ސަރުކާރުގެ އަމާޒަކީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، މިކަމުގައި އުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދެވިގެންދާނެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”މިއަދު އަޅުގަނޑުމެން މި ފަށަނީ ކޯވިޑް-19އަށް ވެކްސިން ދިނުމުގެ މަސައްކަތް. މިއަދު މާލެއާއި، އައްޑުއާއި، ކުޅުދުއްފުށީގައި އެކުއެކީގައި މިކަން ކުރިއަށްދާނެ.“ ދިވެހިރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ޙަރަކާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. ”ކޯވިޑް-19އިން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ، ޑޮކްޓަރުންނާއި ހެލްތު މާހިރުން މި ވިދާޅުވަނީ، ވެކްސިންއެއް އޮތުން ކަމަށް. އެހެންކަމުން، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް މިއަދުވަނީ ވެކްސިން ދޭން ފަށާފައި.“

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވިއެވެ. ”އަޅުގަނޑު އުއްމީދުކުރަނީ އަދި އަޅުގަނޑުގެ އިލްތިމާސަކީ، ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް ކުރިމަތިވެފައި މި އޮތް މި ދަތި އުނދަގުލުން ސަލާމަތްވުމަށްޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން.“

މިއަދު އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ، ކޯވިޑް-19އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ޝިރާނީ ޢަބްދުއްރަޙްމާނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ގޮތުގައި ބޭނުން ކުރަންފެށީ،

އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ”އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،“ ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ”ކޮވިޝީލްޑް“ ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން އެ ވެކްސިންގެ 100،000 ޑޯޒް ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

މިއީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރައްކާތެރިކަން ކަށަވަރުކޮށް ދީފައިވާ ވެކްސިނަކަށް ނުވިޔަސް، ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދީފައިވާ ވެކްސިނެކެވެ.

”ކޯވިޑް-19 ދިފާޢު“ ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވުމަށް ހެނދުނު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް މި ވެކްސިން ފޯރުކޮށްދިނުކަމަށެވެ. އަދި މިކަން ފަށައިގަންނަނީ މެދުނުކެނޑި މިކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ރޭވިގެންކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އިރާދަކުރެއްވިއްޔާ، މިކަމުން (ކޮވިޑް-19ގެ ކަންތަކުން) މާ ލަހެއްނުވެ އަރައިގަނެވޭނެއެވެ.

މާލެ ސިޓީގައި ވެކްސިން ޖެހުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ. ހޮސްޕިޓަލް، އަދި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ފުރަމާލެ ސަރަހައްދާއި އައްޑުއާއި ކުޅުދުއްފުށީގައި މިއަދުން ފެށިގެން ވެކްސިން ދޭން ފެށިއަސް ރާއްޖޭގެ އެހެން އަތޮޅުތަކާއި ރަށްރަށުގައި ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތެއް ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް