އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ސެލްފް ކަލެކްޝަން ސްޓޭޝަންއަކުން ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.
ސެލްފް ސަރވިސް މި ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ޚިދުމަތެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތާ ލައިސެންސް ކާޑް ދޫކުރުމާއި ރަޖިސްޓްރީތައް ދޫކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.
މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކާ ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން ވިދާޅުވެއެވެ. މި ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ އެވެ. ކާޑު ބަލާ ނުވަތަ ރަޖިސްޓަރީއެއް ބަލާ ރަސްމީ ގަޑީގައި އޮތޯރިޓީއަށް ދެން ދާކަށް ނުޖެހޭނެ އެވެ. އެދިފައިވާ ހިދުމަތް ނިމުމުން ކަސްޓަމަރުގެ ފޯނަށް ޕިން ކޯޑެއް ދާނެ އެވެ. ސެލްފް ކަލެކްޝަން ސްޓޭޝަނަށް ގޮސް އެ ކޯޑު ޖެހުމުން އެމީހެއްގެ ލައިސަންސް ކާޑު ނުވަތަ ރަޖިސްޓްރީ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މިހިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ހިދުމަތެއް ދިނުމަށްޓަކާ ގާއިމުކުރި ހިދުމަތެއްކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.
ކޮވިޑް19 ބަލިމަޑުކަމާ ގުޅިގެން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ މީހުންނަށް އެ ހިދުމަތް ދިނުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.
އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ދޭ ހިދުމަތް މެދުކަނޑާލި ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ ހިދުމަތް އޮންލައިންކޮށް ކުރިއަށް ދެއެވެ. އަދި އެ އޮތޯރިޓީން ދޭ ގިނަ ހިދުމަތްތައް ވެސް ވަނީ އޮންލައިންކޮށްފައެވެ.
މިނިސްޓްރީން ވިދާޅުވީ މޭ މަހުގެ އެކަކުން ފެށިގެން މުއްދަތުހަމަވާ އެއްގަމުގައި އުޅަނދު ދުއްވުމުގެ ލައިސަންސްތައް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން އަލަށް ލައިސަންސް ނަގާ މީހުންނަށް އެ ހިދުމަތް ދޭން ފަށާނެކަމަށެވެ.