ރާއްޖޭގެ އެއާޕޯޓްތައް ބޭރުކުންފުނިތަކަށް ދެވޭނެހެން އުސޫލު ބަދަލުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެއާޕޯޓްތައް 100 ޕަސެންޓް ހިއްސާ އޮންނަ ބޭރުގެ ފަރާތްތަކަށް ދެވޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ބަދަލުގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައިވާގޮތުން 2020 ފެބްރުއަރީ 11 ގައި އާންމުކޮށްފައިވާ އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކޯޑު H3 އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މި އިސްލާހުގައިވާގޮތުން ބޭރުގެ ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައްހިންގޭނެއެވެ.

މީގެ ކުރިން އެ ކޯޑުގައި ބުނެފައިވަނީ ފްރެއިޓް ހިދުމަތް ހިމެނޭހެން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

އަދި ފަސް އަހަރަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ކުރިން ބުނެފައި ވެއެވެ.

މިއަދު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުމާއި، އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.

އުސޫލުގައި ވާގޮތުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެެއެވެ. އަދި ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު 50 އަަހަރަށް ދެވޭނެއެވެ.

މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރާނެ އެވެ.

ރާއްޖޭގައި އެއާޕޯޓު ހިންގައި އޮފަރޭޓު ކުރުމުގެ ހުއްދަ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދޭގޮތަށް އެފްޑީއައި އުސޫލަށް ބަދަލު ގެނެސްފައި މި ވަނީ ރާއްޖޭގެ އެއާޕޯޓްތައް އިންޑިއާއަށް ދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި ޚާއްސަކޮށް އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ އަޑުވަނީ ގަދަވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާއާ އެކުު800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން  އިންޑިއަން ހައިކޮމިޝަނުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ ޕްރޮޖެކްޓަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދު ބާރުވެރިކުރުވަން ދޭ އެހީކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނީ 2200 މީޓަރުގެ ރަންވޭއަކާ އެކުގަ އެވެ. އޭރުން އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭނެ އެވެ. ހައި ކޮމިޝަންގެ ބަޔާނުގަައިވާ ގޮތުން، ރަންވޭ ބޮޑުކުރުމުގެ އިތުރުން ޕެސެންޖާ ޓާމިނަލްތައް، ކާގޯ ޓާމިނަލްތައް، ފިއުލް ފާމް އަދި ފަަޔަ ސްޓޭޝަންތައް ތަރައްގީކުރުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނެ އެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މުޅި މަސައްކަތް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އޭރު ހައިކޮމިޝަނުންދިނެއެވެ. އެހެންކަމުން މި އަހަރަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަސައްކަތް ނިމޭނެ އަހަރެވެ.

 

Loading

One Response

  1. މި ގައުމު މުޅިން މިދަނީ އަޅޔވެތިކަމާ ދިމައަށް. މިއީ ހަމަ އިންޑިޔާއަށް ކޮށްދިންކަމެއް.

Leave a Reply to ޑެރަ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް