ކޮމިޔުނިސްޓް ޗައިނާ އިން 25 މިލިޔަން މުސްލިމުން ދިރިއުޅުނު ތުރުކިސްތާން ހިފުމާއި މުސްލިމުންނާއި މެދުގައި ޢަމަލުކުރަމުން އަންނަގޮތް

އިރުމަތީ ތުރުކިސްތާނަކީ ބޮޑު ސަރަހައްދެއްގެ މައްޗަށް އެކުލެވިގެންވާ އިސްލާމީ ބިމެކެވެ. 1949 ވަނަ އަހަރުން ފެށިގެން ކޮމިއުނިސްޓް ޗައިނާއިން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ! މަރުތޭލައާއި ދާރައިގެ އިންޤިލާބުގެ ނަތީޖާއެއްގެ ގޮތުން، މުސްލިމް އުންމަތުގެ ބަލިކަށިކަމުގެ ފައިދާ ނަގައިގެން ޗައިނާގެ މާއޯ ޒޭޑޮންގް ވަނީ ގަދަބާރުން އެ ބިން ހިފާފައެވެ.
އެހެންނަމަވެސް، ހިޖުރައިން 96 ވަނަ އަހަރު އުމަވީ ޚިލާފަތުގެ ދުވަސްވަރު މުސްލިމް ކޮމާންޑަރު ޤުތައިބާ ބިން މުސްލިމް އަލްބާހިލީ ވަނީ އެ ބިމުގެ އެންމެ ބޮޑު ރަށް ކަމަށްވާ ”ކާޝްޣަރު“ ފަތަޙަކުރައްވާފައެވެ!
ގާތްގަނޑަކަށް ތޭރަ ސަތޭކަ އަހަރު ވަންދެން އިސްލާމްދީނުގެ އިރު ގެ ފުރިހަމަ އަލިކަމާއެކު ވިދަމުން ދިޔަ އެ ބިމުގައި، މިއަދު އެ އިރު އޮއްސިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ! މިހާރު އެއީ ޗައިނާގެ އެންމެ ބޮޑު ޕްރޮވިންސެވެ. އެ ސަރަހައްދުގެ ބޮޑުމިނަކީ 1.8 މިލިއަން އަކަކިލޯމީޓަރެވެ. އެއީ ޗައިނާގެ މުޅި ބިމުގެ ފަސްބައިކުޅަ އެއްބައެވެ. އާބާދީއަކީ ފަންސަވީސް މިލިއަނެވެ. އެތަނުގެ އަޣުލަބިއްޔަތަކީ އުއިޣޫރު ނަސްލުގެ މީހުންނެވެ. މީގެ އިތުރުން ތަތާރުންނާއި، ކަޒަކުންނާއި، އުޒްބެކުންނާއި، ތުރުކުމަނުން އަދި ތަޖިކުން ވެސް އެތަނުގައި ދިރިއުޅެއެވެ.
މިއީ މެދުތެރޭ އޭޝިއާގެ ސަރަހައްދެކެވެ. މި ސަރަހައްދުގެ ހުޅަނގު ދެކުނުގައި އޮންނަނީ ކަޒަކިސްތާނާއި، ތަޖިކިސްތާނާއި، ކިރްގިސްތާނެވެ. ދެކުނުގައި އަފްޣާނިސްތާނާއި ޕާކިސްތާން އޮންނައިރު، އުތުރުގައި އޮންނަނީ މޮންގޯލިއާއާއި ރަޝިޔާއެވެ. އަދި އިރުމަތީގައި އޮންނަނީ ޗައިނާއެވެ. މި ސަރަހައްދުގެ ތާރީޚީ މަރުކަޒުތަކުގެ ތެރެއިން ކާޝްޣަރަށް ޚާއްޞަ މަޤާމެއް ލިބިގެންވެއެވެ. މިއީ ބޮޑެތި ޢިލްމުވެރިން އުފަންވި ބިމެކެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އަބުލް މަޢާލީ ޠުޣްރުލް ޝާހް (550 ހ.) އެވެ.
ބިން ހިފި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޗައިނާއިން ވަނީ އިރުމަތީ ތުރުކިސްތާނުގެ އެތައް ހާސް މުސްލިމުންނެއް ޝަހީދުކޮށްފައެވެ! ހަމައެކަނި 1952 ވަނަ އަހަރު ވެސް ޗައިނާއިން ވަނީ އިރުމަތީ ތުރުކިސްތާނުގެ އެއްލައްކަ ވިހިހާސް މުސްލިމުން ދަންޖައްސާ މަރާފައެވެ. އޭގެ ތެރޭގައި ގިނައީ ބޮޑެތި ޢިލްމުވެރިންނާއި މުފްތީންނެވެ. މިކަން ހާމަކުރެއްވީ އިރުމަތީ ތުރުކިސްތާނުގެ އޭރުގެ ގަވަރުނަރު ބުރުހާން ޝަހީދީއެވެ. 1949 އިން 1979 އަށް ޗައިނާއިން ވަނީ އިރުމަތީ ތުރުކިސްތާނުގެ 29،000 މިސްކިތް ތަޅާ ސުންނާފަތިކޮށްފައެވެ. ގިނަ އަދަދެއްގެ މިސްކިތްތަކުގެ ތެރެއިން ބާކީ ހުރީ ވަރަށް މަދު މިސްކިތެކެވެ. އެ މިސްކިތްތައް ވެސް މިހާރު ދަނީ ތަޅަމުންނެވެ! 1997 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ އިރުމަތީ ތުރުކިސްތާނުގެ 1،200 މިސްކިތް ބަންދުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މިސްކިތްތައް ވަނީ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒުތަކަށް ނުވަތަ ކްލަބްތަކަށް ބަދަލުކޮށްފައެވެ.
ހަމައެކަނި މިވަރަކުން ނުނިމެއެވެ. އިރުމަތީ ތުރުކިސްތާނުގެ ވެރިރަށް އުރުމްޗީގައި ހުރި 370 މަދަރުސާއާއި ޤުރުއާން ކިޔަވައިދޭ މަރުކަޒުތަކުގައި ހުޅުޖަހައި އަންދާ އަޅިއަށް ހަދާލިއެވެ. އަދި ދީނީ ޢިލްމުވެރިންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ 54،000 މީހުން، ސިފައިންގެ ބުރަ މަސައްކަތްތައް ކުރުމަށް ފޮނުވާލެވުނެވެ. މިސްކިތްތަކުގެ އިމާމުންނަށް ވެސް މި މަސައްކަތް ކުރުމަށް މަޖުބޫރުކުރުވިއެވެ. ޗައިނާއިން ވަނީ އިރުމަތީ ތުރުކިސްތާނުގެ އެތައް ހާސް ޕަރުދާވެރި އަންހެނުންނަކަށް، ހަމައެކަނި ޕަރުދާ ނެގުމަށް ދެކޮޅު ހެދި ކަމުގެ ކުށުގައި އަނިޔާވެރިވެފައެވެ. ހަމައެއާއެކު ކާޝްޣަރުގެ އެތައް ލައްކަ މުސްލިމް ފިރިހެނުންނަށް ވެސް ވަނީ އަނިޔާކޮށްފައެވެ.
އިރުމަތީ ތުރުކިސްތާނުގެ ބިމާއި އެތަނުގެ އަހުލުވެރިން އިސްލާމްދީނާ ދުރުކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ ބަހާރު މޫސުމުން ފެށިގެން ޗައިނާއިން ދަނީ މެދުނުކެނޑި އެތަނުގެ މިސްކިތްތައް ތަޅަމުންނެވެ. އިސްލާމްދީނުގެ އެއްވެސް ޙުކުމަކަށް ޢަމަލުކުރުމުގެ ހުއްދައެއް މުސްލިމުންނަކަށް ނުދެއެވެ. މީގެ އިތުރުން، ފިރިހެނުން ވަނީ ”ރީ-އެޑިއުކޭޝަން ކޭމްޕް“ ގެ ނަމުގައި ޤާއިމުކޮށްފައިވާ ކޮމިއުނިސްޓް ފިކުރު އުނގަންނައިދޭ ޖަލުތަކަށް ފޮނުވާލާފައެވެ. ކުޑަކުދިން ވަނީ ބޯޑިންގ ސްކޫލްތަކަށް ނުވަތަ ޔަތީމުޚާނާތަކަށް ބަދަލުކޮށްފައެވެ. އަންހެންކުދިންނަށް މަޖުބޫރުކުރުވީ ހާން ނަސްލުގެ މުލްޙިދުންނާ (ދީނެއް ޤަބޫލުނުކުރާ މީހުންނާ) ކައިވެނިކުރުމަށެވެ. މަގުމަތިން އަންހެނުން ހުއްޓުވައި، އެމީހުންގެ ކަކުލާ ހަމައަށް ހުންނަ ހެދުންތައް އުނަގަނޑާ ހަމައަށް ކަފާލިއެވެ!
އާދެ! އަޅުގަނޑު މި ދައްކަނީ ޗައިނާގެ ޝިންޖިއާންގް ޕްރޮވިންސްގެ ވާހަކައެވެ. މިއީ އެއްޒަމާނެއްގައި ތުރުކީ މުސްލިމުންގެ މިނިވަން ވަޠަން ކަމަށްވާ ”އިރުމަތީ ތުރުކިސްތާން“ ގެ ނަމުން ނަންދެވިފައި އޮތް ބިމެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.