އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

Loading

November 13, 2026
profile
Facebook
Twitter
WhatsApp
Scam Alert Warning with Cybersecurity Icons. Man holding smartphone while using laptop, warning sign for scams with icons online threats, phishing, cybersecurity, Unknown person, suspicious scammer,

އޯޓީޕީ ހޯދައިގެން އީ-ސިމަށް ބަދަލުކޮށް، ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ފާއިތުވި މަސްދުވަހަށް ބަލާއިރު ތަޙުޤީޤުތަކުން ދައްކާގޮތުގައި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީޢާއިން އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

މިގޮތުން މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އޭނާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެ މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި އުޅެފައި ދާދިފަހުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން (ރިކަވަރ ކުރަން) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މިފަދަ ހާލަތްތަކުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

  • އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކުތައް ހިއްސާ ނުކުރުން.
  • ގުޅާ މީހާ ދައްކާ ވާހަކަ ކަށަވަރުކުރުން.
  • މޮބައިލް ފޯނުގައިވާ ނެޓްވޯރކް ގެއްލިއްޖެނަމަ އަަވަހަށް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅައިގެން އެކަން އެންގުން.
  • ޝައްކުކުރެވޭ އިތުރު ކަމެއް ދިމާވެއްޖެނަމަ (ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބުން، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ) އިމަޖެންސީ ނަންބަރު 911 އަށް ގުޅައިގެން ހިއްސާކުރުން.

އިންޓަރނެޓް މެދުވެރިކޮށް ހިންގާ މިފަދަ މާލީ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމުގައި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މަޢުލޫމާތުތައް އިތުރު ފަރާތްތަކާ ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް