ތިމާ އަރާ ބޫޓުގެ ސައިޒު އޮޅިއްޖެނަމަ ފައިން ދެމިގެންދާނެ!

466

މިއީ އަޅުގަނޑުމެންގެ ވިސްނުންތެރިން ވަރަށް ކުރިއްސުރެ ވެސް ދެމުންގެންދާ އިންޒާރެކެވެ. ހެޔޮ ނަސޭޙަތެކެވެ. ތިމާ އަރާ ބޫޓުގެ ސައިޒު އޮޅި ސައިޒު ބޮޑުވެއްޖެނަމަ ފައިން ދެމިގެންދާނެއެވެ. އޭރުން ހުރެވޭނީ ބޫޓު ފައިން އުފުރި ހުސް އިސްޓާކީނު ގައެވެ. ނުވަތަ ހުސްފައިގައެވެ. މިފަދަ މީހުންގެ ބޮޑާކަމާއި މަވަރެއް ނެތްކަމަށް ތިމާއަށްފެނި، އޮޅި، މީހުންނާއި ރުންކުރު ގޮތްގޮތަށް ބަސްމޮށި މުޢާމަލާތު ކުރަމުން ދިއުމަކީ ދުނިޔެވީ އާދައެކެވެ. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ ވަރަށް މަޝްހޫރު ކާމިޔާބު ޝަޚުޞިއްޔަތުންނެވެ. ނަމަވެސް ޙަގީގަތަކީ މިފަދަ ނޭއްގާނީ ދޮގުވެރީން އާޚިރުގައި އެކަނިވެ ބާކީ ވެދާކަމެވެ.

މިގޮތުން މިހާރުގެ އެންމެ މީޑިއާ ހިޓްގައި އުޅުއްވަނީ

އަނެއް ރާއްޖެއަށް ފެށި ދަތުރު ފެއިލްވެ ކުރަން ވަޢުދުވި ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ނުކުރެވުނު ލީޑަރ “ދަ އައިލެންޑް ޕްރެޒިޑެންޓް” އަންނި ކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. އާދެ! އެއީ އަމިއްލަފުޅަށް “މަންޑޭލާ” ހެއްދިވިގެން އެކްޓް ކުރައްވާ ދިވެހިން ދަންނަ އެކްޓިވިސްޓް އެމްޑީޕީގެ މިހާރުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އެވެ. އެބޭފުޅާ އަމިއްލަފުޅަށް ލިއުއްވާ ގޮތުންނަމަ ކެރަފާ ނަޝީދެވެ.

ހަގީގަތްވަނީ ވަރަށް ގިނަބަޔަކަށް އޮޅިފައެވެ. ޚާއްޞަކޮށް މިހާރު މަގުމަތީގައި އަންނި އާއި އެކު ސަކަރާތް ޖަހަން އުޅޭ އަޑުގަދަ ކުދިންކޮޅަށް ވަނީ ދިވެހި ރާއްޖޭގެ ކުރީގައި ހިންގަމުން އައި ޑިކްޓޭޓަރޝިޕް ފުނޑިގެން ދިޔަގޮތާއި އެކަމުގެ އަޑީގައި ތިބި މީހުންނާއި ޢަމަލީ ގޮތުން ބައިވެރިވި، ބޮޑެތި ބައިވެރީންނަކީ ކޮންބައެއްކަން އޮޅިފައެވެ. ނުވަތަ އަންނި އޮޅުވާލައިފައެވެ. އަބަދުވެސް އަޑުގަދަމީހާ ރުއް ގިނަވާނޭ ބުނާ އުސޫލުން އަންނި ވަރަށް ޙިކުމަތްތެރިކަމާއެކު އެކަން ކުރައްވައެވެ. އަދި އެވަގުތަކަށް ކައިރީގައި މާބޮޑު ވިސްނުމެއްނެތި ލިބިދާނެ ފައިދާއަކަށް ކެތްމަދުވެފައި ތިބޭ ބަޔަކަށް އެ ސަކަރާތްތަކަށް ހެއްލެވިދެއެވެ. މިގޮތުން ދިވެހި ރާއްޖެ ޑިމޮކްރެސީއަށް ކުރިދަތުރުގެ ބައިވެރީންގެ ލިސްޓް ވަރަށް ދިގެވެ. ވަރަށް ބިރުވެރި ނާމާން ދުވަސްވަރެއްގައިވެސް ވަރަށް ގިނަ ބަޔަކު ސިއްރުގަޔާއި ފައުޅުގައި އިޚުލާޞްތެރި މަސައްކަތްތަކެއް ކުރިއެވެ. އެކި ފަންތީގެ މީހުން ބައިވެރިވެ ބަދަލަކަށް ގޮވަން ފެށިއެވެ.

އޭގެ ނަތީޖާއަކަށްވީ ބަޔަކު ޢުމުރު ދުވަހުގެ ޖަލު ޙުކުމުގަޔާއި އަނިޔާތަކެއް ބަރުދާސްތު ކުރަންވެސް ޖެހުމެވެ. އަދި ބައެއް ވިޔާފާރިވެރިންގެ ވިޔާފާރި އޭރުގެ ސަރުކާރުން ހުއްޓުވާލެވުމާއި އަނިޔާވެރިކަން އިތުރު ކުރުމެވެ. ނަމަވެސް މިދެންނެވި ހެޔޮބަދަލަކަށް އެދިގޮވަމުން އައި ގުރޫޕް އައީ ބިޔަވަމުންނެވެ. އަދި އަޑުހަރު ކުރަމުން ފުޅާވަމުން ގިނަވަމުންނެވެ. އޭގެ ނަތީޖާއަކަށްވީ އޮގަސްޓް 12، 13 އެވެ. ފަންސަވީސް ހާސް މީހުން ޖުމުހޫރީ މައިދާނުގެ ބޮޑުދިދަ ކައިރިއަށް އެއްވެ މައުމޫނު ސަރުކާރުގެ އިސްތިޢުފާއަށް އެދި އިޙުތިޖާޖު ކުރުމެވެ. އޭރުވެސް “ސަންދާނު”ގެ ބައިވެރީން ތިބި ޢުމުރު ދުވަހުގެ ޖަލު ޙުކުމެއްގައެވެ. މިފެންނަ ބަދަލު ގެނައުމަށް މަރުދީ ކުޅަމަސައްކަތުގެ ސަބަބުންނެވެ.

ސުވާލަކީ އޭރު އަންނި (ނަޝީދު) ކޮބައިތޯއެވެ؟ ހަމަ ގައިމުވެސް އޮތީ ޖަލަކުނޫނެވެ. އެ އެއްވުމުގައިވެސް ނުވަތަ މިބަދަލުގެ މޫވްމަންޓްގެ (ޙަރަކާތުގެ) ވެރިޔަކީވެސް އޭރުވެސް އަންނިއެއް ނޫނެވެ.

މިއީ ފޮރުވެންނެތް ހަގީގަތެވެ. މިއަދު ޔޫޓިއުބް ބަލާލިއަށް ގޫގަލް ކޮށްލިޔަސް އަދި ވިންޓަރ ޝަރީފް ނުވަތަ އިބުރާ، ގޯގޯ ލަތީފު، ސަންދާނު އަޙްމަދު ދީދީ ފަދަ ބޭބޭފުޅުން އަރިހުން ތާރީޚު ދެނެގަތަސް މިފަދަ އެތަކެއް ޙަގީގަތްތަކެއް އޮޅުންފިލާނެއެވެ.

ދޮގާއި އޮޅުވާލުމުން ހިންގާ ޙަރަކާތަކީ މާ ދިގު މުއްދަތައް ކާމިޔާބުގޮތުގައި ހިންގައި ހިފެހެއްޓިދަނެ ކަންކަމެއް ނޫނެވެ. އޭގެ ހަގީގަތާއި މިއަދު މިވަނީ އަންނި އާއި އޭނާގެ ބޯހަރު ބައިވެރީން ކުރިމަތިލާން ޖެހިފައެވެ. މިހާރު މިވަނީ އެމްޑީޕީ ދެބައިވެ އެޕާޓީ ރިފޯމްކުރުމަށް ޕާޓީ އިއްސަފުން ލީޑްނަގައިގެން މަސައްކަތް ކުރަން ފަށާފައެވެ. އެމްޑީޕީ ރިފޯމް ފެކްޝަނުން ބުނަމުން ގެންދަނީ އަންނިގެ ބޮޑާކަމާއި ކަރަޕްޝަނާއި އޭނާގެ އަމިއްލަ އެދުން ބޮޑުވެ ޕާޓީ އަކީ އަންނިގެ އާއިލާ މިލްކަކަށް ހަދައިފާވާކަމަށެވެ. މިފެމކްޝަން ސޕޯޓު ކުރަނީ ރައީސް ސާލިޙުއަށެވެ. އެ ފެކްޝަނުން ބުނާގޮތުގައި އެމްޑީޕީއަށް ވެރިކަން ދެން ލިބޭނީވެސް އަދި މިވެރިކަން ފަސް އަހަރަށް ދެމެހެއްޓޭނީވެސް “އަންނިގެ ބަލާވެރިކަމުން” ޕާޓީ ސަލާމަތް ކޮށްގެނެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ފެންނަމުން ދަނީ ތިމާ އަރާ ބޫޓުގެ ސައިޒް އޮޅި ފައިން ބޫޓު ދެމިގެންދާތަނެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ބޭފުޅުން އިތުރަށް ބޭޒާރުވެ ބަރަހަނާވާތަން ރައްޔިތުންނަށް ފެންނާނެއެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ