ކާފިއުގެ މުއްދަތު ފުވައްމުލަކުގައި އިތުރުކޮށްފި!

Loading

Facebook
Twitter
WhatsApp

ފުވައްމުލަކުގައި އިއުލާންކޮށްފައި އޮތް ކާފިއު ހަފްތާއަކަށް އިތުރުކޮށްފި​އެވެ.

​ފުވައްމުލަކު ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ، ކުރިން އިއުލާން ކޮށްފައި އޮތް ކާފިއު މިރޭ ދަންވަރު 00:00 އަށް ހަމަވާތީ އިތުރު ހަތް ދުވަހަށް ކާފިއު އިތުރުކުރިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ކާފިއު އިއުލާންކޮށްފައި ވަނީ ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމާއި ހަފްލާތަކާއި ޕާޓީތައް ބޭއްވުން ހުއްޓާލުމުގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށާއި މަގުމައްޗަށް އެއްވެ އުޅުން ހުއްޓައިލަން ވަނީ އަންގައިފައެވެ.

​އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

އަދި ​ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެރަށުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލަން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައަޅައިގެން ހިދުމަތް ދޭން ވަނީ އަންގައިފަ އެވެ.

ފުމައްމުލަކުގައި ކޮވިޑު ފެތުރޭކަން އެނގުނީ މި މަހުގެ ހަތްވަނަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އެއާއެކު އެޗްޕީއޭއިން ފުވައްމުލަކުގައި ފިޔަވަޅުތައް އަޅާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް