އެމެރިކާ މީހުން 2022 ގައި ވެސް މާސް އަޅަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެމެރިކާގެ ކޮވިޑް-19ގެ ކަންތައްތަކާ ބެހޭ އެންމެ އިސްވެރިޔާ، ތަޖުރިބާކާރު ޑޮކްޓަރ އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.
”އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި އެމެރިކާ މީހުން އެތައް މަސްދުވަހެއް ވާނދެން މާސްކު އަޅަން ޖެހިދާނެ.“ ޑރ ފައުޗީ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ”އެމެރިކާ މީހުން 2022ގައި ވެސް މާސްކު އަޅަން ޖެހުމަކީ ހަމަ އެކަށީގެންވާކަމެއް.“
މިދިޔަ އަހަރު އެމެރިކާގައި ކޮވިޑް އެންމެ ބާރަށް ފެތުރެމުން ދިޔައިރު އެމެރިކާގެ ސަރުކާރުން ޚާއްޞަކޮށް އެދުވަސްވަރު ރައީސަކަށް ހުންނެވި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައްޔިތުން ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް މާސްކު އެޅުމަށް ބާރުއަޅުއްވައި އެއްވެސްކަމެއް ނުކުރައްވައެވެ. ޓްރަމްޕް މަސަކަތް ކުރެއްވީ މާސްކަކީ ބޭނުމެއްނެތް އެއްޗެއްކަމަށް ދެއްކެވުމަށެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން މާސްކު އަޅުއްވަން ކޮންމެހެން ޖެހިވަޑައިގެންނެވި މަދު ފަހަރެއްގައި ރައީސް ޓްރަމްޕް މާސްކު އެޅުއްވިއެވެ.
އެމެރިކާގެ ރައްޔިތުން މާސްކު އަޅައި ކޮރޯނާ ވައިރަހުން ދިފާއުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމުގެ ނަތީޖާއަކަށްވީ މުޅިދުނިޔެއިން އެންމެ ބޮޑަށް ވައިރަސް ފެތުރުނު ގައުމަކަށް އެމެރިކާ ވުމުގެ އިތުރަށް އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ގައުމަކަށްވެސް އެމެރިކާ ވުމެވެ. އެމެރިކާގައި 28134143 މީހުންނަށް ވައިރަސް ޖެހި، ބަލީގައި 498897 މީހުން މަރުވެފައިވެއެވެ.
ޑރ. ފައުޗީ ވިދާޅުވިގޮތުގައި މާސްކު އެޅުމާއި ނޭޅުން ކަނޑައަޅަންޖެހޭނީ އެވަގުތަކު ހާލަތު ހުރި ގޮތަކަށް ބަލާފައެވެ.
ޑރ. ފައުޗީ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް އެމެރިކާގައި ފެތުރެމުން ދާ ހާލަތު މި އަހަރުގެ ފަހުކޮޅާ ހަމައަށް އާދައިގެ ހާލަތަކަށް ބަދުވާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮރޯނާ ވައިރަހުން ދިފާއުވާން އެމެރިކާގެ ރައްޔިތުން މާސްކު އެޅުމަށް ވަރަށް ބޮޑަށް ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.
”މާސްކަކީ ކޮރޯނާ ވައިރަހާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއް.“ ރައީސް ބައިޑެން ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން 500000 މީހުން އެމެރިކާއިން މަރުވުމުގެ ހިތާމަ ފާޅުކުރަން ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.