އިސްލާމީ ޚިލާފަތު އުވާލެވުނުތާ 100 އަހަރު ފާއިތުވެ ދިއުން.

Loading

Facebook
Twitter
WhatsApp

27 ރަޖަބް 1342 ވަނަ ދުވަހަކީ ފާއިތުވީ 14 ޤަރުނުގެ ތެރޭގައި އިސްލާމީ އުއްމަތަށް ކުރިމަތިވި އެންމެ އަނދިރި ދުވަހެވެ. ސައްޔިދުނާ އަބޫ ބަކުރު އައްޞިއްދީޤް ރަޟިއަﷲ ޢަންހު މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނު ދުވަހުން ފެށިގެން މިދުވަހާއި ހަމައަށް މިއުއްމަތުގެ އެންމެހައި މުސްލިމުތަކުންގެ މައްޗަށް ޢަމުރު މަޢުރޫފު ހިންގާނޭ ވެރިޔަކުނެތް ދުވަހެއް ނުދެއެވެ.

ބައެއް ވެރީންނަކީ ރައްޔިތުންނަށް އޯގާތެރި، ދީނުގެ ޙުކުމްތަކަށް ފަރުވާ ބެހެއްޓެވި މަތިވެރި ވެރީންނެވެ. އަނެއްބައި ވެރީންނަކީ އަނިޔާވެރި ޚުދުމުޚްތާރު ވެރީންނެވެ. ބައެއްފަހަރު ވެރިކަމާއި ދެކޮޅަށް ބަޣާވާތްކުރުމާއި ހަނގުރާމަ ހިނގާފައިވެއެވެ. އެހެނެއްކަމަކު އުއްމަތުގެ ވެރިކަން ފިލައި ގޮސްފައެއް ނުވެއެވެ. މުއުމިނުންގެ އަމީރަކު، އެމީހުންގެ ކަންކަމުގައި ބަސްކިޔާނޭ ވަލިއްޔުލް އަމްރަކު ނުހުންނަ އިރެއް ނެތެވެ.

ފާއިދުވެދިޔަ 14 ޤަރުނުގެ އިސްލާމީ ތާރީޚުން މިކަން ސާބިތުވާން އެއޮތީ ފެންނާށެވެ.

މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި ޚުލަފާއުއްރާޝިދޫންގެ މަތިވެރި ހަތަރު ޚަލީފާއިންގެ ވެރިކަމެވެ. އެއަށްފަހު އުފެދިގެންދިޔަ ވަރުގަދަ އުމަވީ ޚިލާފަތެވެ. ޢައްބާސީ ޚިލާފަތް މިއުއްމަތަށް ދެއްކި ތަހުޒީބާ ތަމައްދުންގެ ރަންޒަމާނެވެ. އެއީ އިންސާނިއްޔަތަށް ދިރުންގެނެސްދިން ޢިލްމާއި ސައިންސްގެ މަތިވެރި ޙަޟާރަތެކެވެ. ތަތާރުން ބަޣްދާދު ތަޅައިލުމަކުން އިސްލާމީ ވެރިކަން ނައްތައެއް ނުލެވުނެވެ. މަމްލޫކުންނާއި ސަލްޖޫކުންނާއި އަދި އެންމެފަހުން ޢުޘްމާނީން ދިޔައީ މެދުކެނޑުމެއްނެތި އުއްމަތުގެ ވެރިކަން ދަމަހައްޓަމުންނެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު މުޞްޠަފާ ޢަލަހިއްޞަލާތު ވައްސަލާމް މަދީނާއަށް ހިޖުރަ ކުރައްވައި ޤާއިމުކުރެއްވި އިސްލާމީ ދައުލަތް ރޫޅި ދުނިޔޭގައިއޮތް އިސްލާމުންގެ ފަޚްރުވެރި ވެރިކަން ޙީލަތްތެރި ރޭވުމެއްގެ ތެރެއިން އުވިގެން ދިޔަތާ ހިޖުރީ ގޮތުން އެއްޤަރުނު ފާއިތުވެގެން މިދިޔައީ 27 ރަޖަބު 1442 ވަނަ ދުވަހުއެވެ. މީލާދީ ތާރީޚުން ހިސާބުކުރާނަމަ ސަތޭކަ އަހަރު ފުރޭނީ 2024 ވަނަ އަހަރުގެ މާރޗް 3 ވަނަ ދުވަހުއެވެ.

ދުނިޔޭގެ ފަހުގެ ތާރީޚުގައި މުޅިދުނިޔޭގެ ވެރިކަން އެންމެ ގިނަޒަމާނަކަށް ވެރިކަންކުރި މުސްލިމުންގެ ފަޚްރުވެރި ވެރިކަން ނިމިގެންދިޔަ ހިތާމަވެރި ޙާދިސާގައި ވިސްނާ ބަޔަކަށް ޢިބްރަތުން ފުރިގެންވާ ފިލާވަޅުތަކެއް އެކުލެވިގެންވާކަން ކަށަވަރެވެ. މިހިތްދަތި ނިމުން މެދުވެރިވި ސަބަބުތައް ދިރާސާކޮށް އެކަން ހިނގައިދިޔަ ގޮތާއިމެދު ފިކުރުކުރުމަކީ މުސްތަޤްބަލު ހެޔޮގޮތުގައި އަލުން ބިނާކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ތުރުކީވިލާތުގައި ވެރިކަންހިންގުނު މުސްލިމުންގެ މަޝްހޫރު ޢުޘްމާނީ ޚިލާފަތު ނެތެންމެދުވެރިވީ ހަމަކުއްލިއަކަށް ނޫނެވެ. އެހެންނަމަވެސް އެއީޒަމާންތަކެއް ވަންދެން ވެރިކަމުގެ ފަރާތުންނާއި ދީނުގެ ޢިލްމުވެރިންގެ ފަރާތުން ވެވިފައިވާ އިހުމާލު ތަކެއްގެ ނަތީޖާއެވެ.

ޚިޔާނާތާއި ބޭވަފާތެރިކަމުގެ ނަތީޖާއެވެ. ދީނާއި ދުރަށްދިއުމާއި ޢިލްމު ކުރިއެރުވުން ހުއްޓައިލުމުގެ ނަތީޖާއެވެ. ދައުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ވެރިކަމުގެ ފަރާތުން ބޭނުންކުރުމާއި، މުސްލިމުންގެ އިޤްތިޞާދު ބަލިކަށިވުމާއި، އުއްމަތުގެ ޢަދުއްވުންނާއި ދުނިޔޭގެ އެހެން ވަރުގަދަ ބާރުތަކުގެ މަތީން ހަނދާން ނައްތައިލައި މުސްލިމުންގެ މަސްލަޙަތާއިމެދު ފަރުވާކުޑަކުރުމުގެ ނަތީޖާއެވެ. ދުނިޔޭގެ އެހެން ޙަޟާރަތްތައް ކުރިއަރައި، ޚާއްސަކޮށް ހުޅަނގުދުނިޔޭގެ ޤައުމުތައް ޢިލްމާއި ސައިންސްގެ ރޮނގުން ކުރިއަރައިގެން ދިޔައީ އަދި މިލިޓަރީ ރޭހުން އިސްލާމީ އުއްމަތް ފަހަތަށް ސޮއްސާލީ މާޒީގައި ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބުގެ މައްޗަށް ބޮޑާވެ ޣާފިލުވުމުގެ ސަބަބުންނެވެ.

މުސްލިމުންގެ މައްޗަށް ޝަރުޢު ކުރައްވާފައިވާ ޖިހާދުގެ މަތިވެރި އަޅުކަން ދޫކޮލުމާއި، ދުނިޔޭގެ އަރާމާއި ލައްޒަތަށް ދަހިވެތިކަން ބޮޑުވުމުންނެވެ. އެހެންބަޔަކު ތިމާމެންނަށްވުރެ ކުރިއަރައި ބާރު ގަދަވެދާނެކަމަށް ލަފާކޮށްލާން ނޭނގުމީ ޢިލްމީ ގޮތުން އިސްލާމީ އުއްމަތް ފަހަތަށް ގޮސްފައިވާ މިންވަރު ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ޢިލްމާއި ސައިންސް ފުޅާކުރުމާއިމެދު ޢިލްމުވެރިންނާއި ދައުލަތުންވެފައިވާ ބޮޑު އިހުމާލެވެ. ޢިލްމު ކުރިއެރުމުގެ އެންމެ މުހިންމު އިސްލާމީ މަންހަޖުކަމަށްވާ އިޖްތިހާދުކުރުމުގެ މެތޮޑޮލޮޖީ އިސްލާމީ މަދަރުސާގެ މުޤައްރަރުން ފުހެލުމެވެ. މިމަތިވެރި އުސްލޫބު ނައްތާލުމުގެ ނަތީޖާއެއްގެގޮތުން ދުނިޔެ ތަޢުމީރު ކުރުމުގެ ޢިލްމު އެއީދީނާ ބީރައްޓެހި (ސެކިއުލާރ) އެއްޗެއްގެ ގޮތުގައި ބެލެވި، އެއީދީނުގެ ނިޒާމުން ބޭރު ބައެއްކަމަށް މީސްތަކުންނަށް ޤަބޫލުކުރެވޭ މިންވަރަށް ޢިލްމުވެރިންގެ ވިސްނުން ކޮށިވެގެން ދިޔަކަން އެނގެއެވެ. ޓެކްނޮލޮޖީގެ ކުރިއެރުމަކީ ދީނާއި ގުޅުމެއްނެތް ބީރައްޓެހި އެއްޗެއްކަމަށް ދީނުގެ ދަންނަބޭކަލުންނަށް ޤަބޫލުކުރެވުން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ގަދައަޅައި ޢިލްމުކުރިއަރުވައި އިސްލާމީ އުއްމަތް އިސްލާޙުކުރުމަށް މަސައްކަތް ކުރެއްވި އަގުހުރި އިސްލާމީ ޢިލްމުވެރީންނާއި މުފައްކިރުން މަދުން ނަމަވެސް ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

މުސްލިމުންގެ ޢަދުއްވުން ޚާއްސަކޮށް ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން އިސްލާމީ ދުނިޔެ އެމީހުންގެ މުށުތެރެއަށް ލުމުގެ ނުރައްކާތެރި ރޭވުންތައް ރާވަމުންގެންދިޔަކަން ނޭނގުނީ ޚިލާފަތުގެ ވެރީން ޣާފިލުކަމުގެ ގަދަނިންޖަކުން ނިދާފައި ތިބުމުންކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. މުސްލިމް އިންޑިއާ އިނގިރޭސި ރަސްކަމުގެ ދަށަށްގެނެސް، މުޅި އިންޑިއަން ސަބްކޮންޓިނެންޓްގައި އިނގިރޭސީންގެ އަޅުވެތިކަމުގެ ވަކިހިއްޕާލިއެވެ. މިސްރާއި އަލްޖީރިއާ، ފްރާންސްގެ އިސްތިޢުމާރީ ބާރުތަކުން އަޅުވެތި ކުރުމާއި، ޙިޖާޒުގައި އޮތް އުސްމާނީ ވެރިކަމުގެ ސަރަޙައްދުތައް ވީދައި ކުދިކުދިކޮށްލުމުގެ ޢަމަލީ މަސައްކަތްތައް ހިނގަން ފެށިއިރު ޚިލާފަތުގެ ބާރު އޮތީ ކެނޑިފައެވެ.

ތުރުކީގެ އެތެރެ ގަޑުބަޑުކުރުމާއި، ޔޫރަޕްގެ ސަރަޙައްދުގައި އޮތް އިސްލާމީ ދައުލަތުގެ ބާރުތައް ނައްތާލުމުގެ ރޭވުންތައް އިނގިރޭސީންނާއި ޖަރުމަނުވިލާތާ ރޫސީންނާއި އެހެނިހެން ބާރުތަކުން ހިންގަމުންގެންދިޔައިރު އުއްމަތުގެ ވެރީންގެ ޙާލާއިމެދު ރައްޔިތުން ހަމްދަރުދީވާވަރަށް އެވެރީން ނިކަމެތިވެފައިވާކަން ފާހަގަ ކުރާންޖެހެއެވެ.

ފައިސާއާއި ނުފޫޒުގެ ބާރުން މުސްލިމުންނާއި ގުޅުމެއްނެތް ބޮޑު ހަނގުރާމައެއްގެ ތެރެއަށް، އާދެ، ފުރަތަމަ ބޮޑުހަނގުރާމައިގައި ޢަމަލީގޮތުން މުސްލިމުންގެ ނަމުގައި ޢުޘްމާނީ ޚިލާފަތުން ބައިވެރިވެ، ހަނގުރާމައިގައި ނަގަން ނުޖެހޭ ކޮޅެއް ނެގުމުގެ ނަތީޖާއެއްގެ ގޮތުން، ހަނގުރާމަ ނިމިގެން ދިޔައިރު މުސްލިމުންގެ ބިންތައް ގެއްލި ޙަޟާރަތު ފުނޑުފުނޑުވެގެން ދިޔައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނުވިލާތާއި އުސްމާނީން ބަލިވުމުގެ ނަތީޖާ ވެގެންދިޔައީ އިނގިރޭސީންގެ ބާރު އިހުނަށްވުރެ ގަދަވެ، ބަޣްދާދާއި މިސްރުފަދަ މުހިންމު އިސްލާމުންގެ ސަރަޙައްދުތައް މުސްލިމުންގެ އަތުން ބީވެގެން ދިއުމެވެ.

ފަލަސްޠީނުގެ މުޤައްދަސް ބިން ގަދަބާރުން ދަމައިގަތުމެވެ. ތަނުގެ ވަޒަންވެރިން ރަށުން ބޭރުކޮށް ބިދޭސީ (ޔޫރަޕްގެ) ޔަހޫދީންގެ އަތްދަށް މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ދިއުމެވެ. މަކަރުވެރި ރޭވުމެއްގައި ޖަހާފައިވާ މަޅިފަތިތަކެއްގައި ޚިޔާނާތްތެރީންތަކެއް ޖެހި ސަލާމަތް ނުވެވޭވަރަށް ބަނދެވުމުގެ ސަބަބުންނެވެ.

އިސްލާދީނުގެ ހިދާޔަތުގެ ރޫނުން މާތް މުޙައްމަދު ނަބިއްޔާ ފޮހެލެއްވި ”ވަޠަނިއްޔަތާއި ޢަޞަބިއްޔަތު“ މުސްލިމުންގެ މެދުގައި އާލާކޮށް ވަކިއިންތިޒާމެއްގެ ދަށުން ދިރުވައި، ޤަބީލާތަކެއްގެ މައްޗަށް މުސްލިމް އެމްޕަޔަރ ފޮތިފިތިކޮށް ކުދިކުދި އަމިއްލަ ވެރިކަންތަކެއް ޤާއިމްކޮށްދޭނޭކަމުގެ ހުވަފެން ދެއްކުނެވެ. ޢަޤީދާއެއްގެ މައްޗަށް އުފެދުނު ބިޔަބޮޑު ދައުލަތުގެ އިސްލާމީ އައިޑެންޓިޓީ ގެއްލި ނަސްލީގޮތުން ޤަބީލާތަކަކަށް ބަހާލެވުނު ކުދިކުދި ސަރަޙައްދުތަކެއްގެ ގޮތުގައި ވަޠަނީ ސަރުކާރުތަކެއް ޤާއިމުކުރީ، ދުވަހެއްގައިވެސް އަލުން އެކުވެރިވެ ނުގުޅޭނޭ ނިޒާމެއްގެ ތެރެއިން، ޚާއްސަކޮށް އަރަބިން އަބަދާއި އަބަދުމެ ދެބަސްވެ ލޭ އޮހޮރުވާނޭ ގޮތްތަކެއްގެ މައްޗަށް ޢަރަބި ބައްރުގައި ގަޅިއަޅައި ޒަޚަމްކޮށްލުމަށް ފަހުގައެވެ.

މުސްލިމުންގެ ބިންތައް ބަހާނޭގޮތުގެ މަޝްވަރާކޮށް އިނގިރޭސީންނާއި ފަރަންސޭސީންގެ މެދުގައި ޤާއިމުކުރެވުނު މަޝްހޫރު ސައިކް އެންޑް ޕީކޯ އެއްބަސްވުމުގައި 1916 ވަނަ އަހަރު މެއި މަހު ސޮއިކުރިއި މުސްލިމުންގެ ވެރިކަން އޮތީ އަމިއްލަ ދިފާޢުގައި ހެލިނުލެވޭ ވަރަށް ނިކަމެތިވެފައެވެ. އޭގެ އެއްއަހަރު ފަހުން 1917 ވަނަ އަހަރު ބެލްފޯ ޑެކްލަރޭޝަންގައި ސޮއިކުރިއެވެ. މުސްލިމުންގެ އަތުން ފޭރިގަނެފައިވާ ފަލަސްޠީނު މުޤައްދަސް ބިން ޒަޔަނިސްޓް ޔަހޫދީންނަށްދިން ހަދިޔާއެއްގެ ގޮތުގައި އިނގިރޭސި ތަޚްތުން ވެދުމަށް އެރުވިއެވެ.

އިނގިރޭސީންގެ އެހީތެރިކަމާއިއެކު 1916 ގައި އޭރުގެ މައްކާގެ ޝަރީފް ޙުސައިން ބިން ޢަލީ އިސްވެހުރެ އުސްމާނީ ޚިލާފަތާއި ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ ޚިލާފަތުގެ ބެލުމުގެ ދަށުގައިއޮތް މުސްލިމުންގެ އެންމެ މުހިންމު ދެޙަރަމްފުޅު ބީވެ، ފަހުން ސުޢޫދުގެ ދަރީންގެ މިލްކެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ ނަމުގައި އިންފާރު ވަކިވެފައިވާ ވަކި ދައުލަތެއް އުފެދިގެން ދިޔައެވެ.

ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގެ އެހީތެރިކަމާއިއެކު ތުރުކީގެ އެތެރޭގައި ހަމަނުޖެހުމާއި ގަޑުބަޑު އުފައްދައި، ޚިލާފަތެއް ބޭނުންނުވާކަމަށާ ތުރުކީއަށް ބޭނުންވަނީ ސެކިއުލަރ ޖުމްރޫރިއްޔާއެއްކަމަށް ބުނެ، ޑިމޮކްރަސީގެނަމުގައި ތުރުކީގެ ޒުވާނުން އަޑު އުފުލަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ހިޖުރައިން 27 ރަޖަބް 1342 ވަނަ ދުވަހު، 3 މާރޗް 1924 މ. ވަނަ ދުވަހު 600 (ހަސަތޭކަ) އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގެ ބޮޑުބައެއްގައި މުސްލިމުން ކުރި ފަޚުރުވެރި ވެރިކަން އުވާލައިފިކަމަށް މުސްޠަފާ ކަމާލުގެ ރިޔާސަތުގައި ބޭއްވުނު ތުރުކީގެ ޤާނޫނު ހަދާމަޖިލީހުން ފާސްކުރިއެވެ. އަދި މުސްލިމުންގެ އެންމެފަހުގެ ޚަލީފާ އައްސުލްޠާން ޢަބްދުލް މަޖީދު ދެވަނަ ޤައުމުންވެސް ބޭރުކޮށްލިއެވެ.

މުސްލިމުންގެ މުފައްކިރުންނާއި ޢިލްމުވެރިން އެކުވެ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރަންފެށުނު މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން މުސްލިމުންގެ ޚިލާފަތު އަނބުރާ ރުޖޫޢަކުރުމުގެ ރޫޙެއް އުފެދިގެން ދިޔައެވެ. އެންމެފުރަތަމަ މުސްލިމުންގެ ޚިލާފަތު ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަޤްޞަދުގައި 1919 ގައި އޭރު އިނގިރޭސީންގެ ބާރުގެ ދަށުގައިއޮތް ބްރިޓިޝް އިންޑިއާގައި މައުލާނާ މުޙައްމަދު ޢަލީ ޖައުހަރު، ޝައުކަތު ޢަލީ ފަދަ ލީޑަރުންގެ އިސްނެގުމުގެ މަތީން މަޝްހޫރު ”ޚިލާފަތު މޫވްމަންޓް“ގެ ޙަރަކާތްތައް ފެށުނެވެ. އަދި އޭގެފަހުން 1928 ގައި ޙަސަނުލްބައްނާގެ އިސްނެންގެވުމުގެ ދަށުން މިސްރުގައި އަދި ފަހުން ގިނަ ޢަރަބި ޤައުމުތަކެއްގައި މުސްލިމް ބްރަދަހުޑް ނުވަތަ އިޚްވާނުލްމުސްލީމޫންގެ ޙަރަކާތް އުފެދިގެން ދިއައެވެ. އަދި 1941 ގައި ޢައްލާމާ އަބުލް އަޢުލާ މައުދޫދީގެ ލީޑަރިޝިޕްގެ ދަށުން އިންޑިއަން ސަބްކޮންޓިނެންޓްގައި ޖަމާޢަތޭ އިސްލާމޭގެ ޙަރަކާތްތައް ފެތުރިގެން ދިއައެވެ. މިހުރިހާ މަސައްކަތެއްގެ އަޞްލު މަޤްސަދަކީ މުސްލިމުންގެ ޚިލާފަތު އަލުން އަނބުރާ ޤާއިމްކުރުމެވެ.

މުސްލިމުންގެ ދާރުލް އިސްލާމްއެއް ޤާއިމްކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިއަދާއި ހަމައަށް އާއިރުވެސް މުސްލިމުންގެ ޚިލާފަތެއް ޤާއިމުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް އިސްލާމް ދީން ދުވަހެއް ދުވަހަކަށް ކުރިއަރަމުން އައިސްފައިވާކަމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ދީންދަނީ މަތިވެރިވަމުންނެވެ. އެހެނީ ﷲ ގެ ބަސްފުޅަކީ ޙައްޤު ތެދުކަން ދުނިޔެ ޤަބޫލުކޮށްފިއެވެ. އެކަލާންގެ ވަޙީ ބަސްވުޅުގައިވެއެވެ. يُرِيدُونَ أَن يُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ (ސޫރަތުއްތައުބާ -32). ”އެމީހުން އެދެނީ، ﷲ ގެ ނޫރުފުޅު (އިސްލާމްދީން) އެމީހުންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، ކާފަރުން ކިތަންމެ ނުރުހުނަސް، ﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ އެކަލާނގެ އިރާދައެއް ނުކުރައްވައެވެ.“

މީގެ ކުރީން ދުވަހަކުވެސް އިސްލާމްދީން ނުފެތުރޭ ދުރިމިނަށް އަދި އެހާގިނަޢަދަދެއްގެ ބަޔަކު މިއަދު މިވަނީ އިސްލާމް ދީނުގެ ތެދުމަގު ޤަބޫލުކޮށްފައެވެ. ޕިއުރިސާރޗް ސެންޓަރގެ ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރު ދުނިޔޭގައި 1.8 ބިލިއަން މުސްލިމުން ތިބިއިރު، އޭގެ ސާޅިހަކަށް އަހަރުފަހުން ދުނިޔޭގައި އެއްދީނެއް ޤަބޫލުކުރާ ބަޔަކަށް އެންމެ ގިނައިން ތިބޭނީ މުސްލިމުންކަމަށް ލަފާކޮށްފައިވެއެވެ.

އޭޝިއާ އާއި އެފްރިކާގެ އިތުރުން ޔޫރަޕާއި އެމެރިކާގައި މުސްލިމުންގެ ޢަދަދު މީގެކުރީން ލަފާވެސް ނުކުރެވޭ މިންވަރަކަށް މިއަދުމިވަނީ އިތުރުވެފައެވެ. އެމެރިކާއާއި ޔޫރަޕް ބައްރުގައި މިސްކިތްތައް އާދަޔާޚިލާފަށް ގިނައިން މިއަދުވަނީ ބިނާކުރާން ފެށިފައެވެ. އެމިސްކިތްތަކުގެ ޖަމާއާތްތައް ބޮޑުވެ ހުޅަނގުގެ ސަރުކާރުތަކުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މީޑިއާގައި ޢާއްމުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ.

އިސްލާމީ ޝަރީޢަތާއެއްގޮތަށް ވެރިކަންކުރާނޭ ދާރުލް އިސްލާމެއް ވުޖޫދުވުމަކީ ފާއިތުވީ ސަތޭކައަހަރު މުސްލިމުންކުރި ނިމުމެއްނެތް ދިގު އިންތިޒާރެކެވެ. މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާލިބެމުންދާ ނިކަމެތި މުސްލިމުންގެ ޙައްޤުތައް ހޯދައިދީ މުސްލިމުން ޢިއްޒަތްތެރިކުރާނޭ ވެރިކަމަކަށް މިއަދު މިވަނީ ބޭނުން ޖެހިފައެވެ. މުސްލިމުންގެ ޙާލަތު ރަނގަޅުކުރާނީ މުސްލިމުންނެވެ. ނަޞްރާއި ފަލާޙް އޮތީ އިސްލާމްދީނުގައެވެ.

 

Loading

2 Responses

  1. ވަރަށް ނޭނގޭ ގިނަ މަޢުލޫމާތު މި ލިޔުމުން އުނގަނެވިއްޖެއެވެ. ހިތަށް އަރަނީ ސުޢޫދު އިނގިރޭސީން ހޯދީ ކޮންތަނެއްގެ ކޮން ގަބީލާޔަކުން ބާވައެވެ. ކިންގް ޙުސެއިން މަނަށްވެސް އިންގިރޭސިން ދޯކާދިނީދޯއެވެ. އިސްލާމީ ބިންތައް ބަހާލައިފަ ޙުސެއިންމެންވެސް އިޒްރޭލޭކިޔާ އިނގިރޭސިންގެ ގޮޑިކޮށްކޮ ދައުލަތުގެ ބުޑުދޮށަށް ލައި އަމިއްލަ ވަންތަ އެއްވެސް ބާރެއްނެތްގޮތަށް ރަސްކަލަކަށް ހެދީއެވެ. އެވަރުންވެސް އެވެރީންނަށް އޯކޭ އެވެ. ވަރަށް ދެރަވޭ މިފަދަ ކަންކަން އެނގި އަހަރެމެންގެ ޢަގީދާގެ ބަލިކަށިކަން ހިތައްއެރީމާ.
    ތެދެކެވެ. އަހަރެމެނާއި ނުލާވެސް މާތްﷲގެ ދީން ދަމަހަށްޓަވާށިއެވެ. އޭގެ ބޮޑު ހެކި މިލިޔުމުގައި ބުނެފައިވާހެން މިދަނީ ފެންނަމުންނެވެ. ބައިވެސް ހައްތާ ބޯ ވަނީއެވެ. ދީންދެކެ ލޯބިވާ ވަރުގަދަ މީހުންވެސް ދަނީ އިތުރުވަމުންނެވެ. އަލް ޙަމްދު ލިﷲ.

  2. ޝުކުރިއްޔާ އުސްތާޒު އިކުރަމް. ވަރަށް ފުރިހަމަ ލިޔުމެއް. އަބަދު ސިޔާސީ ކާޅުންގެ ވާހަކަ ކިޔަންވީމާ މޯޅިވަނީއެވެ. ތިގޮތަށް ޢިލްމީ ލިޔުންތަށް ގެނެސް ދެއްވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް