ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖައްސުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުގައި ބެހެއްޓުމަށް މަސައްކަތްކުރަނީ ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ޓެސްޓު ކުރެވޭނެ މެޝިނެކެވެ.
މިހާތަނަށް 4780 ސާމްޕަލް އެރަށުން ނަގައިފައިވާއިރު ދުވާލެއްގެ މައްޗަށް މިހާރު ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން 20 އިންސައްތަ ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް އެރަށު ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން ބުނީ ސާމްޕަލްތައް މާލެ ފޮނުވައިގެން ރިޕޯޓްލިބެން ދެ ދުވަސްވަރު ވާ ކަމަށާ، ނަމަވެސް އެ ހޮސްޕިޓަލުގައި ޕީސީއާރް މެޝިން ގާއިމްކުރުމުން ސާމްޕަލްތަގެ ނަތީޖާ އެންމެ ގިނަވެގެންވެސް 24 ގަޑިއިރުގެ ތެރޭގައި ލިބިގެން ދާނެކަމަށެވެ.
ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މި ހާރުކުރިއަށްދަނީ ޕީސީއާރު ޓެސްޓް ހަދަން ބަހައްޓާ މެޝިންގެ ސެޓަޕް ހެދުމުގެ މަސައްކަތެވެ. އަންނަ ހަފްތާގެ ތެރޭގައި މިމެޝިން ތިނަދޫއަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ތިނަދޫގައި މިވަގުތު ކޮވިޑް-19 އެކްޓިވް 223 އެކްޓިވް ކޭސް އޮތްއިރު 288 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިހާތަނަށް ޖުމްލަ 511 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވް މީހުންގެތެރެއިން 5 މީހަކު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު ރަށުތެރެއަށް ހަލުވިކަމާއެކު ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ.
ތިނަދޫގެ އާއ އެއަތޮޅުގެ ފަރެސްމާތޮޑާ އަދި ގައްދޫވެސް ވަނީ މޮނީޓަރިންނަށް ލާފައެވެ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑް ކޭސްތައް އަތޮޅުތެރޭގައިވެސް އިތުރުވަމުންދާތީ ތިނަދޫގައި ޓެސްޓް ހެދުމުގެ ނިޒާމެއް ގާއިމު ވުމުން މުޅިއަތޮޅަށްވެސް ވަރަށްބޮޑު ފަސޭހަވާނެކަމަށެވެ.