މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ގާޑިޔަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާ ބުނީ އޭނާ ފިލައިގެން ނޫޅޭކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއީލް ޔަޒްދާނަށް ވަނީ ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.
ގަލޮޅު، ހުވަފެނީ ގޯޅީގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ގާޑިއަލެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓް ވި އިރު ސައިކަލް ދުއްވަން އިނީ އަހްމަދު އާތިފް އަބްދުﷲ އެވެ.
މި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން އާތިފް ވަނީ ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް އެތަނަށް ދޫކޮށްލައި ގޮސްފަ އެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެގައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. އެކްސިޑެންޓުގައި މަރުވީ އޭނާގެ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ފިލާފައި ނުވާނެ ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ.
އާތިފް ބުނީ އޭނާގެ ތިން މަހުގެ ތުއްތު ކުއްޖަކު އޮންނަ ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިފިނަމަ އެކުއްޖާއަށް އަޅައިލާނެ މީހަކު ވެސް ނުހުންނާނެ ކަމަށެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 10 ދުވަސް ދީފަ އެވ. އެކްސިޑެންޓަށް ފަހު އެމްބިއުލާންސްގައި ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ބައެކެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅިގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ.