ވޯލްޑްކަޕް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ މުބާރާތެވެ. ޔޫރޯ 2021 މިރޭ ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ތުރުކީއާއި އިޓަލީއެވެ.
މިރޭ މާލޭގަޑިން 12.00 ގައި ފަށާ މެޗު ކުޅެނީ އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
އިޓަލީއަކީ ޔޫރަޕްގެ އަދި ދުނިޔޭގެ ވެސް ފުޓުބޯޅައިގެ ވަރުގަދަ ބާރަކަށްވާއިރު ތުރުކީ ފާހަގަކުރެވެނީ ޔޫރަޕުގެ އާދައިގެ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ތުރުކީއަކީ ހައިރާން ކުރުވާ ފަދަ ނަތީޖާ ނެރޭ ޓީމެކެވެ.
ތުރުކީއާއި އިޓަލީ އަހަރުތަކެއް ކުރިން ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.
ފުޓުބޯޅަ ދިރާސާކުރާ ގިނަ ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި ބަހާލައިގެން މޮޅު ކުޅުމެއް ކުޅެ، މިރޭ އިޓަލީއަށް ފަސޭހަ މޮޅެއް ހޯދޭނެއެވެ. ނަމަވެސް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހައިރާން ވާފަދަ ނަތީޖާއެއް ތުރުކީއަށް ނެރެވިދާނެއެވެ.
އިޓަލީގެ ތަޖުރިބާކާރު ކޯޗު ރޮބާޓޯ މަންޗިނީ އޭނާގެ ޓީމު މިރޭ ދަނޑަށް ނެރެނީ ބަލިނުވެ 27 މެޗު ކުޅެފައިވާ ކަމުގެ ހިތްގައިމު ރެކޯޑަކާއެކުގައެވެ.
ތުރުކީގެ ކޯޗު ސެނޯލް ގުނޭސްގެ ޓީމުގައި ދުނިޔެއަށް މަޝްހޫރު ގިނަ ކުޅުންތެރީންތަކެއް ނެތް ނަމަވެސް އުއްމީދުކޮށްގެން ހުރީ މޮޅު މެޗެއް ކުޅެ ރަނަގަޅު ނަތީޖާއެއް ނެރުމަށެވެ.
މިދިޔަ އަހަރު ކޮވިޑް-19ގެ ޝިކާރައަކަށް ވެފައި އޮތް އިޓަލީ އެ ބަލިމަޑުކަމުން އަދިވެސް ސަލާމަތެއް ނުވެއެވެ. ނަމަވެސް 16 ހާސް މީހުންނަށް ކުޅިބަލަން ސްޓޭޑިމަށް ވަނުގެ ހުއްދަ ވަނީ ދީފައެވެ.
މުބާރާތް މިފަހަރު ކުޅެނީ ޔޫރަޕްގެ 11 ސިޓީއެއްގައެވެ. މިއީ މުބާރާތެއް މިހާ ގިނަ ސިޓީއެއްގައިކުޅޭ ފުރަތަމަ ފަހަރެވެ.
މުބާރާތް ފެށުމުގެ ކުރިން މިރޭ ކުލަގަދަ ފެށުމުގެ ރަސްމިއްޔާތެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.