މާޗު މަހުގެ އެންމެ ފަހު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބައެއް އަޑުއަހާލުމުން ހީވީ އެދުވަހުގެ ޖަލްސާއަކީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް އެމްޑީޕީގެ ޖަގަހައެއްގައި ބޭއްވި އެންޓި ކެމްޕޭނު ޖަލަސާއެއް ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓުތައް ދިނުމާ ގުޅޭ ގޮތުން، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާއެކެވެ.
އެޖަލްސާގައި ވާހަކަފުޅުދެއްކެވި ބޭފުޅުން މައިގަނޑު ގޮތެއްގައި ކުރެއްވި ކަމަކީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވާހަކަފުޅު ދެއްކެވުމެވެ. އެ ޖަލްސާގައި އިވިގެން ދިޔައީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކެމްޕޭނު ކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުން އެމްޑީޕީގެ ކެމްޕޭން ޖަގަހައެއްގައި ދައްކަވަމުން ގެންދަވާ ފާޑުފާޑުގެ ވާހަކަފުޅުތަކުގެ އަޑެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ. ”މި ދަނޑިވަޅުގައި އަޅުގަނޑު ރައްޔިތުން ކައިރީގައި ދަންނަވާލަން ބޭނުންވަނީ، ހުރިހާ ބޭފުޅުން އެއްކޮށް ނުކުންނަވައި ތިލަފަތަށް ވޯޓު ޖައްސަވާށޭ!“
މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވިއެވެ. ”އަޅުގަނޑު ހަމަ މި ވަގުތު ހަމަ ދިވެހި ރައްޔިތުންނަށާއި ޚާއްޞަކޮޮށް މާލޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހަމަ އާދޭހާއެކު ދަންނަވަން. ގޯހެއް ނުހައްދަވައްޗޭ! އެއްވެސް ވަރަކަށް ގޯހެއް ނުހައްދަވައްޗޭ“
މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވިއެވެ. ”އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނުބުނާނަން. މުޢިއްޒަށް ވޯޓު ދޭށެކޭ ވެސް. ވޯޓު ދޭނެ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއީ މާލޭގެ ރައްޔިތުން ހާލުގައި ޖައްސާފައި އޮތީމަ.“
މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވިއެވެ. ”އަޅުގަނޑަކީ މާލެއަށް ވޯޓުލާ މީހެއް. މުޢިއްޒަކަށް ނުދޭނަން އަޅުގަނޑު ވޯޓެއް. އަޅުގަނޑު ހަމަ ހުރިހާ މާލޭ ރައްޔިތުން އަރިހުން އެދެން މުޢިއްޒަށް ވޯޓު ނުދޭން.“
މަޖިލީހުގެ އެހެން މެންބަރަކު ފްލެޓުތަކުގެ ކެޓަގަރީތައް ކަނޑައަޅާފައިވާ ގޮތުން، ސޯޝަލް ހައުސިން އަކީ ކޯއްޗެއްކަން ޑރ. މުޢިއްޒަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވިއިރު، ޑރ. މުޢިއްޒަކީ އެ ދާއިރާއިން ދުނިޔޭގައި ކިޔަވާ އެންމެ މަތީ ފެންވަރަށް ކިޔަވާ ވިދާޅުވެ ވަޑައިގެން ހުންނެވި ބޭފުޅެއްކަން އެނގިވަޑައިނުގަތެވެ.
މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި ގަރާރުތަކާ ބެހޭ ގޮތުން ވާހަކަދައްކާއިރު މައުޒޫއާ ނުގުޅޭ ވާހަކަ މެންބަރުން ދައްކަވައި ކަމާނުބެހޭ އަދި މަޖިލީހުގައި ނުވެސް ނެތް މެންބަރުންނަށް ”ބެވުމަކީ“ މަޖިލީހުގައި ވަރަށް އާންމު ކަމެކެވެ. މަޖިލީހުގެ ރައީސަށް، ރިޔާސަތުގައި ތިއްބަވާ ބޭފުޅުންނަށް އެކަން ކޮންޓްރޯ ނުކުރެވިގެންދާތަން ފެނެއެވެ.
ޤާނޫނުއަސާސީގައި ކަނޑައެޅިގެން ލިޔެފައިވެއެވެ. ”އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކުރައްވައިގެން ނުވާނެއެވެ.“
މަޖިލީހުގެ މެންބަރުންނަށް ގާނޫނުއަސާސީގައި ލިބިދީފައިވާ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން މަޖިލީހުގެ ބައެއް މެންބަރުން ނާޖާއިޒު ފައިދާ ނަންގަވަމުން ގެންދަވާކަމީ ވަންހަނާވެފައިވާ ކަމެއްނޫނެވެ.
ޑރ. މުޢިއްޒު މާލޭގެ ތަރައްގީއަށް ކަމެއް ނުކުރައްވައޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާއިރު ފާއިތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މާލެއަށް އައިސްފައިވާ ޒަމާނީ ތަރައްގީގެ ފަހަތުގައި ތިއްބެވީ ރައީސް ޔާމީނާއި ޑރ. މުޢިއްޒުކަމަށް ތާރީޚު އެބަ ހެކިވެއެވެ. އޭގެ ކުރިއަށް ބަލާއިރު ރައީސް މައުމޫންގެ ޚިދުމަތްތައް ގިނަގުނައެވެ.
ސިޓީ ކައުންސިލުގައި މިހާރު އޮތީ އަދި ކުރިން ވެސް އޮތީ އެމްޑީޕީގެ އަޣުލަބިއްޔަތެވެ. ސިޓީ ކައުންސިލްގެ ރައީސްކަން ނުވަތަ މާލޭގެ މޭޔަރުކަން ކުރީން ކުރެއްވީ އަދި މިހާރު ކުރައްވަމުން ގެންދަވަނީ ވެސް އެމްޑީޕީގެ ބޭފުޅުންނެވެ. ކަމެއް ނުކުރެވުމުން އިލްޒާމު އަޅުވަން ޖެހެނީ ޑރ. މުޢިއްޒުގެ އިސްތަށިފުޅުގައެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ފުރަހަނި ޝުޢައިބު ޢަލީ ވަނީ ކައުންސިލް އިންތިޚާބުގައި ޑރ. މުޢިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.
ޝުޢައިބު ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިޔާ ކަމަށާއި މާލޭ ރައްޔިތުންނަށް ވެސް އެންމެ ބޮޑަށް އަނިޔާވެރިވީ ނަޝީދު ކަމަށެވެ.
ޝުޢައިބު ވިދާޅުވީ އަންނި (ކުރީގެ ރައީސް ކެނެރީގޭ ނަޝީދު) އަޑަށް ބާރުލައްވާފައި ތިމަންނައޭ މާލޭ މީހަކަށް ކަމެއް ކޮށްދޭނީ އެބަ ވިދާޅުވާ ކަމަށެވެ.
”ކަމެއް ކޮށްދެވެންޏާ މިއަދު ކަމެއްކޮށްދެވިފައެއްނޫންތޯ އޮންނާނީ.“ ޝުޢައިބު ވިދާޅުވިއެވެ. ”މާލޭގެ ރައްޔިތުންނަށް ނިކަމެތިކަން ލިބި އަނިޔާ ލިބެމުންދާތާ އެތައް އަހަރުތަކެއް ވެގެން ހިނގައްޖެ.“
އެމްޑީޕީވެސް ދެ ދައުރެއްގައި ފަސް އަހަރު ވެރިކަން ކޮށްފިއެވެ. ގެނައި ތަރައްގީ ދުރުމީއެއް ނޭޅިއަސް ފެންނަން ޖެހޭނެއެވެ.
ގާނޫނުގައި ކަނޑައެޅިގެން ބުނަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށެވެ. އަދި އެހެން ކެންޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެކަމަށެވެ.
ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަކަމެއް އެހެން ފަރާތަކުން ކުރާނަމަ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އެކަމެއް ހުއްޓުވައިދިނުމަށް އެކޮމިޝަނުގައި އެދުމުގެ ހައްގު އެ ކެންޑިޑޭޓަކަކަށް ލިބިގެންވެއެވެ. އަދި އެލެކްޝަންސް ކޮމިޝަނުން ލަސްނުކޮށް އެ މައްސަލައެއް ބަލައި އެކަމާމެދު ވަގުތުން ފިޔަވަޅު އަޅަންވާނެކަމަށް ގާނޫނުގައި އެބަ ބުނެއެވެ.
އެމްޑީޕީގެ މެންބަރުން ރައްޔިތުން މަޖިލީހުގައި ވެސް އަދި އެހެން ތަންތަނުގައި ވެސް ޑރ. މުޢިއްޒާ ދެކޮޅަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އެންޓިކެމްޕޭން ކުރައްވަމުންނެވެ.
އެމްޑީޕީގެ މެންބަރުން ޑރ. މުޢިއްޒާ ދެކޮޅަށް ދައްކަވާ ވާހަކަތަކަކީ އެންޓި ކެމްޕޭން ކުރުން ކަމަށް ޕީޕީއެމް-ޕީއެންސީން ބުނިކަމަށްވިޔަސް އިލެކްޝަން ކޮމިޝަން ވަނީ އެކަން ހުއްޓުވުމަށް ނުކުޅެދިފައެވެ.
މާޗު މަހުގެ އެންމެ ފަހު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަޑުއަހާލުމުން ހީވީ ހަމަ ޖަލްސާއަކީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޢިއްޒާ ދެކޮޅަށް އެމްޑީޕީގެ ޖަގަހައެއްގައި ބޭއްވި އެންޓި ކެމްޕޭނު ޖަލަސާއެއް ހެންނެވެ. ނަމަވެސް އެއީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ބޭއްވި ޖަލްސާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްކަމަކު، ތަންކޮޅެއް ބޮޑުވަރެވެ. ހަމައިގައި ނެތް ބަޔަކު ހަމައިގައި ނެތަސް ގައުމު އޮތީ ހޭލައެވެ.
One Response
އެދުވަހު ފެނިގެންދިޔައީ ލަދުވެތި މަންޒަރެކެވެ. ދިވެހިރާއްޖޭގެ ގާނޫނުތައް ހެދުމުގެ މަތިވެރި މަސްއޫލިއްޔަތު އަޅުވާފައިތިބި މެމްބަރުންގެ ކިބައިން އެފަދަ އަމިއްލަ ގޮތްގަނޑު ފެނުން އެއީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.