އިންޑިއާއިން ކޮރޯނާވައިރަސް ޖެހިގެން މީހުން މަރުވުމުގެ ދުނިޔޭގެ ރެކޯޑެއް: އެއްދުވަހުން 6148 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ކޮރޯނާވައިރަސް ޖެހިގެން ބުދަދުވަހު 6148 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ސިއްހީ ދާއިރާތަކުން ހާމަކޮށްފިއެވެ. މިއީ ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރެން ފެށިފަހުން ގައުމަކުން އެއްދުވަހުގެ ތެރޭގައި މީހުން މަރުވުމުގެ ދުނިޔޭގެ ރެކޯޑެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން އެއްދުވަހުގެތެރޭގައި މަރުވެފައިވަނީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ. އެ ދުވަހު އެމެރިކާއިން މަރުވީ 5،444 މީހުންނެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ ރެކޯޑު އަދަދަކަށް އިތުރުވެގެން ދިޔަކަން ހާމަވީ ބިހާރު ސްޓޭޓުގައި މަރުވާ މީހުންގެ ހަގީގީ އަދަދު ހާމަކުރުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން އެ ސްޓޭޓުން ހާމަކުރި އަދަދުތަކާ ގުޅިގެންނެވެ.

އިންޑިއާގެ ސިއްހީ ހާލަތު ދިރާސާ ކުރާ ކުރަ ބައެއް ފަރާތްތަކުން ހާމަކުރަ ގޮތުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުން ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ ސައްހަ އަދަދު ކުރިން ވެސް އަދި މިހާރު ވެސް ހާމައެއް ނުކުރެއެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ބިރުވެރި ދަރަޖައަކަށް މޭ މަހު މައްޗަށް ދިއުމަށްފަހު މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ. އެކަމަކުވެސް ދުވާލެއްގެ މައްޗަށް ލައްކައަކަށްވުރެ ގިނަ މީހުން ބަލީގެ ޝިކާރައަކަށް ވަމުންދާކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ.

އިންޑިއާގައި މިހާތަނަށް 29،182،532 މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު އެބަލީގައި 355،705 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

މުޅި ދުނިޔެއިން ކޮރޯނާވައިރަސް އެންމެ ގިނަ މީހުންނަށް ޖެހިފައިވާ ދެވަނަ ގައުމަކީ އިންޑިއާއެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ އެމެރިކާއިންނެވެ. އަދި މުޅި ދުނިޔެއިން ވައިރަސް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ ތިންވަނަ ގައުމަކީ އިންޑިއާއެވެ. އިންޑިއާއަށްވުރެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއާއި ބްރެޒިލްއިންނެވެ.

އިންޑިއާއަކީ މުޅި ދުނިޔެއިން އެންމެ ގިނައިން ވެކްސިން އުފައްދާގައުމުކަމަށް ވިޔަސް އިންޑިއާއިން ވެކްސިން ދެވިފައި ވަނީ އާބާދީގެ ވަރަށް މަދު ބަޔަކަށެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް