ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ޔާމީން އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މެންދުރުއެވެ. ގިނަ އިރުތަކެއް ވަންދެން ފުލުހުން ވަނީ އެމަނިކުފާނާ ސުވާލު ކޮށްފައެވެ. ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ އެމަނިކުފާނާއެކު ފުލުހަށް ވަޑައިގެންފައެވެ.
ފުލުހުން ބުނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީނާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ. ނަމަވެސް މިއީ ކުރިންވެސް ފުލުހުން ތަހުގީގު ކުރަމުން އައި މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނީ ފުލުހުން ކުރަމުން ދަނީ ސިޔާސީ މަސައްކަތެއް ކަމަށާ އެކި މައްސަލަތައް އުފައްދައިގެން ތަހުގީގު ކުރުމުގެ ނަމުގައި ހިންގަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ. ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ފުލުހުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއްގެ މައްސަލަ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމުގެ އެއްވެސް ނިޔަތެއް އަދި ހިތްވަރެއްވެސް މި ސަރުކާރުގައި ނެތް ކަމަށާ އެކަންކަން ފުލުހުންގެ އިދާރާއިން ނުވެސް ބަލާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ ހިޔާނާތުގެ ތުހުމަތު މި ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް އެބައޮތް ކަމަށާ އެކަންކަން ބަލާނެ ހިތްވަރެއް ނުހުންނާނެ ކަމަށެވެ.
One Response
ގައުމުގެ އެންމެމަތީ ވަޒީފާ ހަވާލުކުރެވޭމީހުންނާމެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވުމަކީ ބޮޑުކަމެކެވެ. އާދައިގެ ރައްޔިތަކަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ދިގުމުއްދަތުގެ ހުކުމެއް އައުމަށްވުރެން އެ ތުހުމަތު ސާބިތު ވިޔަސް ނުވިޔަސް އެތައް ގުނައެްބޮޑުކަން ގަބޫލުކުރަން ޖެހެއެވެ. އޭނާއާއި ހަވާލުކުރެވުނު މަގާމުގެ ޝަރފާއި ޖާހަށްޓަކައެވެ.