މިހާރު ފެންނަމުން ދަނީ އިންޑިއާ ކޮވިޑް-19 ގައި ބަރުވަމުންދާތަނެވެ. ހުކުރު ދުވަހުވެސް 332،730 މީހުން ބައްޔަށް ފައްސިވިއެވެ. އަދި ދެހާހަށްވުރެ މީހުން މަރުވިއެވެ. އޭގެ ކުރީ ތިން ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ގައުމުގެ ތިންލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އަދި ކޮންމެ ދުވަހަކު ދެހާހަށް ވުރެ ގިނައިން މަރުވެފައި ވެއެވެ.
އިންޑިއާގައި ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރި މުޅި ގައުމު ބަރުބާދުވަމުންދާތީ އެކި ގައުމުތަކުން ދަނީ އިންޑިއާއަށް އޯގާތެރިކަމުގެ އަތެއް އެހީތެރިވުމަށް ހުށަހަޅަމުންނެވެ.
އިންޑިއާއިން ގިނަ އަދަދަކަށް ވެކްސިން އުފައްދައި ދީލަތިކަމާއެކު އެކުވެރި ގައުމުތަކަށް ވެކްސިން ބަހައިހެދިކަމަށް ވިޔަސް ގައުމުގެ ރައްޔިތުންނަށް ބޭނުންވާވަރަށް އިންޑިއާގައި ވެކްސިން މިދުވަސްވަރު
ނުއުފެއްދެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިންޑިއާއަށް ބޭނުންވެފައިވާ ކަންތައްތައް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ބައިޑެންގެ ސަރުކާރުން ވަނީ އިންޑިއާއަށް ބޭނުންވާ ބޭސްވެރިކަމުގެ ސާމާނު އިންޑިއާއަށް ދިނުމަށް ނިންމާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު އެޗް އޯއިން ވެސް ވަނީ އިންޑިއާއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހުރިހާ ދަތި ތަކެއް ކުރިމަތިވެފައިވަނިކޮށް މުމްބައިއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއްކަމުގައިވާ ވިވާރުގެ ވިޖޭ ވައްލާބު ހޮސްޕިޓަލުގެ އައިސީޔޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކޮވިޑް-19 ޖެހިގެން އެނދުމަތިކޮށްފައިވާ 15 މީހަކު ވަނީ ހުކުރު ދުވަހު މަރުވެފައެވެ.
އިންޑިއާގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ ވެފައިވާއިރު، ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަނާއި އެނދުތަކާއި އެމްބިއުލެންސް ފަދަ ތަކެތި ނުލިބި ސިއްހީ ޚިދުމަތުގެ ދޯދިޔާކަން ދަނީ އިންތިހާއަށް ފާޅުވަމުންނެވެ. އެހެންވެ ހެއުއެދޭ ގައުމުތަކުން އެހީވާން ތައްޔާރަށް ތިބިކަން ދަނީ ހާމަކުރަމުންނެވެ.
އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ޠޫފާނުން އެ ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް އެހީތެރިވާން ހުށަހާޅަފައިވާ ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ޗައިނާއާއި ޕާކިސްތާނުގެ އިތުރަށް އޮސްޓްރޭލިއާ އާއި ފަރަންސޭސިވިލާތް ވެސް ހިމެނެއެވެ.
ޕާކިސްތާނުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މުޅިދުނިޔެއަށް މަޝްހޫރު އީދީ ފައުން ޑޭޝަނުން ވަނީ 50 އެމްބިއުލެންސާއި ކަމަށް ބޭނުންވާ މީހުން އިންޑިއާއަށް ފޮނުވައިދިނުމަށް އެދި ހުށަހަޅާފައެވެ.
އިންޑިއާގައި މުޅި ދުނިޔެ ކަންބޮޑުވާންޖެހޭ މިންވަރަށް ކޮވިޑް-19 ފެތުރި މީހުން މަރުވަމުންދަނީ ގައިދުރުކަމެއް ރައްކާތެރިވުމުގެ ފިޔަވަޅެއް އެޅުމެއްނެތި ސަރުކާރުން ސިޔާސީ ކެމްޕޭނުތައް ބޭއްވުމާއި ދީނީ އެއްވުންތައް ބޭއްވުމުގެ ސަބަބުން ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
One Response
ވެކްސިންގެ އެންމެ ބޮޑު ފެކްޓަރީ ހުށްޓަސް ބޯބުރާންތި ފެނެޓިކް ސަރުކާރެއް އޮތުމުން ރައްޔަތުންނަށް ވާނޭ ފައިދާއެއްނެތް. ވަރަށް ދެރަ. އަހަރެމެންގެ ހެޔޮދުޢާ އިންޑިއާއަށް. އިރާދަކުރެއްވިއްޔާ އަވަސް ޝިފާއެއް.