ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއް ސައިބީރިއާއަށް ވެއްޓި، އޭގައި ދަތުރުކުރި 19 މީހުން)މަރުވެފައިވާ ކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އަން-12 މަރުކާގެ މި ބޯޓު ވެއްޓިފައިވަނީ އަންގާރަ ދުވަހު، ކެމެރޯވޯ ސަރަޙައްދުގެ ޔަގުނޯވޯ އަވަށާ ކައިރީގައި އޮންނަ މީހުން ދިރިނޫޅޭ ސަރަޙައްދަކަށެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ބޯޓު ޝެޑިއުލް ދަތުރެއް ކުރަމުން ދަނިކޮށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އިބްތިދާއީ ބެލުންތަކުން ދައްކަނީ މި ހާދިސާ ހިނގަން މެދުވެރިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ހާދިސާ ހިނގި ސީދާ ސަބަބު ދެނެގަތުމަށް ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން މިހާރު ވަނީ ތަޙުޤީޤެއް ފަށާފައެވެ.

އެ ސަރަޙައްދުގެ ގަވަރުނަރު އިލްޔާ ސެރެޑިޔުކް ވިދާޅުވީ، ކާރިސާތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން އެ ސަރަޙައްދަށް ގޮސް ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، ތަޙުޤީޤުކުރާ ފަރާތްތަކަށް ބޯޓުގެ ބައިތައް ބެލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށްފައެވެ.

މީގެއިތުރުން، ސެރެޑިޔުކް ކަށަވަރުކޮށްދެއްވި ގޮތުގައި ބޯޓުން ދަތުރުކުރި 19 މީހުން ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވީނަމަވެސް، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ހެލިކޮޕްޓަރެއް ވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ބޯޓު މަތިން ތިރިއަށް ވެއްޓި، ވަރުގަދަ ގޮވުމަކާއެކު މުޅި ސަރަޙައްދު އަލިވެގެންދެއެވެ.. މި ވީޑިއޯތަކަކީ އަސްލެއްކަން ރޮއިޓާސް އިން ކަށަވަރުކޮށްފައިވާއިރު، ބީބީސީން ވެސް ވަނީ މީގެ ބައެއް ބައިތައް ކަށަވަރުކޮށްދީފައެވެ.

އަން-12 މަރުކާގެ މަތިންދާބޯޓަކީ ސިފައިންނާއި ހަތިޔާރު އުފުލުމަށް ރަޝިޔާއިން ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެކެވެ. އަދި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ވެސް މި ބޯޓު ބޭނުންކުރެއެވެ.

ބޯޓު ވެއްޓުނުއިރު އެއްވެސް މުދަލެއް އުފުލަމުން ދިޔަކަން ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް