ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp

 

 

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރަފް ކުރި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ.

މި އިނާމަށް އަމިއްލައަށް ނަން ހުޅަހެޅުމުގެ ފުރުސަތާއި މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނަންހުޅަހެޅުމުގެ ފުރުސަތު އޮވެއެވެ.

ރައީސް އޮފީހުން ބުނީ މި އިނާމަށް ނަން ހުށަހެޅޭނީ އެ އޮފީހުގެ ޕޯޓަލް މެދުވެރިކޮށްގެންނާއި، ވަކިން ފޯމު ހުށަހަޅައިގެންކަމަށެވެ. އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން  ޑައުންލޯޑް ކުރެވޭނެއެވެ.

ރައީސް އޮފީހުްނ ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނީ، މިއަދުން ފެށިގެން އޮގަސްޓު 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ، ޖުލައި 1 އިން ފެށިގެން  އޮގަސްޓު 12 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީން ބަލާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ހިމެނެއެވެ.

އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބަލާނެއެވެ. އަދި އެއާއެކު އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީން ކުރެއެވެ.

​އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ.

އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއްކަމުގައިވާންޖެހޭނެ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.

އަދި އެފަރާތަކީ ކޮރަޕްޝަންގެ އެއްވެސް ދަޢުވާއެއް އުފުލިފައިވާ މީހެއްކަމުގައި ވެގެނެއް ނުވާނެއެވެ. އަދި މީގެ އިތުރުން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހްގީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާއި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު އާ ހިލާފުވެފައިވާ މީހެއްކަމުގައި ނުވުން ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް