ނަފްރަތުގެ ބިލާ ދެކޮޅަށް 15 ކައުންސިލަކުން ނުކުމެއްޖެ

Loading

Facebook
Twitter
WhatsApp

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 15 ކައުންސިލަކުން ތެދުވެއްޖެ އެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ކައުންސިލްތަަކުން ވަނީ ވަކިވަކި ބަޔާންތަކެއް  ނެރެފައެވެ.  އަދި މި ބިލް ފާސް ނުކުރުމަށް އެކައުންސިލްތަކުން ވަނީ މަޖިލީހަށް ގޮވާލާފައެވެ.

ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތައް

  • ހއ. އިހަވަންދޫ ކައުންސިލް
  • ހއ. ކެލާ ކައުންސިލް،
  • ހއ. އުތީމް ކައުންސިލް
  • ހދ. ނާވައިދޫ ކައުންސިލް،
  • ހދ. ނޮޅިވަރަމް ކައުންސިލް،
  • ނ. ހެނބަދޫ ކައުންސިލް
  • ރ. މީދޫ ކައުންސިލް
  • ރ. ހުޅުދުއްފާރު ކައުންސިލް
  • ރ. މަޑުއްވަރީ ކައުންސިލް
  • ރ. އަނގޮޅިތީމް ކައުންސިލް
  • ވ. ތިނަދޫ ކައުންސިލް
  • މ. ދިއްގަރު ކައުންސިލް
  • ދ. ކުޑަހުވަދޫ ކައުންސިލް
  • ތ. ހިރިލަންދޫ ކައުންސިލް
  • މާލެ ސިޓީ ކައުންސިލް

މި ބިލުގައިވާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ބިލަކީ ލާދީނީ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެއްކަމަށް ބުނެ މި ބިލާ ދެކޮޅަށް ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް