ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގައި މުއައްޒިފުންނަށް މުސާރަދެވޭނެ ގޮތެއްވެސް ނެތިގެން އަނެއްކާވެސް ޝަޓް ޑައުން އަކަށް ހިނގައްޖެއެވެ. މިފަހަރު ޝަޓްޑައުންގައި މިހާރު މަހަކަށްވުރެން ގިނަވެއްޖެއެވެ.
މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު ފަސްވަނަ ހަފުތާއަށް އެޅިގެންދާ މި ޝަޓް ޑައުންގައި އެމެރިކާގެ އެތައް ހާސް އެއާރޓްރެފިކް ކޮންޓްރޯލަރުންނާއި ގިނަ އަދަދެއްގެ ގާނޫނީ ބޭފުޅުންނާއި އަދި ޚާއްސަކޮށް މިލިޓްރީގައި ހިމެނޭ މިލިއަނަކަށްވުރެން ގިނަ ސިފައިންނަށްވެސް މި ހުސްވި މަހުގެ މުސާރަ އަދިވެސް އޮތީ ދެވޭނެ ގޮތެއް ނެތިފައެވެ. ހަނގުރާމައިގެ އެންމެ ކުރީސަފުގައި ހަރަކާތްތެރި ވަމުންދާ ސީނިއަރ ސިފައިންނަށް މުސާރަ ދިނުމަށްޓަކައި އެހެންގޮތެއް ނެތިގެން އެމެރިކާގެ ދިފާއީ ވުޒާރާއިން ގެންދަނީ ސަލާން ޖަހަމުންނެވެ. ރީތި ކޮށްބުނާނަމަ 33 ޓްރިލިއަން ޑޮލަރގެ ބަޖެޓެއްގައި ހަރަކާތްތެރިވަމުންގެންދާ އެމެރިކާ ސަރުކާރުން މި ވަނީ ޑޮނޭޝަން ހޯދަން ޖެހިފައެވެ. ނައިބުރައީސް ޖޭ ޑީ ވޭންސް ގެ ބަސްފުޅުން ބުނާނަމަ މިގޮތަށް ޝަޓް ޑައުންގައި މުއްދަތު ދިގުލައި ދާނަމަ އެމެރިކާއިން ޑިޒާސްޓަރަކާ ކުރިމަރިލާން ޖެހިދާނެއެވެ. މުސާރަ ލިބޭނެ ދުވްހެއް ނޭންގޭތީވެ ވަޒީފާއަށް ނުނިކުމެ ތިބުމުން އެމެރިކާ ސަރުކާރު ހިންގާނީ ކިހެނެއް ހެއްޔެވެ ؟ މުސާރައަށް މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުލިބި ދުވަސްތައް ދިގުލައިގެން ދާނަމަ އެ އާއިލާތަކުން އުފުލަން ޖެހޭނެ ތަކްލީފްތަކަށް ހައްލެއް ގެނެވޭނެ މަގެއް ނެތެވެ.
މިއަހަރު ފެބްރުއަރީ މަހު އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަންފެށި ހަނގުރާމައަކީ ގަލްފުގެ ގައުމުތަކާއި އިސްރާއީލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރި ހަނގުރާމައެއްކަމަށާއި އެ ހަނގުރާމަކުރަން ހިނގި ޚަރަދުގެ އެންމެ ލޯ ލާރިއަކަށް ދާންދެން އެ ގައުމުތަކުން އެމެރިކާއަށް އަދާކޮށްދޭން ޖެހޭނެ ކަމަށް ސީ ބީ އެސް އަށް ދިން ބަސްދީ ގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާއިން އެ ހަނގުރާމަ ނުކުރިނަމަ މިއަދު އެއިން އެއްވެސް ގައުމެއް ދުނިޔެމަތީގައި ނުއޮންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެމެރިކާއިން ކުރި ހަނގުރާމައަށް އިސްރާއީލުންވެސް އަގު އަދާކުރަން ޖެހޭނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވި މިއީ އެންމެ ފުރަތަމަ ފަހަރެވެ. އެމެރިކާއިން ކުރި ޚަރަދު ގަލްފުގެ މުއްސަނދި ގައުމުތަކުން އަނބުރާ ލިބެން ޖެހޭނެ ކަމަށް ރައީސް ޓްރަމްޕް އާއިއެކު އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ ޚާރިޖީ ވަޒީރު މާރޯ ރޫބިއޯއެވެ.
ކުވޭތު ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ބަދްރު އަލް ސައިފް ވިދާޅުވެފައިވަނީ ޓްރަމްޕްގެ ވިދާޅުވުމަކީ ހަގީގަތުގައި ގަލްފުގެ ގައުމުތަކުން އަގު އަދާކުރަން ޖެހޭނެކަމަށް ވިދާޅުވުމަކަށްވުރެން ބޮޑަށް ސިޔާސީ ގޮތުން އެހެންމީހުންގެ ލޯމައްޗަށް ވައްޓާލެއްވި ފަރުދާއެއްކަމަށް ބެލެވެއެވެ. އެހެންނަމަވެސް ގަލްފުގެ ގައުމުތަކާއެކު އެމެރިކާއިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ދަށުން އެ ޚަރަދު އަތުލެވިދާނެ ގިނަ ގޮތްތަކެއް ހުންނާނެއެވެ. އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ސެކިއުރިޓީއާއި އަދި ޚާރިޖީ ސިޔާސަތުގެ ތަޖްރިބާކާރު އެނަލިސްޓް ސްޓެފަން ލުކާސް އަލް ޖަޒީރާއަށް މައުލޫމާތު ދީފައިވާގޮތުގައި ޓްރަމްޕް އެ މަސައްކަތްކުރައްވަނީ އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ބަދުނާމް އަޅުވާނެ ބޮލެއް ހޯދުމަށެވެ. އަދި އެ ވިދާޅުމުގައި ގަލްފުގެ ބައިވެރިން އަތުން ބަދަލު ހޯދުމުގެ އެދުންފުޅެއް އޮތް ކަމަށްވެސް ނުބެލެވެއެވެ ޔުނިވަރސިޓީ އޮފް އެމްސްޓެޑާމްގައި މެދުއިރުމަތީގެ ސިޔާސަތަށް ޚާއްސަ އެސިސްޓެންޓް ޕްރޮފެސަރ ފަރީދު ބުސައިދުގެ ވިސްނުންފުޅުގައި ރައީސްޓްރަމްޕް އެ ވިދާޅުވާ ޚަރަދުތައް ގަލްފުގެ ގައުމުތަކުން އިތުރު އިންވެސްޓްމެންޓްގެ ގޮތުގައި ވިޔަސް ހޯދާނެއެވެ.
އެމެރިކާގެ ނޭވީންގެ އެސްކޯރޓުގައި ގަލްފުގެ ގައުމުތަކުގެ ތެޔޮ ޓޭންކަރތައް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން އެހީތެރިވެ ދިން ކަމަށްޓަކައި އަގު ދޭން ޖެހޭނެކަމަށްވެސް މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައަށް އެމރިކާއިން ކުރަންޖެހުނު ޚަރަދުގެ ވާހަކަ ފެންމަތިވެފައި މިވަނީ މިޑްޓާރމް އިލެކްޝަންގައި ރިޕަބްލިކަން ޕާރޓީއަށް ލިބުނު ނާކާމިޔާބީގެ ބޮޑު ހިއްސާއަކީ އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ކަމަށް އެމެރިކާގެ ރައްޔިތުން ގަބޫލުކުރާތީކަން ފާހަގަކުރެވިފައިވާތީއެވެ. ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައިވާގޮތުގައި މިހާރު ހަނގުރާމަ ނިމިފައިވާކަމަށް ބެލެވުނަސް އެ ހަނގުރާމަ ފެށުމަކީ އެމަނިކުފާނު ކޮންމެހެންވެސް ކުރައްވަން ޖެހިވަޑައިގެންފައި އޮތް ކަމެކެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް އަހަރެން ބޮންއަޅައި ސުންނާފަތި ކޮށްނުލިނަމަ މިއަދު އިސްރާއީލެއް ނޯންނާނެކަމަށް އިސްރާއީލަށް މުޚާތަބު ކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ކޮންމެއަކަސް އެމެރިކާގައި ފައިސާނެތި ސަރުކާރުގެ މުއައްޒިފުންނާއި މިލިޓްރީންނަށްވެސް މުސާރަ ދެވޭނެ ގޮތެއް ނެތިގެން އުޅޭއިރު ރައީސް ޓްރަމްޕް އެ ވިދާޅުވާ ޚަރަދުތައް ގަލްފުގެ ގައުމުތަކުން ނުދީ ތިބެވިދާނެކަމާ ދޭތެރޭ ސުވާލު އުފެދެއެވެ. އެކަމަކު ގިނަ ތަޖްރިބާކާރުން ދެކޭގޮތުގައި ގަލްފުގެ ގައުމުތަކުން އެ ޚަރަދު ބޮލުގައި އަޅަން އިއުތިރާޒް ކުރާނެއެވެ. ސަބަބަކީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރި ހަނގުރާމައަކީ ގަލްފުގެ ގައުމުތަކުން ބޭނުންވެގެން ކުރި ހަނގުރާމައެއްކަން އެ ގައުމުތަކުން ގަބޫލު ނުކުރާތީއެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން އެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި މިހާރުވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާތީއެވެ.
![]()
