކުރެވިފައިވެއެވެ. އާދެ، ފާފަފުއްސެވުމަށް އެދި މާތްކަލާނގެއަށް ދަންނަވައި އެކަލާނގެ ކިބަފުޅަށް އަލުން ރުޖޫއަވުން ޝަރީއަތުގައި ކަނޑައެޅިފައިވެއެވެ. މިކަން ހަނދާންކޮށްލަން ޖެހެނީ، ދީނީ ހަރުކަށި ފިކުރުގައި، ކުށްފާފައަށް އަރައިގަތުމަކީ، ބައެއް ފަހަރު، މުއުމިނާ ކާފިރަކަށްހަދައި، ދީނުން ބޭރުކުރާކަމަށްވާތީއެވެ.
އާދެ، ކުރިން ވެސް ނަންގަތް ފަދައިން، ޝަރީއަތުގެ ހުކުމްތަކުގެ ތެރެއިން މިބަޔާންކުރެވުނު ބައި ގުޅެނީ އިންސާނާގެ ފަރުދީ ވުޖޫދާއެވެ. އެބައިގައި ހިމެނޭ ހުކުމްތައް އަމާޒުވަނީ މަތީގައި ބަޔާންކުރެވުނު އިންސާނީ ހާލަތާއެވެ. އާދެ، އެ ހުކުމްތަކުގެ ސިޔާގަކީ މިއެވެ. އެހުކުމްތަކުގެ މަގުސަދަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން އަމިއްލަ ނަފްސު އިސްލާހުކުރުމެވެ. މިކަން ކުރުމުގެ ޒިންމާ ނަގަންޖެހެނީ މުއުމިނާއެވެ. މާތްކަލާނގެއަށް އީމާންވާ މީހާއެވެ. މަތީގައި ބަޔާންކުރެވުނު އިންސާނީ ހާލަތަކީ ޒަމާނާއި ތަނަށް ބަލައި، ބަދަލުވާނޭ ހާލަތެއް ނޫނެވެ. އެހެންކަމުން، އެ ހާލަތާއި ގުޅޭ ހުކުމްތަކެއް ވެސް ބަދަލެއް ނުވާނެއެވެ. އެ ހުކުމްތަކުގެ ސޫރައަށް ނުވަތަ ސިފައަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެންވެ، ޝަރީއަތުގެ މިބައި ބެލެވެނީ ޝަރީއަތުގެ ޚާލިސް ދީނީ ބައި ކަމުގައެވެ. މިބައިގައި ހިމެނޭ ކަންކަން، އެކަން ކުރަން އޮންނަ ސިފައިގައިކޮށް، އަދި މީގެ އިތުރުން، އެކަންކަމުގެ މަގުސަދު ވެސް ހާސިލުކޮށް، މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެވޭ ކަންތައްތަކެއްގެ ގޮތުގައެވެ.
ޝަރީއަތުގެ މުޖުތަމައީ ހުކުމްތަކާއި އޭގެ ސިޔާގު
ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައުގެ ކަންކަން އިންތިޒާމުކޮށް ހިންގުމާއެވެ. އާދެ، އިންސާނީ ވުޖޫދުގެ މުޖުތަމައީ ބަޔާއެވެ. ޝައްކެއްނެތް ގޮތުގައި، ހެޔޮލަފާ، މުއުމިނު އަފުރާދުންތަކެއް އުފެއްދުމުގެ އިތުރުން، ވަކި ކަހަލަ ސިފަތަކެއް ލިބިގެންވީ މުޖުތަމައެއް ބިނާކުރުމަކީ ކީރިތި ގުރުއާނުގެ ދެވަނަ ލަނޑުދަނޑިކަމުގައި ހިމެނެއެވެ. އާދެ، ކީރިތި ގުރުއާން ބޭނުންވަނީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮތް މުޖުތަމައެއް ބިނާކުރުމަށެވެ. މިކަމަށް އިޝާރަތްކޮށް، އަލްހުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތުގައި މިފަދައިން ބަޔާންކުރެވިފައިވެއެވެ. يا أيها الناس إنا خلقناكم من ذكر وأنثى وجعلناكم شعوبا وقبائل لتعارفوا إن أكرمكم عند الله أتقاكم… (އޭ މީސްތަކުންނޭވެ! އަންހެނަކާއި ފިރިހެނަކު މެދުވެރިކޮށް، ތިމަންރަސްކަލާނގެ ތިޔަބައި މީހުން އުފައްދަވައި، އެއްބަޔަކު އަނެއްބަޔަކަށް އެނގި ތައާރުފުވުމަށްޓަކައި، ގައުމުތަކާއި ގަބީލާތަކުގެގޮތުގައި ތިޔަބައި މީހުން ލެއްވެވީމުއެވެ. ހަމަ ކަށަވަރުން، ތިޔަބައި މީހުންގެ ތެރެއިން، އެންމެ މާތް ބަޔަކީ ހެޔޮލަފާ (ތަގުވާވެރި) މީހުންނެވެ…) މުޖުތަމައެއް ’އިސްލާމީ’ވެގެންދާ ފުރަތަމަ ސިފައަކީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަން އޮތުމެވެ. ވާހަކަ ދައްކާ ބަހާއި ބަހުރުވަ، ނިސްބަތްވާ ރަށް، މީހާގެ ކުލައާއި ނަސަބާއި މަގާމު، އަދި މިނޫން ވެސް ބައެއްގެ މެދުގައި ތަފާތުކުރުންތައް އެފަދަ ކަންކަމުގެ މައްޗަށް ބިނާވެދާނެ އެއްވެސް ކަމަކަށް ބެލުމެއް ނެތި، ހަމައެކަނި އެމީހުންގެ އިންސާނިއްޔަތުކަމުގެ މައްޗަށް ރިއާޔަތްކޮށް މުޖުތަމައުގެ ހުރިހާ އަފުރާދުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ބެލެވިގެންނެވެ. ސަލާމާ ސަލަވާތްލެއްވި އިތުރު ރަސޫލާގެ ބައެއް ހަދީސްފުޅުން ވެސް މި މާނައަށް ބާރުލިބެއެވެ. ”لا فضل لعربي على أعجمي ولا لأعجمي على عربي ولا لأبيض على أسود ولا لأسود على أبيض إلا بالتقوى، وكلكم لآدم وآدم من تراب“. ”އަރައްބަކު އަރަބި ނޫން މީހަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. އަދި އަރަބި ނޫން މީހަކު އަރައްބަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. ދޮން މީހަކު ކަޅު މީހަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. އަދި ކަޅު މީހަކު ދޮން މީހަކަށް ވުރެ މޮޅު އިތުރު ވެގެން ނުވެއެވެ. ތަގުވާވެރިވެރިކަމާ ހެޔޮލަފާވެގެން މެނުވީއެވެ. ކަލޭމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އާދަމުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހެކެވެ. އާދަމުގެފާނު އުފެދިފައިވަނީ މަށީންނެވެ.“
ހަމަހަމަކަމުގެ އިތުރުން، އިސްލާމީ މުޖުތަމައެއްވެ މުޖުތަމައީ ދެވަނަ ސިފައަކީ އަދުލުވެރިކަމެވެ. ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތަކުގެ މައި މަގުސަދުތައް ގުޅިފައިވަނީ އަދުލުވެރިކަމާއިކަން ބަޔާންކޮށްދީ އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި އައިސްފައިވެއެވެ. إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ”ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރިވުމަށާއި (އެހެން މީސްމީހުންނަށް) އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާ ކުރައްވަނީ ފާޙިޝް ކަންތައްތަކާއި (އެބަހީ ޒިނޭ ކުރުން ފަދަ ހުތުރުކަން ބޮޑު ފާފަތަކާއި) މުންކަރާތުތަކާއި (މީހުން މެރުމާއި ވައްކަން ކުރުމާއި ފޭރުން ފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި (އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރިވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރު އަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލަދެއްވުމަށްޓަކައެވެ.
އައްނަޙުލު ސޫރަތުގެ މިއާޔަތުގައި މުޅި ކީރިތި ގުރްއާނުގެ ފަތްފުށްތަކުގައި ހުށަހަޅާލެވިފައިވާ ހުކުމްތައް ޚުލާސާކޮށް ބަޔާންކޮށްދެވިފައި ވެއެވެ. މުއުމިނާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތުތައް މި އާޔަތުގައި ނަންގަނެވިފައިވެއެވެ. ކުރިން ވެސް ބަޔާންކުރެވިދިޔަ ފަދައިން، މިއާޔަތުން ވެސް އެނގެނީ ވަކި ފަރުދެއްގެ ހައިސިއްޔަތުން މުއުމިނާ މަސައްކަތްކުރަން ޖެހެނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަންވާނީ، ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވުމަށް މަސައްކަތްކުރުމުގައި ދެމިހުރެއެވެ. މީގެ އިތުރުން، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، އެހީތެރިވެ، މިފަދައިން ހެޔޮ އަމަލުކުރުން މަތީ ދެމިހުރެ ވެސް މެއެވެ. އަދި، އޭނާގެ މުޖުތަމައީ ހަޔާތް ރޭވި ބިނާވެފައި އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށް ވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެއެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ހުކުމްތަކާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މި ދެ ކަމާއެވެ. މުއުމިނާއަކީ ހެޔޮ ލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމާއަކީ، އެ މުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައަކަށް ހެދުމާއެވެ.
ކުރިން ނަންގަނެވި ދިޔަ އަލްޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތް ފަދައިން، މި އާޔަތަކީ ވެސް މުސްލިމުން އުޅޭ ކޮންމެ ތަނެއްގައިމެ، އެންމެ އިހުއްސުރެން ވެސް، ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދުގެ ފަހު ޚުތުބާގައި ކިޔައި އިއްވޭ އާޔަތެކެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ހުކުމްތައް މި ދެ އާޔަތުގައި ޚުލާސާކުރެވިފައި ވާތީއެވެ. މި ދެ އާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށް ގޮސް ހުކުރު ޚުތުބާ އަޑުއަހާ ކޮންމެ މީހަކަށް ވެސް އަޑުއިވި އިވި ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.
އަދުލު އިންސާފަކީ އިސްލާމީ މުޖުތަމައީ އަސާސީ އަގެއްކަން ފާހަގަކޮށް، ކީރިތި ގުރުއާނުގެ އެންމެ ފަހުން ބާވާލެއްވުނު ސޫރަތްކަމުގައިވާ އަލްމާއިދާ ސޫރަތުގައި ވެސް އެކަން ބަޔާންކޮށްދީ އިތުރަށް ހަނދާންކޮށްދެވިފައިވެއެވެ. يا أيها الذين آمنوا كونوا قوامين لله شهداء بالقسط ولا يجرمنكم شنآن قوم على ألا تعدلوا، اعدلوا هو أقرب للتقوى. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްކަލާނގެއަށްޓަކައި (ހެޔޮގޮތުގައި، އިޚުލާސްތެރިކަންމަތީ) ތިޔަބައިމީހުން ގާއިމުވެ، ދެމިތިބޭށެވެ! އަދުލުވެރިކަމަށް ހެކިދޭ ބައެއްގެ ގޮތުގައެވެ. އަދި، ބަޔަކާ މެދު އޮތް ރުޅިވެރިކަމެއް އެއީ، (އެމީހުންނާ މެދު) އަދުލުވެރިނުވުމަށް ބާރުއަޅައި، އެފަރާތައް ލަންބުވާ ކަމެއްކަމުގައި، ފަހަރެއްގައިވެސް، ވިޔަ ނުދޭށެވެ! (އަދި ކިޔެއް ހެއްޔެވެ؟ އެންމެންގެ މައްޗަށް ވެސް) ކަލޭމެން އަދުލުވެރިވާށެވެ! އެހެނީ އަދުލުވެރިވުމަކީ ތަގުވާވެރިވުމާ އެންމެ ގާތް ކަމެވެ. (މާނައަކީ ތަގުވާވެރިވުން އެދޭނަމަ އަދުލުވެރިވާށެވެ!) [އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތް]
އާދެ، މަތީގައި ނަންގަނެވުނު އާޔަތްތަކުން ކީރިތި ގުރުއާން ބިނާކުރަން ބޭނުންވާ މުޖުތަމައުގެ މައިގަނޑު ދެ ސިފައަކީ ހަމަހަމަކަމާއި އަދުލުވެރިކަންކަން އެނގެއެވެ. ވަކިވަކި މުސްލިމު ފަރުދުން ’އިސްލާމީ’ވަނީ ހެޔޮލަފާ މީހުންނަށް ވެވިގެންކަމަށް ކަނޑައެޅިފައި އޮތްއިރު، އެމީހުންގެ މުޖުތަމައު ’އިސްލާމީ’ވަނީ އެ މުޖުތަމައުގެ ފަރުދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެގެންކަން ވެސް ކަނޑައެޅިފައި އެބަ އޮތެވެ.
މިކަންކަން ހާސިލު ކުރުމަށްޓަކައި، އާދެ، މުޖުތަމައުގެ ކަންކަން ހަމަހަމަކަމާއި އަދުލުވެރިކަން މަތީ ހިންގުމަށްޓަކައި، ކީރިތި ގުރުއާނުގައި މުޖުތަމައީ ހުކުމްތަކެއް ބަޔާންކުރެވިފައިވެއެވެ. މިބައިގައި ހިމެނޭ ހުކުމްތަކުގެ ތެރޭގައި އެއީ ކުށްކަމަށް ކީރިތި ގުރުއާން ދެކޭ ކުށްތަކަށް އަރައިގަންފިނަމަ ކަނޑައެޅިފައިވާ އުގޫބާތްތަކާއި، ވިޔަފާރީގެ މުއާމަލާތާ ބެހޭ ހުކުމްތަކާއި، ކައިވެންޏާ ވަރިއާއި ބެހޭ ހުކުމްތަކާއި ތަރިކަމުދާ ބެހުމާ ބެހޭ ހުކުމްތައް ހިމެނެއެވެ. މިކަމާ ގުޅޭ ބައެއް އިތުރު ވާހަކަތައް ފަހުން ގެނެވޭނެއެވެ. ދީނީ ހަރުކަށި ފެތުރެން ދިމާވާ ސަބަބުތަކާއި އަދި އެކަމުގެ ހައްލު ބަޔާންކުރެވޭއިރުއެވެ. މިވަގުތު އިތުރު ދެތިން ކަމެއް ފާހަގަކޮށްލައި މިބައި ނިންމާލަން ގަސްދުކުރަމެވެ.
ފުރަތަމަ ކަމަކީ ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ މުޖުތަމައީ ހުކުމްތައް އިބާރާތްކުރެވިފައިވާ ގޮތާ މެދު އެއްޗެއް ބުނުމެވެ. ކީރިތި ގުރުއާނުގެ މުޖުތަމައީ ބައެއް ހުކުމްތަކުގެ އަސްލު ގުޅެނީ ކީރިތި ގުރުއާން ބާވާލެއްވުނު ދުވަސްވަރު އަރަބި މުޖުތަމައުގައި ކަންތައްތައް ކުރެވެމުން ދިޔަ ގޮތާއެވެ. މިސާލަކަށް ބައެއް އުގޫބާތްތަކުގެ ސޫރައަށް، ސިފައަށް، ބައްލަވާލައްވާށެވެ. މެރުން، އަތްފައި ކެނޑުން، ތެޅުން، އަރުވާލުން ފަދަ އުގޫބާތްތަކެވެ. މި ފަދަ އުގޫބާތްތަކަކީ އެ ދުވަސްވަރު އަރަބި މުޖުތަމައު ބަލައިގެންފައިވާ ކަންކަމެވެ. އަދި، އެހެންވެ، މުޖުތަމައުގައި ހިންގާލަން ފަސޭހަވި ކަންކަމެވެ.
ކީރިތި ގުރުއާނަކީ އަޚުލާގީ ވަސީގާއެއް (ޑޮކިޔުމެންޓެއް) ކަމުގައި ވުމުން، މިފަދަ މުޖުތަމައީ ހުކުމްތައް ބަޔާންކުރެވިފައި އޮތީ ގާނޫނީ ސިފައެއްގައި މިކަންކަން ހިންގާލުމަށް ވުރެ ބޮޑަށް، ކުށްކުރާ މީހާގެ އިސްލާހަށް ބާރުއެޅިގެންނެވެ. ދެތިން މިސާލު ލިޔެލާނަމެވެ. މީހަކު މަރައިފި މީހާގެ އުގޫބަތަކީ މެރުމެވެ. ނަމަވެސް، އޭނާއަށް ވެސް މާފުކުރެވޭނޭ މަގު ހުޅުވިފައިވެއެވެ. (ބަގަރާ ސޫރަތުގެ 179ވަނަ އާޔަތް.) ކީރިތި ގުރުއާނުގައި، މަގު ފޭރޭ މީހުންގެ އުގޫބާތަކީ ކޮބައިކަން ބަޔާންކޮށްދެމުން، ތިން ހަތަރު ޚިޔާރެއް ދެވިފައިވެއެވެ. ގަތުލުކުރުމާއި ސަލީބަށްއެރުވުމާއި އަތްފައި ކެނޑުމާއި އަރުވާލުމެވެ. (މާއިދާ ސޫރަތުގެ 33ވަނަ އާޔަތް.) ނަމަވެސް، ކުށްވެރިޔާ ތައުބާވެ، އިސްލާހުވެއްޖެ ނަމަ، އޭނާއަށް މާފުކުރެވެން އޮވެއެވެ. (މާއިދާ ސޫރަތުގެ 34ވަނަ އާޔަތް.) ވައްކަމުގެ އުގޫބާތެއްގެ ގޮތުގައި އަތްކެނޑުން ކަނޑައެޅިފައި އޮވެއެވެ. (މާއިދާ ސޫރަތުގެ 38 ވަނަ އާޔަތް.) ނަމަވެސް، ވައްކަންކުރި މީހާ ތައުބާވެ، އިސްލާހުވެއްޖެ ނަމަ، އޭނާއަށް މާފުކުރެވެން އޮވެއެވެ. (އަލްމާއިދާ ސޫރަތުގެ 39ވަނަ އާޔަތް).
އަދި ބައެއް ފަހަރު، މުޖުތަމައީ ބައެއް މައްސަލަތަކާ ބެހޭ ހުކުމްތައް ދެގޮތަކަށް ބަޔާންކުރެވިފައި ވެއެވެ. މިސާލެއްގެ ގޮތުން ތަރިކަ މުދާ ބެހުމުގެ ހުކުމްތައް ބަޔާންކުރެވިފައިވާ އާޔަތްތަކާ މެދު ވިސްނަވާލަބައްލަވާށެވެ. މިގޮތުން، ބާވާލެއްވުނު ފުރަތަމަ އާޔަތަކީ އަލްބަޤަރާ ސޫރަތުގެ 180ވަނަ އާޔަތެވެ. މި އާޔަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ތަރިކަ މުދާ ބެހުމުގެ ޒިންމާ ނަގަންޖެހެނީ މުދަލުގެ ވެރިފަރާތެވެ. މަރުވުމުގެ ކުރިން ލިޔެވޭ ވަސިއްޔަތެއް މެދުވެރިކޮށް، މައިބަފައިންނަށާއި އެންމެ ގާތް ތިމާގެ މީހުން، އެބަހީ އަނބިފިރިންނާއި ދަރިންގެ މެދުގައި، ހަމަހަމަ ގޮތެއްގައި ތަރިކަމުދާ ބަހާލެވެން ޖެހެއެވެ. ނަމަވެސް، އައްނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި އަދި 176 ވަނަ އާޔަތުގައި ތަރިކަމުދަލުގެ ބެހެނިވެރިންނާއި އެމީހުންނަށް ލިބެންވާ މިންވަރު ސާފު ސީދާކޮށް ކަނޑައެޅިފައި އޮވެއެވެ. މިހެން އޮތް އިރުވެސް، ވަސިއްޔަތް މެދުވެރިކޮށް ތަރިކަ މުދާ ބެހުމަށް މި އާޔަތްތަކުގައި ވެސް އިސްކަންދެވިފައި ވެއެވެ.
އަދި މުޖުތަމައީ ބައެއް ހުކުމްތައް ވަކި ގޮތަކަށް އައިސްފައި އޮތްއިރު، އެ ގޮތަކީ ކީރިތި ރަސޫލާ ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ނޫންކަމާއި އަދި އެގޮތަށް އެކަލޭގެފާނު ކަންތައް ނުކުރައްވާކަންވެސް ފާހަގަކުރައްވައެވެ. މިސާލެއްގެ ގޮތުން ދެމަފިރިން ދެމެދުގައި ޖެހޭ ވަކި ކަހަލަ ހަމަ ނުޖެހުންތައް ހައްލުކުރުމުގައި އަތް އިސްކުރުން އޮންނަ، ނިސާ ސޫރަތުގެ 34 ވަނަ އާޔަތް ބައްލަވާލައްވާށެވެ. މިއާޔަތް ބާވާލެއްވުނު ސަބަބަށް ބަލާލުމުން، އެދުވަސްވަރުގެ ގިނަ ބަޔަކު މިކަން މިގޮތަށް އޮތުމަށް ތާއީދުކުރިކަން ދޭހަވެއެވެ. ނަމަވެސް، ކީރިތި ރަސޫލާ ވިދާޅުވީ ތިމަންކަލޭގެފާނީ އެގޮތަށް އަތް އިސްކުރައްވައި ކަންތައް ކުރައްވާ ބޭކަލެއް ނޫންކަމެވެ.
މީގެ އިތުރުން ބައެއް މުޖުތަމައީ ހުކުމްތައް ބަޔާންކުރެވިފައިވަނީ އާންމު އުސޫލެއްގެ ގޮތުންނެވެ. މިސާލެއްގެ ގޮތުން މުޖުތަމައުގެ ޖަމާއީ ކަންކަން ނިންމަން ޖެހޭނީ މަޝްވަރާގެ މަތިންކަމުގައި އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. މި އާޔަތުންނާއި އަދި ފުރަތަމަ ހަތަރު ޚަލީފާއިންގެ އަމަލުންވެސް، ވިރާސީ ވެރިކަމަކީ އިސްލާމީ ގޮތް ނޫންކަން އެނގެނއެވެ. ނަމަވެސް، ކީރިތި ގުރުއާނުން، ނޫނީ ސަލާމާ ސަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ ސުންނަތުން ވެސް، އެކަމާ ބެހޭ އިތުރު ތަފްސީލެއް ލިބޭކަށެއް ނެތެވެ. އެކަން ވަނީ، މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ނިންމުމަށް، ދޫކޮށްލެވިފައެވެ.
ޝައްކެތްނެތް ގޮތުގައި، ފިގުހު އިލްމުގައި، ފަރުދީ ހުކުމްތައް ފަދައިން، މިފަދަ މުޖުތަމައީ ހުކުމްތައް ވެސް ވަނީ ވަކި ހަމަތަކެއްގެ މަތިން މާނަކުރެވި، އެ ހުކުމްތައް މުޖުތަމައުގައި ހިންގާލެވޭނޭ ފަދަ ގޮތެއްގައި ބަޔާންކުރެވިފައެވެ. މި މާނަކުރުމަކީ، މި މައްސަލަތައް ބަހުސްކުރައްވާ މިޒަމާނުގެ ބައެއް އިލްމުވެރިން ދެކެލައްވާގޮތުގައި، އެންމެ ފަހުގެ މާނަކުރުމެއް ނޫނެވެ. ޚާއްސަކޮށް، ހުކުމްތަކުގެ އާޔަތްތަކުގެ ސިޔާގަށާއި އަދި މުޖުތަމައީ ހުކުމްތައް ކީރިތި ގުރުއާނުގައި އިބާރަތްކުރެވިފައިވާ ގޮތަށާއި މިފަދަ ހުކުމްތަކާއި މެދު ސަލާމާތް ސަލަވާތްލެއްވި އިތުރު ރަސޫލާއާއި ފުރަތަމަ ހަތަރު ޚަލީފާއިން ކަންތައްކުރެއްވި ގޮތުގެ މައްޗަށް ރިއާޔަތްކޮށް، ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތައް މާނަކުރައްވާ މިއަދުގެ ބައެއް މުސްލިމު އިލްމުވެރިން ދެކިލައްވާ ގޮތުގައި، މި ފަދަ ހުކުމްތަކުގައި ބާރު އެޅިފައިވަނީ، ހުކުމްތައް އައިސްފައިވާ ސޫރައަށް ވުރެ ބޮޑަށް، އެ ހުކުމްތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުގެ މައްޗަށެވެ. މިކަމަކީ ވެސް، ދީނީ ހަރުކަށި ފިކުރާ ގުޅުން ހުރި ކަމަށް ވުމުން، މިކަމުގެ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ.
މުޖުތަމައީ ހުކުމްތަކާ ބެހޭ ގޮތުން ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ މި ހުކުމްތައް ދީނާ ގުޅޭ ގޮތެވެ. މުޖުތަމައީ ހުކުމްތައް ދީނާ ގުޅެނީ އެ ހުކުމްތަކުގެ ސޫރަ މެދުވެރިކޮށެއް ނޫނެވެ. މިސާލަކަށް ވައްކަންކުރުމުން އޮންނަ އަދަބުކަމުގައިވާ އަތްކެނޑުން އެއީ ދީނީ ކަމެއް ނޫނެވެ. އެކަން، ދީނާ ގުޅެނީ އެކަމަށް ކަނޑައެޅިފައި އޮންނަ އުގޫބާތުން ގަސްދުކުރެވޭ ލަނޑުދަނޑިކަމުގައިވާ ’އަދުލުވެރިކަން‘ ހާސިލުކުރެވުމުންނެވެ. ހިޖުރައިން އަށާރަވަނަ އަހަރު، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި، އަތްކެނޑުން ވަގުތީ ގޮތުން ހުއްޓާލެވުނެވެ. މުޖުތަމައުގައި ބަނޑުހައި ހޫނުކަމުގެ އާންމު ތަދެއް ފެތުރި، ސަރުކާރުން މީސްތަކުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ބައެއް ބޭނުންތައް ފޯރުކޮށް ދިނުމަށް ނުކުޅެދުމުންނެވެ. އެފަދަ، ހާލަތެއްގައި އަތްކެނޑުމަކީ އަދުލުވެރިކަމާ ޚިލާފުކަމެއް ކަމުގައި އުމަރުގެފާނު ދެކެވަޑައިގަތުމުންނެވެ. މީގެ އިތުރުން، އިމާމު ޝާފިއީގެ ކިތާބުލް އުއްމުގައި، މާތްރަސްކަލާނގެ ރުއްސުންލެއްވި އަލީގެފާނު، އަތްކެނޑުމާ ދެކޮޅު ހެއްދެވިކަން ބަޔާންކުރައްވާފައިވެއެވެ. އަތްކެނޑުމަކީ މީހުން އާމްދަނީ ހޯދަން މަސައްކަތްކުރަން ހުރަސް އަޅާނޭ ކަމެއް ކަމާއި އަދި އެކަމުގެ ސަބަބުން ހިނާ ތާހިރުވާން ވެސް ދަތިވާނޭ ކަމަށް ވިދާޅުވަމުންނެވެ. އަތްކެނޑުމަކީ ދީނީ ކަމަކަށްވާ ނަމަ، ވަގުތީ ގޮތުން ނަމަވެސް، އެއްވެސް މީހަކަށް އެކަން ހުއްޓުވުމުގެ އިޚްތިޔާރެއް ނޯންނާނޭކަމާއި އަދި އެކަމާ ފަހަރެއްގައި ވެސް އިންކާރުކުރުމުގެ އުޒުރެއް އެކަކަށް ވެސް ނުދެއްކޭނޭކަން ބައެއް އިލްމުވެރިން ފާހަގަކުރައްވައެވެ.
މުޖުތަމައީ ހުކުމްތަކާ ބެހޭގޮތުން އެންމެ ފަހުން ފާހަގަކޮށްލަން ބޭނުންވަނީ މި ހުކުމްތައް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށް ކަމެވެ. ނުވަތަ ހާކިމާ އެކަން ހަވާލުކުރައްވާފައިވާ ފަރާތަކަށް ކަމެވެ. އެކަމަކީ އަމިއްލަ ފަރުދުންގެ އަތްމަތީ އޮތް ކަމެއް ނޫންކަމެވެ. މުއުމިނާ ދީންވެރިވެ، ރޫހާނީ ގޮތުން ކުރިއަށްދާން ބޭނުން ނަމަ، އަޅުކަމުގެ އަމަލުތަކުގައި އަވަދިނެތި އުޅެ، ވީވަރަކުން އެހެން މީހުންނަށް އިހުސާންތެރިވެ، ހެޔޮއަމަލުތައްކޮށް ހެޔޮލަފާ މީހަކަށްވާންވީއެވެ. ދީންވެރިވެ، ރޫހާނީ ގޮތުން ކުރިއެރުމަށްޓަކައި، މުޖުތަމައީ ހުކުމްތައް މުޖުތަމައުގައި ހިންގާލަން، އޭނާ އަމިއްލައަށް އުޅޭކަށް ނުޖެހެއެވެ. އެކަން ދޫކުރަން ޖެހެނީ މުޖުތަމައު ހިންގުމާ ހަވާލުވެ ތިބި ބަޔެއްގެ އަތް މައްޗަށެވެ. ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم، (އައްނިސާ ސޫރަތުގެ 59 ވަނަ އާޔަތް) ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވާށެވެ! އަދި، ރަސޫލާއަށާއި ކަލޭމެންގެ ތެރެއިން އަމުރުވެރި ފަރާތްތަކަށް ވެސް ބޯލަނބައި ކިޔަމަންތެރިވާށެވެ!“ މީގެ މާނައަކީ ވަކިވަކި ފަރުދުންނަށް މުޖުތަމައީ ހުކުމްތަކާ ބެހޭ ގޮތުން އެއްޗެއް ނުބުނެވޭނޭ ވާހަކައެއް ނޫނެވެ. މުޖުތަމައުގައި ކަނޑައެޅި ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން އެވާހަކަތައް ދެއްކުމުގެ މިނިވަންކަން ވަކިވަކި ފަރުދުންނަށް ވެސް ލިބިގެން ވެއެވެ.
މިބައި ނިންމާލުމުގެ ގޮތުން، މިބައިގައި ބަޔާންކުރެވިދިޔަ ވާހަކަތަކުގެ ކުރު ޚުލާސާއެއް ލިޔެލާނަމެވެ. ޝަރީއަތުގެ ހުކުމްތައް ދެބަޔަކަށް ބެހިގެން ވެއެވެ. އިންސާނާގެ ފަރުދީ ހަޔާތާ ގުޅޭ ބަޔަކާއި އަދި އޭނާގެ މުޖުތަމައީ ކަންތައްތައް ހިންގުމާ ބެހޭ ބަޔެކެވެ. މީގެ ތެރެއިން ފުރަތަމަ ބައިގައި ހިމެނެނީ އަޅުކަންކަމާއި ހަލާލު-ހަރާން ކަންތަކެވެ. މިބައިގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. އެކަން ކުރުމުގެ ޒިންމާ ނަގަން ޖެހެނީ ކޮންމެ މުއުމިނު ފަރުދެކެވެ. މިއީ ޝަރީއަތުގެ ޚާލިސް ’ދީނީ’ބައި ކަމުގައި ބެލެވެއެވެ. ތަނާއި ޒަމާނާ ގުޅުވައި މި ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައު ހިންގުމާއެވެ. މި ބައިގައި ހިމެނޭ ހުކުމްތަކުގެ މަގުސަދަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މި ބައިގައި ހިމެނޭ ހުކުމްތައް އިބާރަތްކުރެވިފައިވަނީ އެ ހުކުމްތަކުގެ މަގުސަދުތަކުގެ މައްޗަށް ބާރު އެޅިގެންނެވެ. މިކަންކަން ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށެވެ. ނުވަތަ ހާކިމާ އައްޔަނުކުރާ ފަރާތަކަށެވެ. މިކަންކަން ހިންގުމުގެ ބާރު، އަމިއްލަ ފަރުދުންނަށް ލިބިގެން ނުވެއެވެ.
އިރާދަކުރެއްވިއްޔާ، ދެން އޮތް ބައިގައި ތިން ކަމެއްގެ މައްޗަށް ބަލާލެވޭނެއެވެ. ދީނީ ފިކުރު ހަރުކަށިވާ ގޮތާއި އެކަމުގެ ސަބަބުތަކާއި އަދި އެކަމުގެ ހައްލުގެ މައްޗަށެވެ.
One Response
އަލް ޙަމްދުލިﷲ. ވަރަށް ބަރާބަރު ގެނެސް ދެއްވުމެއް. ތިބާ ﷲ ރަހުމަތް ލައްވާށިއެވެ.