ޔޫކޭގައި ވެކްސިން ޖެހުމުގެ އިންތިޒާމުތައް ކާމިޔާބުވީ ކެޕިޓަލިޒަމް އާއި ދަހިވެތިކަމުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ. އަދި ވެކްސިން އަވަސް މުއްދަތެއްގައި ތައްޔާރުކޮށްދިން ކަމަށްޓަކައި އެ ގައުމުގެ ސިއްހީ މާހިރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ބޮރިސް ޖޯންސަން މިހެން ވިދާޅުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޒޫމް މީޓީންއެއްގައި ކަމަށް އެ ގައުމުގެ ނޫސް މަޖައްލާއެއްކަމުގައިވާ ސަން ނިއުސްގައި ހާމަކޮށްފައިވެއެވެ. މި ބައްދަލުވުމަށް ހާޒިރުވެ ތިއްބެވީ ކޮންޒަވެޓިވް ޕާޓީގެ މެންބަރުންނެވެ.
ޖޯންސަން މިހެން ވިދާޅުވުމާ ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުންތައް ދަނީ ބޮޑުވަޒީރުގެ ވާހަކަފުޅަށް އަމާޒުވަމުންނެވެ. ޓްވިޓާރގައި ގިނަބަޔަކު ވަނީ ބޮޑުވަޒީރުގެ ވާހަކަފުޅަށް ނުރުހުން ފާޅުކޮށްފައެވެ. އިދިކޮޅު ޕާޓީގެ މެމްބަރެއްކަމުގައިވާ އޭންޑީ ބާންހޭމް ކުރެއްވި ޓްވީޓްއެއްގައި މިފަދަ ދުވަސްވަރެއްގައި ދަހިވެތިވުމަކީ ފަޚުރުވެރި ވާންވީ ކަމެއް ނޫންކަމަށް ވިދާޅުވެ ބޮޑުވަޒީރުގެ ވާހަކަފުޅަށް އޭނާ ފާޑުވިދާޅުވެފައިވެއެވެ.