ރައީސް މައުމޫނާ ދެކޮޅަށް 2008 ވަނަ އަހަރާއި އޭގެ ކުރީން އެމްޑީޕީގެ އެކްޓިވިސްޓުން ހިންގި ހަރަކާތްތަކުގައި ރައީސް މައުމޫން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިއާއެއް ޚަރަދުކުރައްވައިގެން ތީމުގެ ގަނޑުވަރަކަށް ހައްދަވައިގެން ދިރިއުޅުއްވާ ވާހަކައާއި އެއީ ކުރަން ހެއުނުވާވަރުގެ ކަމެއްކަމުގައި ދިވެހި ރައްޔިތުންނަށް ވިސްނައިދޭން އަޑުގަދަކޮށް މަސައްކަތް ކުރިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ތީމުގެ ޔުނިވަރސިޓީއަކަށް ހަދާނެކަމަށް އަނެއްބަޔަކު ވާހަކަދެއްކިއެވެ.
ތެދެކެވެ! ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކޯލިޝަނަށް ވެރިކަން ލިބުމުން ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ގަނޑުވަރު ތީމުގޭގައި ދިރިއުޅުއްވުމުގެ ބަދަލުގައި އުޅުއްވީ މުލީއާގޭގައެވެ. ރިޔާސީ ގަނޑުވަރު ބަދަލު ވެގެންދިޔައީ ސްޕްރީމް ކޯޓާއި ހައިކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގާ އިމާރާތަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ތީމުގެއަކީ ރައީސްގެ މައުމޫނުގެ ދުރުވިސްނުންފުޅާއެކު ބޮޑު ޚަރަދުކޮށްގެން ނަމަވެސް ސިކިއުރިޓީކަންތަކަށް ބަލައިގެން ހަދާފައިވާ އިމާރާތެއްކަމަށެވެ.
“އެހެންކަމުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ އެއީ މުހިންމު ކަމެއްކަމުގައި އަޅުގަނޑުދެކެން.” ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވިއެވެ. “އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް މަތިކުރެވިފައިވާ މޯލްޑިވްސް ޑިފެންސް ފޯސްގެ ފަރާތުން އަދި ރައީސުލް ޖުމްހޫރިއްޔާގެ އެހެނިހެން ކަންތައްތައް ބެލެހެއްޓުމަށްޓަކާ ރައީސް އޮފީހުގައި މިހާރު އައްޔަން ކުރެވިފައިވާ ފަރާތްތަކުން ވެސް މިކަމާދޭތެރޭގައި ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކާއެކު ރައީސުލް ޖުމްހޫރިއްޔާގެ ދިރިއުޅުއްވުން ތީމުގެއަށް ބަދަލުކުރުމަކީ އެއީ މުހިންމު ކަމެއްކަމުގައިވާތީވެ އެވާހަކަ ދަންނަވާލަން.”
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހުންނެވުމަށް ޚާއްޞަ ގަނޑުވަރެއް އޭރު ވަރަށް ބޮޑު ޚަރަދުގައި ބިނާކުރީ، ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި ސްޕްރީމް ކޯޓު އެކަށީގެންވާ އެހެން އިމާރާތަކަށް ބަދަލުކުރުމަށްފަހު ވީހާވެސް އަވަސް ފުރުސަތެއްގެ ތެރޭގައި ތީމުގެއަށް ރައީސުލް ޖުމްހޫރިއްޔާގެ ގަނޑުވަރު ބަދަލުކުރުމަކީ މިއަދު ގައުމުގެ މައްސަލަތައް ހުރިގޮތުން އަދި ސަލާމަތާއި ރައްކާތެރިކަން ހުރިގޮތުން ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުކުރައްވާކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
“ސަރުކާރުގެ އެންމެ މަތީވެރިޔާއަށް އޮތް ނުރައްކާ މާބޮޑުވާނެ އަދި އެހެން ބާރުތަކުގެ ވެރީންނަށްވުރެ.” ޝަރީފު ވިދާޅުވިއެވެ. “އެހެންކަމުން ކަމެއް ދިމާނުވަނީސް ސްޕްރީމް ކޯޓު އެކަށީގެންވާ އެހެންތަނަކަށް ބަދަލު ކުރުމަށްފަހު އެއީ (ތީމުގެއަކީ) ރައީސުލް ޖުމްހޫރިއްޔާގެ ގަނޑުވަރަކަށް ހެދުމަކީ އެއީ އަޅުގަނޑުވެސް ގަބޫލު ކުރާ ކަމަކަށް ވާތީ އެވާހަކަ ދަންނަވާލަން.”
އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިހާރު މިގައުމު އޮތް ހާލަތަށް ބަލާއިރު ތީމުގެ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުގެ ގޮތުގައި ހުއްޓާ އެތަން އެހެން ގޮތަކަށް ބަދަލުވެގެން ގޮސް މިވަގުތު ސްޕްރީމްކޯޓު އެތަނުގައި (ތީމުގޭގައި) ހުރިކަން އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. އަދި ތީމުގެއަކީ ހަމަ ޒަމާނީގޮތަށް އޭރު ދިވެހި ރައްޔިތުންގެ ފައިސާއިން ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
“ރައީސުލް ޖުމްހޫރިއްޔާއަކަށް ދޭންޖެހޭ ސިކިއުރިޓީއާ އެއްޗެތި ދެވޭގޮތަށް ތައްޔާރުކުރެވިފައި ހުރި ތަނެއް ކަމަށްވާއިރު އެތަން އެގޮތުގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކޭ އަޅުގަނޑު ދަންނަވާނީ.” ރޮޒައިނާ ވިދާޅުވިއެވެ. “ކޮންމެ ބޭފުޅަކު ރައީސްކަމުގައި ހުރިކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވާނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް. އަދި އެބޭފުޅާއަށް ލިބެންވާ ރައްކާތެރިކަމާއި ހިމާޔަތާއި ހޯދާދިނުމަކީ ދައުލަތުގެ މައްޗަށް އޮންނަ ޒިންމާއަކަށް ވާއިރުގައި އެކަން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން އެކަން ބައްޓަން ކުރަން އެބަޖެހޭ.”
ރައީސް މައުމޫން އުޅުއްވަން އެމްޑީޕީގެ އެކްޓިވިސްޓުންނަށް 2008ގައި ތީމުގެ ކަމަކު ނުދިޔައެވެ. އެއީ މާ އަގު ބޮޑު ޚަރަދު ބޮޑު ގަނޑުވަރެއްގެ ގޮތުގައި އެތަން ސިފަކުރެވެމުން ދިޔައެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކޮށް ދިވެހި ރައްޔިތުންގެ ހިތުގައި މައުމޫނާ މެދު ނަފުރަތާއި ހަސަދައާއި ރުޅިވެރިކަން އުފައްދައި މައުމޫނަށްވުރެ އަގުބޮޑު ދިރިއުޅުއްވުމެއް އުޅުއްވާ ބޭފުޅަކު މިއޮތް ބޮޑު އުޑުދަށުގައި ނެތް ކަން ހާމަކޮށްދޭން ބޭނުންވި ދަނޑިވަޅު ތީމުގެވީ ދައުލަތަށާއި ރައްޔިތުންނަށް ހުރި ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު މިއަދު ޖޫން މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިވިގެންދިޔައީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދިރިއުޅުއްވަން ދިވެހި ގައުމުގައި ހުރި އެންމެ ރައްކާތެރި އަދި އެންމެ އައުލާކަން ބޮޑު ގަނޑުވަރަކީ ތީމުގެ ކަމުގެ އަޑެވެ. ތީމުގެއާއި ރައީސް މައުމާނޫނާއި ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓުން އޭރު ދެއްކެވި ވާހަކަތަކާއި މިއަދު މަޖިލީހުގެތެރެއިން އިވުނު އަޑުތަކުން ސިފަވެގެން ދިޔައީ ތީމުގެ އުނބަށް ޖަހަމުންދާކަމެވެ.
ތެދެކެވެ! އެމްޑީޕީގެ އެކްޓިވިސްޓުންނަށް 2008ގައި ރައީސް މައުމޫން އުޅުއްވަން ތީމުގެ ކަމަކު ނުދިޔައެވެ. ނަމަވެސް މިއަދު އެމްޑީޕީގެ ބޮޑުންނަށް ރައީސް ޞާލިޙު އުޅުއްވަން ތީމުގެ ވަރު ތަނެއް ނެތެވެ.
އުނބަށް ޖެހިޔަސް ތަންކޮޅެއް ބޮޑުވަރެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
One Response
Mee hama hayaakuda nulafaa reedhoopaatee eh miaalaathun theemuge imaaraay kurumun raees maumoonah nugovaa ehchehneh rayyithunge beythelmaalu huskohgen keehkuran alhaa gaduvarehhey govaa nukiyaaka nubai ehchehneh ekamaku mihaaru miulhey reedhoo baigadah vehje ehkala gaduvaru rangadakah kobaa kaleynenge hayaay