އދގެ އާންމު މަޖިލީހުގެ ރައީސަކު ހޯދަން ބޭއްވި އިންތިހާބު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ކާމިޔާބު ކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ.
ޝާހިދުއާ ވާދަކުރެއްވި އަގްފާނިސްތާނުގެ ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މިނިސްޓަރު ޝާހިދު އދގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަދި މިއީ ރާއްޖެއަށް ވަރަށް ބޮޑު ފަޚުރެއް ކަމަށާއި އދގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައި ދިވެހިރާއްޖެ ފަޚުރުވެރިކޮށްދޭނެ ހިދުމަތްތަކެއް ޝާހިދު ކުރައްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އދގައި ރޭ ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި، މި ކާމިޔާބީން ހާމަވެގެން ތިޔައީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިތުބާރު ރާއްޖެއަށް ލިބިފައިވާކަމަށެވެ.
މިއީ ރާއްޖެއިން އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އދގެ އާންމު މަޖިލީހުގެ ރައީސްކަން އަދާކުރާ ސާކްގެ ހަވަނަ ގައުމެވެ. ސާކްގެ ގައުމުތަކުގެ ތެރެއިން އދގެ އާންމު މަޖިލީހުގެ ރައީސްކަން މިހާރު އަދާނުކޮށް އޮތީ ނޭޕާލް އަދި ބޫޓާނެވެ.
Top of Form