އީރާނުގެ އައު ރައީސަކަށް ރައްޔިތުން ހޮވީ އިބްރާހީމް ރައީސީ

Loading

Facebook
Twitter
WhatsApp

އީރާނުގައި ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން އައު ރައީސަކަށް އިބްރާހީމް ރައީސީ ހޮވައިފިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ސަރުކާރުން އަދި އިއުލާނު ނުކުރިކަމަށް ވިޔަސް އިންތިޚާބުގެ ކަންތައްތައް ދިރާސާ ކުރާ އަމިއްލަ ފަރާތްތަކުން ހާމަކުރާގޮތުގައި ވާދަކުރެއްވި އަނެއް ތިން ކެންޑިޑޭޓުންނަށް ވުރެ ގިނަ ވޯޓު އިބްރާހީމް ރައީސީއަށް ވަނީ ލިބިވަޑައިގެންފައެވެ.

އޭއެފްޕީން ޚަބަރު ދިން ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް ތިން ކެންޑިޑޭޓުން ވަނީ އިބްރާހީމް ރައީސީއަށް މަރުހަބާއާއި ތަހުނިޔާ ދަންނަވާފައެވެ.

އީރާނުގެ ރައީސް އަދި ދައުރު ހަމަކުރައްވަމުން ގެންދަވާ ރައީސް ޙަސަން ރޫޙާނީ ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ”ރައްޔިތުން އިންތިޚާބު ކުރެއްވި ރައީސަށް އަޅުގަނޑު މުބާރަކްބާދު ދަންނަވަން.“ މިފަދައިން ވަނީ ވިދާޅުވެފައެވެ.

ރޫޙާނީ ވިދާޅުވީ އައު ރައީސަށް ރަސްމީ ގޮތުން އަދި މަރުހަބާ ދަންނަވާނޭކަމަށެވެ. ނަތީޖާ އިއުލާނު ނުކުރިކަމަށްވިޔަސް ރައްޔިތުން ރައީސަކަށް ހޮވީ ކޮންބޭފުޅެއްކަން އެނގިވަޑައިގަންނަވާކަމަށް ރޫޙާނީ ވިދާޅުވިއެވެ.

އުމުރުފުޅުން 60 އަހަރުވީ އިބްރާހީމް ރައީސީ އިރާނުގެ ރައީސްކަމާ ރަސްމީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓުމަހުގައެވެ. އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ މުހިންމު ކަންތައްތަކުގެތެރޭގައި އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަގުން ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ދަންތުރައިން ސަލާމަތްވުމާއި ގައުމުގެ ބަލިކަށި އިގުތިސާދު ވަރުގަދަ ކުރުމާއި ޒުވާނުން ސަރުކާރަށް ކުރާ އިތުބާރު ހަރުދަނާ ކުރުންފަދަ ކަންތައްތައް ހިމެނެއެވެ.

އިބްރާހީމް ރައީސީ އިރާނުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ވަނީ ގާނޫނީ ދާއިރާގެ އިސްމަގާމުތަކެއް އަދާކުރައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް