”ގަމާރު ވިއަސް ބޮޑުވަރު!“ މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ ލަފުޒެކެވެ. ބުނެދޭން އެއުޅެނީ ތިމާއަށް އެނގޭ އެއްޗެއް، ނުވަތަ ގިނަ ބަޔަކަށް އެނގޭނެ އެއްޗެއް އަނެކާއަށް ނޭނގޭ ވާހަކައެވެ.
ގިނަ ފަހަރަށް މިހެން ބުނެއުޅެނީ އަނެކާ ދަށްކޮށްލުމުގެ ގޮތުންނެވެ. އެހެންނަމަވެސް މީހަކާ ދިމާއަށް ބަހެއް ބުނުމުގެ ކުރިން ވިސްނާލަންޖެހޭ ކަންކަން ހުރެއެވެ. މިގޮތުން ވިސްނާލުން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލުމުގެ ކުރިން ވަރަށް މުހިންމު ވާހަކައެއް ބުނެލާނަމެވެ.
މުޅި އޭޝިއާ ސަރަހައްދަށް ބެލިނަމަވެސް ދިވެހިރާއްޖެހާ ތަޢުލީމަށް އަހަންމިއްޔަތުކަން ދެވިފައިވާ ޤައުމެއް ފެންނާކަށް ނެތެވެ. އެ އިރެއްގެ ފެންވަރުން އަސާސީ ތަޢުލީމު ޙާޞިލުކުރަން މަޖުބޫރު ކުރުމުގެ އިތުރުން، ސަރުކާރުން އެކަމަށް އެހީތެރިކަން ފޯރުކޮށްދެމުންދާތާ މިހާރު ބައި ޤަރުނާ ގާތްކުރަނީއެވެ.
އެހެންކަމާއެކު ރާއްޖޭގައި ލިޔަންކިޔަން ނޭނގޭ މީހަކު ނެތްތާ ކިތަންމެ ޒަމާނެއް ވެއްޖެއެވެ. މަދުވެގެންވެސް ތިރީހަކަށް އަހަރު ވެދާނެއެވެ. މި ބުނެވިދިޔަ ކަންކަމަށް ބަލާއިރު، ދިވެހިންނަކީ ޒަމާނަށް އަބަދުވެސް ”ރޯފިލާފައި“ ތިބޭ ބައެކެވެ.
ހަމަ އެއާއެކު، ތަޢުލީމާއެކީގައި ދިވެހިން އައީ ރީތި އަޚުލާޤާއި ސުލޫކާއި، އެކަކު އަނެކަކަށް އިޙުތިރާމުކުރުން ފަދަ ރިވެތި އާދަތައް ދަސްކޮށް، އެއަށް ހޭނެމުންނެވެ. އެހެންކަމާއެކު، ދިވެހިން އަބަދުވެސް ފާހަގަވެފައި އޮންނަނީ މި ބުނެވިދިޔަ ރިވެތި އާދަކާދަތަކުގެ ސަބަބުންނެވެ.
ތަޢުލީމީ ނިޒާމަށް އެކިއެކި ޒަމާނީ ބަދަލުތައް ގެނެވި، ކުއްޖާގެ ހާލަތު ބަލައި، ކުއްޖާއާ ގުޅޭ އެކަށޭނަ ތަޢުލީމެއް ފޯރުކޮށްދިނުމަށްވެސް މިހާރުގެ ތަޢުލީމީ ނިޒާމު ވަނީ ބައްޓަންކުރެވިފައެވެ. ހަމައެކަނި ތަޢުލީމީ ނިޒާމަށް އެ ބަދަލު ގެނައީއެއް ނޫނެވެ. އެ ފަދަ ކަންކަމުގެ މައްޗަށް އާންމުން ހޭލުންތެރި ކުރުވުމުގެ ކަންކަންވެސް ބާރު އިސްޕީޑްގައި ކުރިއަށްގެންދެއެވެ. ކުރީގައި ތަނަކަށް ޙާޒިރުކޮށްގެން މަޢުލޫމާތު ދިންނަމަވެސް، މިހާރު އަތުގައި އޮންނަ ފޯނު ހުޅުވާލައިގެންވެސް ބަލައިލެވޭހާ ކައިރިންނެވެ.
މި ބުނެވިދިޔަ ކަންކަމުގެ ތެރެއިން އަހަރެމެން ދިވެހިން ދެނެގަތް އެއް ކަމަކީ އަނެކާގެ ޙާލަތު ތަފާތުވެދާނެކަމެވެ. ވިސްނުމާއި ބުއްދީގައި މީހުން ތަފާތުވާކަމާއި، އުޅެ ބޮޑުވާ މާޙައުލުގެ ސަބަބުންވެސް އެނގޭ ކަންކަމާއި ނޭނގޭ ކަންކަން ހުންނާނެކަމެވެ. އެއީ އެ މީހަކު ”ގަމާރުވެގެން“ ވާ ކަމެއް ނޫންކަމެވެ. ހަމަ އެގޮތަށް، އެކަކީވެސް ހުރިހާ ކަމެއް އެނގޭނެ ނުވަތަ ދަންނާނެ މީހެއް ނޫންކަމެވެ.
މިފަދަ ތަޢުލީމީ، ހޭލުންތެރި ބަޔަކު އަނެކާއަށް ދިމާއަށް ބަހެއް އެއްލައި އޭނާ ދެރަކޮށްލުމުގެ ކުރިން ވިސްނާލަންވާނެއެވެ. މިގޮތުން ވިސްނާލުން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.
ގިނަ ބަޔަކަށް އެނގޭ ކަމެއް ނޭނގޭ މީހަކުވެސް ހުރެދާނެއެވެ.
މިސާލަކަށް ބަލަމާހެއްޔެވެ! މި ފަހަކަށްއައިސް ބައެއް މީހުން ސްކޭމްތަކުގައި ޖެހި އަތުގައި ހުންނަ ފައިސާކޮޅު ގެއްލޭ ފަހަރު އާދެއެވެ. ގިނަ ފަހަރަށް މިފަދަ ކެއްސެއް ލިބިފައި އޮންނަނީ އުމުރުން ދުވަސްވީ މާމަ ކާފަ އުމުރު މީހަކަށެވެ. ޙައްޖަށް ދާން ނުވަތަ އެހެންވެސް މުހިންމު ކަމަކު އެއްކުރި ފައިސާކޮޅު ކޮންމެވެސް ޙީލަތްތެރިއަކު ދަމައިގަންނަނީއެވެ.
ވިސްނާލަނާހެއްޔެވެ! އެމީހުން އުޅެބޮޑުވެ މުސްކުޅިވީ އަމާނާތްތެރި ބައެއްގެ ތެރޭގައެވެ. ރަށު ބޯޓުން މާލެ އަންނަ މީހާ އަތުގައި މާލޭގައި ހުރި ދަރިފުޅަށް ދޭން، ނުވަތަ މާލޭން ރަށަށް ފޮނުވަން، ބޯޓުން ފުރާ މީހަކު އަތުގައި ފައިސާ ފޮނުވޭހާ އިތުބާރުހުރި ބައެއްގެ ތެރޭގައެވެ.
ހަމަ އެގޮތަށް، ގެއަށް އައިސް ހުރި ބީރައްޓެއްސެއްގެ އަތަށް ލާރި ދީފައި، ދަރިފުޅުގެ އިސްކޫލު ފީއާއި ކަރަންޓު ބިލު ދެއްކުވޭހާ ތެދުވެރި ބައެއްގެ ތެރޭގައެވެ.
އެ ޖީލުގެ މީހުންނަކީ ގޭ ދޮރާއްޓާއި ކޮޓަރިތައް ނުވަތަ އަލަމާރިތައް ތަޅުލައިގެން އުޅުނު ބައެއް ނޫނެވެ. ގެއަށް އަންނަ ނުދަންނަ މީހާވެސް ވައްކަން ނުކުރާނެ ކަމަށާއި، ވައްކަން ކޮށްފިނަމަ އަދަބު ލިބޭނެކަމަށް އެމީހުން ގަބޫލުކުރެއެވެ.
އެއީ އެމީހުންގެ ދިރިއުޅުން ހުރި ގޮތެވެ. އެމީހުން އާދަވެފައި އޮތް ދިރިއުޅުމެވެ. ވީއިރު އަހަރެމެން ގަމާރުންނަށް މި ގޮވަނީ، އެމީހުންނަށް ޑޮލަރުކޮޅެއް ހޯދައިދޭނެ ކަމަށް ބުނި މީހަކާ ލާރި ހަވާލުކުރީތީހެއްޔެވެ؟
މީގެ އެންމެ ދެރަ ކަމަކީ، މިފަދަ ބަހެއް ބުނެލަނީ ސީދާ އެމީހަކާ ދިމާއަށްވެސް ނޫންކަމެވެ. ސޯޝަލް މީޑިއާގައި، ދުނިޔޭގެ އެންމެންނަށް ފެންނާނެހެންނެވެ. ބައެއް ފަހަރަށް ހަޑިހުތުރު ފުޅަ ބަސްވެސް ހިމަނައިގެންނެވެ.
ވިސްނާލާށެވެ! އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވީ ތިމާގެ މައިންބަފައިން ނުވަތަ މާމަ ކާފަމެން މީހަކަށް ވިއަސް ހަމަ ކަންކުރާނީ އެހެންހެއްޔެވެ؟
ކަމެއްގެ ޕްރޮސީޖާ އޮންނަ ގޮތް ނޭނގޭ މީހަކު ހުރެދާނެއެވެ.
މި އާދެވުނީ އަސްލު ޕޮއިންޓަށެވެ. މި ރިޕޯޓު ކިޔަން ގަސްތުކުރި ޙަޤީޤީ މައްސަލައަށެވެ.
އެއީ ނޫހެއްގައި ޝާއިޢުކުރި ޚަބަރަކާ ގުޅިގެން މީހަކު ކުރި ކޮމެންޓެކެވެ. ޚަބަރުގައި އޮތީ އެއާޕޯޓެއްގައި ހިނގާ ނޭދެވޭ ކަމެއްގެ ވާހަކައެވެ. އެކަމަށް ސަމާލުވުމަށް އެދިފައެވެ. އެ ޚަބަރާ ގުޅޭގޮތުން ކޮމެންޓުކުރި މީހަކު ބުނެފައި އޮތެވެ. ”ގަމާރުވިއަސް ބޮޑުވަރެވެ!“
މިހެން ބުނެ، އެއާ ވިއްދައި ލިޔެފައި އޮތީ އެ ކަމުގެ ޕްރޮސީޖާ އޮންނަ ގޮތެވެ. އެ މީހަކީ އެ ދާއިރާގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަށް އެކަމުގެ ކަންކަން އޮންނަ ގޮތް އެނގުނަސް، އެންމެންނަށް އެކަން ނޭނގިދާނެއެވެ.
ދިވެހިންނަކީ ގިނައިން ކަނޑުމަގުން ދަތުރުކޮށް އުޅޭ ބައެކެވެ. އެހެންކަމުން އެއާޕޯޓުތަކުގައި، އަމުދުން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ކަން ހިނގާ ގޮތް ނޭނގޭ ކިތަންމެ ބަޔަކު އުޅޭނެއެވެ. އެއީ އެމީހަކަށް ގަމާރެއްގެ ލަޤަބު ދޭންޖެހޭ ސަބަބެއް ކަމަކަށް ނުދެކެމެވެ.
ތަޢުލީމެއް ލިބިހުރި މީހަކަށް ނޭނގޭ ކަމެއް އެނގޭ މީހަކުވެސް ހުރެދާނެއެވެ.
ގަބޫލުކުރަންޖެހެއެވެ. ތަޢުލީމެއް ލިބިފައި ހުރުމަކީ އަދި ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް އެމީހަކަށް އެނގުމެއް ނޫނެވެ. އިންސާނާއަށް ދުނިޔެ ހިތަކަށް ލިބިފައިވިއަސް، އޭނާއަށް ލިބިގެންވަނީ ޢިލްމުގެ ކުޑަ މިންވަރެއްކަން ވަނީ އަންގަވާފައެވެ.
މާތް ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
﴿وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا﴾
މާނަ:
”އަދި ޢިލްމުގެ ތެރެއިން އިންސާނާއަށް ލިބިގެންވަނީ ކުޑަކުޑަ މިންވަރެކެވެ.“
އެހެންކަމާއެކު، އަހަރެމެންނަށް ލިބިފައިވާ އެ ކުޑަކުޑަ ޢިލްމަށްޓަކައި ބޮޑާވާންވީ ކީއްވެހެއްޔެވެ؟ އެއްގޮތަކަށްވެސް އެއީ އަނެކާ ތިމާގެ ކުރިމަތީގައި ދަށްކޮށްލަންޖެހޭ ވަރުގެ ކަމެއް ނޫނެވެ.
އޭނާގެ ޙާލަތުގެ ގޮތުން ނޭނގޭ މީހަކު ހުރެދާނެއެވެ.
މިއީވެސް ޒަމާނީ ޢިލްމު އަހަރެމެންނަށް ބުނެދިން އެއް ކަމެވެ. ކަންކަން އުނގެނުމާއި ދޭހަވުމުގައި އެންމެން އެއްހަމަ ނުވާނެކަމެވެ.
ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ އުފެދުމުގައި ހުރި ތަފާތު ކަމަކުންވެސް މި ކަންކަމުގައި ތަފާތު ހުރެއެވެ. ހަމަ އެގޮތަށް، އެއްވެސް ކަމެއްގައި އެންމެން ހަމަހަމަ ނުވާނެކަންވެސް މިޒަމާނުގެ ޢިލްމު އަހަރެމެންނަށް ވަނީ ބުނެދީފައެވެ.
އަހަރެމެންގެ ވަރަށް ގިނަ މީހުން އެމީހުންގެ ސޯޝަލް މީޑިއާގައި ޙިއްޞާކުރާ ލިޔުންތަކުގައިވެސް މިކަންކަން ދަނީ ބުނެދެމުންނެވެ. ބައެއް ފަހަރަށް އެއިން މީހެއްގެ މީހަކަށް ކަމެއް ދިމާވުމުން، އެކަން އޮންނަ ގޮތް އޮޅުންފިލުވައިދިނުމަށެވެ. ބައެއް ފަހަރަށް އެފަދަ ކަމެއް ފާހަގަކުރާ ދުވަހަކާ ގުޅުވައިގެންނެވެ. އެނޫނީ ހަމަ އެމީހެއްގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުންނެވެ.
އެފަދަ ކޮންމެ ލިޔުމަކުންވެސް އެނގެނީ ދިވެހިން ހޭލުންތެރިވެފައިވާ މިންވަރެވެ. އެހެންނަމަވެސް އަނެއްކާވެސް ހަނދާންކޮށްލަންޖެހެނީ، އެއްޗެއް ތިމާއަށް އެނގިފައި އޮތުމަކީ އަނެކާއަށް އެކަން ނޭނގި އޮތީތީ ހަޖޫޖަހައި މަލާމާތް ކުރަންޖެހޭ ކަމެއް ނޫންކަމެވެ. ތިމާއާއި އަނެކާއަށް ލިބިހުރީ އެއް މަޢުލޫމާތެއް ނަމަވެސް ދެ މީހުންނަށް ދޭހަވީ ގޮތާއި މިންވަރު ތަފާތުވެފައި ހުރެދާނެކަމެވެ.
![]()
